Last Updated: November 24, 10:30
Sunday, November 24, 2024

ސުޒޭނާއަކީ ހެދި ހުރި ހަށިގަނޑު ރީތި ފަތްމިންޏޭ މިކިޔާ ޒާތުގެ އަންހެން ކުއްޖެކެވެ. ސްކޫލް ދައުރުގައި ވެސް މުޅި ސްކޫލްގެ ހުރިހާ ފިރިހެން ކުދިން ތިބެނީ އޭނާގެ އެންމެ އިޝާރާތަކަށް ބަލަބަލަ އެވެ.

ކުޑަކޮށް ޖެހިލުން ކުޑަ ކުދިން އޭނާ އާ ފޮށެން ވެސް ފޮށޭމެ އެވެ. ނަމަވެސް ސުޒޭނާ އެއިން އެއްވެސް މީހަކަށް ސަމާލު ކަމެއް ނުދެ އެވެ. އޭނާ ބުނާ ގޮތުން އޭނާގެ ޕްރިންސް އާ އަދި ދިމާ ނުވެ އެވެ.

"އޯހް…މަގޭ ޕްރިންސް ގައިގަ ހުންނަން ވާ އެއްވެސް ސިފައެއް ކަލޭގެ ނެތް. އަމިއްލަ ލޯގަނޑު ކުރިމަށްޗަށް އަރާ ދުވަހަކު ވެސް ސިފަ ބެލިންތަ. ކަލޭ އެކަށީގެންވާ ކުއްޖެއްް ކައިރިން ރައްޓެހިިވާން އެހިނަމަ." ސުޒޭނާ އޭނާ އާ އަޅައިގެން އުޅުނު ސްކޫލްގެ އެންމެ މޮޅު ކުއްޖާ ކަމަށ ވާ އާރިފް އަށް ދިން ޖަވާބަކީ ވެސް މިއީ އެވެ.

ސުޒޭނާ ހުންނަނީ އޭނ ާއަމިއްލަ ރީތި ކަން އޭނާއަށް ފެނިފަ ކަހަލަ އެވެ. ސްކޫލް ދައުރު ނިމުނު އިރު ގިނަ އަދަދެއްގެ ފިރިހެން ކުދިންގެ ހިތް ވަނީ ކަތިލެވިފަ އެވެ. ގުނާ އަދަދު ނުކުރެވޭހާ ސުޒޭނާގެ ލިސްޓް ވެސް ދިގެވެ. ބޯއި ފްރެންޑެއްގެ ގޮތުގައި އޭނާ ކުއްޖަކު ޓެސްޓްކޮށްލަނީ ދެ ދުވަހަށެވެ. އަދި" ޔޫ އަ ނޮޓް މައި ޓައިޕް" އޭ ކިޔާ އެ ކުއްޖަކާ ކުރި ހުރިހާ ވައުދެއް އޭނާ އުވާލަ އެވެ. މިހެން ހަދަން އޭނާ ޖެހިލުމެއް ނުވެ އެވެ.

ރީތިކަމާ އެއްވަރަށް ކިޔެވުމުގައި ވެސް އޭނާއަކީ ހޮވާލެވޭ ދަރިވަރެކެވެ. ސްކޫލް ނިމުނީ ރަނގަޅު ނަތީޖާއަކާ ވެސް އެކީގަ އެވެ. ފަހު ދުވަހު ސްކޫލުން އައިސް ގެއަށް ވަނުމާ އެކު މަންމަ އޭނާ އާ މުހާތަބު ކުރި އެވެ.

"ދަރިފުޅު ދެން ބުރުގާ އަޅަންވީނު."

"އައްޗި ދެން މަންމާ. މި ޒަމާނުގަ ބުރުގާ އެޅީމާ ވަޒީފާއެއް ވެސް ނުލިބޭނެ." ސުޒޭނާގެ މި ވާހަކައިން މަންމަ ހިމޭން ވެދެ އެވެ.

ސުޒޭނާ އެންމެ އަދާކުރާހިތްވާ ވަޒީފާއަކީ ރިޒޯޓް ވަޒީފާއެވެ. ސްކޫލްގަ އުޅުނު އިރު އެތައް ފަހަރެއްގެ މަތިން ކާރި ރިޒޯޓްތަކަށް އޭނާ ވަނީ އޯވަ ނައިޓް އަށާއި ޑޭ ސްޕެންޑްކޮށްލަން ގޮސްފަ އެވެ. އެތަނުގެ މާހައުލާއި އެ މިނިވަން ކަމަށް އޭނާ ވަރަށް ލޯބި ކުރެ އެވެ. އަދި އޭނާގެ ހުވަފެނަކީ މިކަހަލަ ތަނަކަށް އަބަދު ގެ އަބަދު އަންނަން ލިބުމެވެ.

މަންމަ ބުނެގެން ތެއްޔާއި ތަށި ދޮވެ ދޮވެ މިހާރު ވެސް އޭނާގެ އަތުގެ ސިފަ ގެއްލިއްޖެހެން އޭނާ އަށް ހީވެ އެވެ. މި ކަހަލަ އެއްޗެއް ހިތަށް އިހްސާސް ވާ އިރަށް އޭނާ އަވަހަށް އަތުގައި އެތައް ކުރީމެއް އުގުޅަން ފަށަ އެވެ.

(ނުނިމޭ)