ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މުޅި ރާއްޖެއިން ވެސް އެންމެ ބޮޑު ތަރުހީބެއް ލިބޭ އައްޑޫ ސިޓީ އިން މިފަހަރު އެމަނިކުފާނަށް ލިބިވަޑައިގެންނެވީ އާދަޔާ ޚިލާފު ފިނި ތަރުހީބެކެވެ.
އެމްޑީޕީގެ އައްޑޫ ދާއިރާގެ އިސް ބޭފުޅުން ފާއިތުވެދިޔަ ތިން ދުވަހު، ރައީސް ނަޝީދު އައްޑުއަށް ވަޑައިގަންނަވާތީ އެމަނިކުފާނު ވަޑައިގަންނަވާ އިރަށް އެހެން ފަހަރުތަކެކޭ އެއްފަދައިން ގިނަ މީހުން އެއް ކުރުމަށް މަސައްކަތް ކުރިއެވެ.
ނަމަވެސް އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ހިތަދޫ ބަނދަރަށް އެއްވެފައިވަނީ އެމްޑީޕީގެ މަދު ސަޕޯޓަރުން ކޮޅަކާއި މޭޔަރ އަބްދުﷲ ސޯދިގްގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ވެރިންނެވެ.
ރައީސް ނަޝީދަށް މިހާ ކުޑަ ތަރުހީބެއް ލިބުނީ ކީއްވެތޯ ބެލުމަށް "އައްޑޫލައިވް" އިން ކުރި މަސައްކަތުން އެމްޑީޕީގެ ގިނަ ދުވަސްވީ ބައެއް އާންމު މެމްބަރުން ބުނެފައިވަނީ މިސަރުކާރު ގެނައީ ވަރަށް ގިނަ ގުރުބާނީތަކެއްވެ އެހާމެ ގިނަ އުއްމީދުތަކާ އެކުގައި ކަމަށެވެ. ނަމަވެސް އަހަރެއް ވުމަށް ކައިރިވެފައިވާއިރު އުއްމީދުކުރިވަރާ ގާތަށް ވެސް ކަންތައްތައް ހާސިލްވެފައިނުވާ ކަމަށް އެމީހުން ދެކެއެވެ.
ތަރައްގީގެ މަޝްރޫއުތައް އައްޑޫގައި ނުފެށި ލަސްވަމުންދާއިރު މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެނީ އައްޑޫ ޕަބްލިކް ވޯކްސް ސައިޓުގެ 124 މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އޮތްކަމުގެ ވާހަކައެވެ. ބުރާސްފަތި ދުވަހު ރައީސް އޮފީހުން އެކަން ނުވާނެ ކަމަށް އަންގާފައިވި ނަމަވެސް އަދިވެސް ރަސްމީ ސިފައެއްގައި ޔަގީންކަމެއް ނެތް ކަމަށް އެމީހުން ދެކެއެވެ.
ދެކުނު މަހާސިންތާ ގދ. ތިނަދޫގައި ނިންމަވާލެއްވުމަށް ފަހު ރައީސް ނަޝީދު އައްޑުއަށް ވަޑައިގެން ޕަބްލިކް ވޯކްސްގެ މުވައްޒަފުންނާ ވެސް ބައްދަލުކުރެއްވުމަށް އޮތީ ނިންމަވާފައެވެ.