Last Updated: November 24, 20:29
Sunday, November 24, 2024
ރިޕޯޓް

އެއްބުރުން "ސިޔާސީ ފިތުނަ"

އެމްޑީޕީގެ އައްޑޫ ސަޕޯޓަރުންތަކެެއް ހޮނިހިރު ދުވަހު ދިޔަ ދަތުރެއްގެ ތެރެއިން. ފޮޓޯ/ ކިއުންތެރިއެއް

ރާއްޖެ އަށް އަންނަން ފެށި ސިޔާސީ ބޮޑެތި ބަދަލުތަކުގެ ފައިދާ ފެންނަން ފަށާ އިރު، އެކަމަކުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް ގެއްލި މުޖުތަމައުގައި ފިތުނައިގެ އަލިފާންގަނޑެއް ރޯވެ އަނދަމުން ހުލިވަމުން ދާ ކަމާ މެދު ފުންކޮށް ނަޒަރު ހިންގާލަން އެބަ ޖެހެ އެވެ.

ސިޔާސީ ވާދަވެރިކަން އިހުނަށް ވުރެ މަތީ ދަރަޖައަކަށް މި ވަނީ ގޮސްފަ އެވެ. ރަށުގެ ދެ އަވަށުގެ ދޭތެރޭ އޮންނަ ބީރައްޓެހިކަން މިއަދު މިވަނީ އެއް އާއިލާގެ ތެރެއަށް ވެސް ވަދެފަ އެވެ. އާއިލާގައި ވެސް ޕާޓީތަކުގެ ކުލަވަރެވެ.

މިއަދު ފެންނަމުންދާ ހަގީގަތަކީ، ސިޔާސީ ތަފާތު ވިސްނުންތަކުގެ މީހުންގެ މެދުގައި ވާދަވެރިކަން އުފެދި އެ ވާދަވެރިކަން ދެކޮޅުވެރި ކަމަކަށް ބަދަލުވާން ފަށާފައިވާ މަންޒަރެވެ.
ޕާޓީގެ ރޫޙުގައި ކޮންމެ ފަހަދަ ޤުރުބާނީއެއް ވެސް ވާން ބައެއް މީހުން ޖެހިލުމެއް ވެސް ނުވާނެ އެވެ. އެހާ ވެސް ޕާޓީ ދެކެ ލޯބިވެފަ އެވެ.

ހުރިހާ ވެސް މައްސަލައަކީ ސިޔާސީ ގޮތުން އެ މީހަކު އެ ގެންގުޅޭ ވިސްނުމެވެ. ސިޔާސީ ފިކުރުތަކުގެ ތަފާތު ކަމެވެ. މުޖުތަމައުގެ އަފުރާދުންގެ މެދުގައި ރަނގަޅު ގުޅުމެއް ނެތް ނަމަ އެތަނެއް ތަރައްޤީ ވުމަކީ އުނދަގޫ ކަމަކަށް ވާނެ އެވެ.

ދެން އޮތީ ޕާޓީތަކުގެ ވެރިން ބޭނުން ކުރާ މޮޅެތި ބަސްތަކެވެ. އެ ބަސްތަކަކީ ޕާޓީގައި އާއްމު ބަހަކަށް ވިޔަސް އެ ބަހުން އަޅުގަނޑުމެންގެ ދަރިންނަށް ވަރަށް ބޮޑު އަސަރެއް ކުރާކަން ފާހަގަ ކުރެ އެވެ.
ސިޔާސީ ޕާޓީތަކުގެ ނަންތަކުން މީހުން "ލޭބަލް" ކުރަމުންދާ އިރު އެ ނަންތައް އަޅުގަނޑުމެންގެ ދަރިން ދަނީ ގޭތެރޭގައި ވެސް ބޭނުން ކުރަމުންނެވެ.

ވަކި މީހަކީ "ގޮޅާ" އެކޭ ބުނެ ނުވަތަ އަނެއް ބަޔަކު އެއީ "ގަންޖާ" އެކޭ ބުނާނެ އެވެ. ހަމައެހެންމެ "ބާޢީ" ނުވަތަ "ލާދީނީ" އެކޭ އެ ވެނި މީހަކީ, މިފަދަ ލަފްޒުތަކަކީ މިހާރުން ޅަކުދިންގެ މެދުގައި ވަރަށް އާއްމު ބަސްތަކެވެ.

ބޮޑު ދެ ބާރެއްގެ މެދުގައި އުފެދިފައިވާ ސިޔާސީ ހިޔާލު ތަފާތުވުމުގެ ސަބަބުން މުޖަމައުގައި އުޅޭ އާންމު ރައްޔިތުންގެ ހައްޤުތައް ގެއްލި ފިތުނައިގެ އަލިފާން ރޯވެދާކަށް އެފަދަ މުޖުތަމައުތަކުގައި ފުރުޞަތެއް ނުދެވޭނެ އެވެ.

ގައުމު ޑިމޮކްރަސީގެ ރޮނގުން ކުރިއަށް ޖެހޭ އިރު، ތަހްޒީބު ވުމުގެ ބަދަލުގައި ނާތަހުޒީބު ވަމުން ދިޔުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ
އެވެ.
ދަރިންނަށް އަޅުގަނޑުމެންގެ ފަރާތުން އެދަސްކޮށް ދެވެނީ ނުރަނގަޅު ނަމޫނާއެކެވެ. ރެއާއި ދުވާލު ޕާޓީތަކުގެ ވިދާ ކުލަތަކުގެ އަވާގައި ޖެހިގެން އަޅުގަނޑުމެން ތިބޭ ނަމަ އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލާ މެދު ވިސްނަން އެބަ ޖެހެ އެވެ.

މިކަމާ މެދު އަޅުގަނޑުމެން ވިސްނާ ނުލައިފި ނަމަ މާދަމާ މި މުޖުތަމައު އޮންނާނެ ގޮތަކާ މެދު ސުވާލު އުފެދެ އެވެ.