Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

މިހާރު ވެރިކަން ވައްޓާލަން އުޅެނީ އެތެރެއިން: ގާސިމް

ރައީސުލް ޖުމުހޫރިއްޔާގެ މަގާމަށް 'ރާއްޖެތެރޭ' ބޭފުޅަކު ވަޑައިގަތުމުން އެމަނިކުފާނު ބޭރުކުރުމަށް އަމިއްލަފުޅު ޕާޓީ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ޖޭޕީ ލީޑަރ ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފިއެވެ.

ޖޭޕީގެ ޖަލްސާއެއްގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް އެތެރެއިންނާއި ބޭރުން، ވެރިކަން ވައްޓާލަން މަސައްކަތް ކުރިޔަސް އެކަމެއް ކާމިޔާބު ނުވެވޭނެ ކަމަށެވެ. މިވެރިކަމަކީ ގާސިމްވެސް ހިމެނޭ ގޮތަށް ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ގެނައި ވެރިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭރު އަނިޔާ ލިބުނު ފަރާތްތައް އަނިޔާއިން ސަލާމަތްކުރުމަށް ފަހު މިހާރު، ރައީސް މަސައްކަތް ކުރައްވަނީ ވައުދުތައް ފުއްދުމަށް ކަމަށާއި، ނަމަވެސް އެކަން ނުކުރެވިގެން އުޅެނީ ހަމަ ޕާޓީގެ ބައެއް ބޭފުޅުންގެ ސަބަބުން ކަމަށް ގާސިމް އިތުރުކޮށްލެއްވިއެވެ.

ރައީސް ނަޝީދަށް ނުސީދާކޮށް އަނެއްކާވެސް ފާޑުކިޔާފައިވާއިރު ގާސިމް ވިދާޅުވީ، (މިއަހަރުގެ) 20 ބިލިއަންގެ ބަޖެޓު ކަމު ނުގޮސްފައިވާއިރު ސަރުކާރުން އަންނަ އަހަރަށް ހުށައެޅި 40 ބިލިއަނުގެ ބަޖެޓުވެސް މިހާރު ކަމު ނުގޮސްގެން އުޅޭ ކަމަށެވެ.

ސަރުކާރު "ސްލޯ" ކަމަށް ބުނެ، ގަހެއްގައި އިންނަ އަނބެއް ބިނދެލާހެން ރައީސުލް ޖުމުހޫރިއްޔާ ތަޅާ ވައްޓާލަން އުޅުނަސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.