Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އިސްލާމްދީނުގެ ދިފާޢުގައި ފުވައްމުލަކުގައި އެއްވުމެއް ބާއްވައިފި

"އިސްލާމްދީނުގެ ދިފާޢުގައި ފުވައްމުލަކު ރައްޔިތުން" މި ޝިޢާރުގެ ދަށުން ފުވައްމުލަކުގައި އެއްވުމެއް ބާއްވައި، އިސްލާމް ދީނާއި ދެކޮޅަށް ކުރެވޭ ކަންކަމާއި ދެކޮޅަށް އަޑު އުފުލައިފިއެވެ.

މިއަދު ހަވީރު ފުވައްމުލަކު ބަނދަރު ސަރަޙައްދުގައި ބޭއްވުނު މި އެއްވުމުގެ ބައިވެރިން ވަނީ، އެމްޑީއެން އުވާލެއްވި ކަމަށްޓަކައި ސަރުކާރަށް ޝުކުރު އަދާކުރުމާއިއެކު، އެޖަމުޢިއްޔާއިން ނެރުނު ރިޕޯޓު ތައްޔާރުކުރި މީހުންނާއި މެދު ފިޔަވަޅު އަޅައި ކުއްވެރިވާ މީހުން ސިޔާސީ ވަޒީފާތަކުން ވަކިކުރުމަށް ގޮވާލާފައެވެ.

ތަފާތުއެކި ޝިޔާރުތައް ލިޔެފައިވާ ބޯޑުތަކާއިއެކު އެއްވުމުގެ ބައިވެރިން ވަނީ، ޝަރުޢީ ނިޒާމު އިސްލާޙުކުރުމުގެ ނަމުގައި، އެމްޑީއެން ފިކުރުގެ ލާދީނީ ހާއްޔަކަށް ޝަރުޢީ ނިޒާމުގެ ނުހެދުމަށާއި ޝަރުޢީ ނިޒާމުގެ ތެރެއަށް އިސްލާމްދީން ޤަބޫލު ނުކުރާ މީހުން ނުވެއްދުމަށް ގޮވާލާފައި ވެއެވެ. އަދި ސްޕްރީމް ކޯޓުގެ ފަނޑީޔާރު އައިޝަތު ސުޖޫން މަޤާމުން ވަކިކުރުމަށްވެސް ވަނީ ގޮވާލާފައިވެއެވެ.

ގިނަޢަދަދެއްގެ ޤައުމީ ދިދަ އާއި މަދުން ނަމަވެސް ޤައުމީ ހެދުން ފެނިގެންދިޔަ އެއްވުމުގެ ބައިވެރިންވަނީ، ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު އިސްލާޙު ކުރުމުގެ ނަމުގައި، އިސްލާމްފޮތްތަކަށް ބަދަލު ގެންނަމުންދާކަމަށާއި، އެ ގެންނަނީ ކޮންބަދަލެއް ކަމާއި އެބަދަލު ގެންނަނީ ކޮންބައެއްކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ގޮވާލާފައެވެ.

އަދި އިސްލާމްފޮތުގެ މައްސަލާގައި ރައްޔިތުން ކަންބޮޑުވަނީ، އެމްޑީއެންގެ ރިޕޯޓުގައި އެންމެ ގިނައިން ދީނީގޮތުން ހައްދުފަހަނައަޅާ ސަބަބު ކަމަށް ފާހަނގަ ކޮށްފައިވަނީ އިސްލާމްފޮތުގެ ވާހަކަތައް ކަމަށްވެފައި، ރައިސުލް ޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ މަރުކޮމޮޝަނުން ތަޙުޤީޤު ކޮށް ޢައްމުކުރި ރިޟުވާނުގެ މަރުގެ ރިޕޯޓަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް، ދީނީ ގޮތުން ހައްދުފަހަނައަޅަނީ، ޤައުމީ މަންހަޖުގެ ސަބަބުން ކަމަށް ބުނެ މުޤައްރަރު އިސްލާޙުކުރަން ޖެހޭކަމަށް ބުނެފައިވާ ދުވަސްވަރެއްގައި އިސްލާމްފޮތް އިސްލާޙުކުރަމުންދާތީ ކަމަށްވާތީކަމަށް ގޮވަމުންދިޔައެވެ.

ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ނަން ބޭނުންނުކުރާ މިޞުލްޙަވެރި މިއެއްވުން އެއްވާންޖެހުނު ސަބަބެއްކަމަށް ބައިވެރިން ގޮވާލާފައިވަނީ، ޒަމާނުއްސުރެ ފިލާތިބެގެން ދިވެހިރާއްޖެއިން އިސްލާމް ދީން ފޮހެލުމަށްޓަކައި ކޮންމެވެސް ބަޔަކު މަސައްކަތް ކުރަމުންދާ ކަމުގެ އަޑު އިވެމުން އައި ކަމަށާއި، ނަމަވެސް މިހާރު އެމީހުން، ތޮށިގަނޑު ފަޅާލާފައި ބޭރަށް ނިކުމެ ލަދެއް ޙަޔާތެއް ނެތި، ދިވެހިންގެ މާތްވި އިސްލާމް ދީނުން ދިވެހިން ބޭރުކޮށް ކާފަރުކުރަން ބަޔަކު ގަދައަޅައި މަސައްކަތްކުރާތަން ލޮލުންފެނި އަތުން ހިފި އެކަމަށް ކެތް ނުކުރެވިގެން ކަމަށެވެ.

ޝުޢޫރު ލިޔެފައިވާ ބޯޑުތަކުގެ ތިރީގައި، "ފުވައްމުލައް ދުނިޔޭގައިވާ އެންމެ އުފާވެރިތަން" އަދި 'ބޭން އެމްޑީއެން' މިހެން ލިޔެފައިވާ ބޯޑުތައް ހިފައިގެންތިބި މި އެއްވުމުގެ ބައިވެރިންވަނީ، އެމްޑީއެން އާއި އެމްޑީއެން ދިފާޢުކުރަމުންދާ ފަރާތްތަކުން ކުރަމުން އަންނަ އެންމެ ނުރައްކާތެރި ކަންކަމުގެ ގޮތުގައި 2 ކަމެއް ފާހަނގަ ކޮށްފައެވެ.

އެއީ އިސްލާމްދީނަށް ކިރިޔާވެސް ލޮއެތްބެއް ކުލުނެއްހުރި މީހެއްވެއްޖެއިއްޔާ އެމީހަކީ، ދީނީ ގޮތުން ހަރުކަށި މީހެއްކަމަށް ލޭބަލްކޮށް، އަދި އިސްލާމް ދީނާއި ދެކޮޅުމީހުންނާއި އިސްލާމްދީނަށް މަލާމާތާއި ފުރައްސާރަ ކުރަމުންދާ މީހުންނާއި އަދި އެއްޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ މީހުން ފަދަ މީހުންނަކީ 'މިނިވަން ފިކުރުގެ' މީހުން ކަމަށް ލޭބަލް ކޮށް އެއީ އެއްވެސް ކަމެއް ނޫންކަމަށް ދައްކައި އެފަދަ މީހުން ޙިމާޔަތްކުރުންކަން ފާފަނގަކޮށްފައިވެއެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓާއި ގުޅިގެން ރައްޔިތުން ޝޫޢޫރު ފާޅުކުރަމުންދާތާ 2 މަސްފަހުން މި ހަފްތާތެރޭގައި ސަރުކާރުން ވަނީ އެޖަމުޢިއްޔާ އުވާލާފައެވެ. އަދި ފުލުހުން ކުރަމުންދާ ތަޙްޤީޤަށް އެޖަމުޢިޔާގެ ބައެއް އިސްވެރިން ކަމުގައިވާ، މިވަގުތު ރައްޖޭން ބޭރުގައި ތިބި، ޝާހިންދާ އިސްމާޢީލް އާއި އަޒްރާ ނަސީމު ވަނީ ޢަމާން މާޙައުލެއް ނެތްކަމަށް ބުނެ ފުލުސް އޮފީހަށް ހާޒިރުވުމަށް އިންކާރުކޮށްފައެވެ.