ކޮންމެ ދުވަހަކު ވެސް އިރު އޮއްސޭ މަންޒަރު ބަލަން ދިއުމަކީ މާދިންގެ މިހާރުގެ އާދައެކެވެ. މާދިންގެ މާޒީގެ ހިތި ހަނދާންތައް އިރު އޮއްސޭ މަންޒަރު ފެނުމުން ހިތަށް ގެންނަން އޭނައަށް މަޖުބޫރެވެ.
އެކަނި މާއެކަނި ދިރިއުޅުމާއިގެން ކުރިއަށް ދަނީ ކޮންމެ ވެސް ދުވަހަކުން މާދިންގެ މަންޒިލަށް ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާ އެކުގަ އެވެ.
ކޮންމެ ދުވަހަކީ ވެސް ހިތި ތަޖުރިބާއެއް މާދިންގެ ހަޔާތާ ކުރިމަތިލާ ދުވަހެކެވެ. މާދިންގެ އަތުގައި މި އޮތް ޑައިރީ ބަލައިލުމުން ވެސް އެކަން ހާމަ ވެގެންދެ އެވެ.
މާދިންގެ ހިތަކީ މިހާރު ހަރު ހިތެކޭ ނުވެސް ބުނެވިދާނެ އެވެ. ލޮލޮން ކަރުނަ ހިކިއްޖ ެއެވެ. މާދިންއަކީ އާއިލާގެ އެންމެ ހަގު ފިރިހެން ދަރިފުޅެވެ. ކޮންމެ މީހަކުގެ ނަޒަރުގައި ވެސް މާދިންއަކީ ކުޑަ ކުއްޖެކެވެ.
މާދިން ކިޔަވަމުން މިހާރު ދަނީ ގްރޭޑް 10 ގަ އެވެ. ނަމަވެސް އާއިލާގައި ގެންގުޅޭ ތަފާތު ކުރުންތަކުން މާދިންގެ ކިޔެވުމަށް ވަރަށް ބޮޑު އަސަރެއް ވަނީ ކޮށްފަ އެވެ. އެކަމެއް އެއްވެސް މީހަކަށް ނޭގެނެ އެވެ. މާދިންގެ ކުށަކީ މާދިން ކަޅުވީމަ ހެއްޔެވެ؟ ނުވަތަ އާއިލާގެ އެންމެ ހަގު ކުއްޖަކަށް ވީމަ ހެއްޔެވެ؟ ނަމަވެސް މާދިން އެއްވެސް މީހަކަށް ހިތްބުރަ ކަމެއް ނެތެވެ.
އާއިލާގެ ހުރިހާ މެމްބަރުން ދެކެ ވެސް ނުހަނު ލޯބިވ ެއެވެ. މަންމަ އާއި ބައްޕަގެ ލޯބި ނުލިބުނަސް މާދިންގެ އުއްމީދަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. މަންމަމެން ފަހުރުވެރިވާ މީހަކަށް ކޮންމެ ވެސް ދުވަހަކުން މާދިން ވާނެ ކަމަށް ހިތުގެ އަޒުމުގައި ވެ އެވެ.
އާދައިގެ މަތިން މިއަދު ވެސް މާދިން ސްކޫލު ނިންމާފައި ގެއަށް އައީ މެންދުރު އެކެއް ޖެހި އިރު އެވެ. ރަށުގެ މެދުގައި ސްކޫލް ހުރުމުން ހިނގާފައި ސްކޫލަށް ދާން ވަރަށް ގިނަ އިރު ނަގ ައެވެ. ސަބަބަކީ ގެ ހުންނަނީ ރަށުގެ ކޮޅުގައި ކަމަށްވާތީ އެވެ.
ބައްޕަ ކޮންމެ ދުވަހަކުވެސް މާދިންގެ ބޭބެ ސްކޫލަށް ގެންދަނީ ކާރުގ ައެވެ. އެކަމަކު މާދިން ދުވަހަކ ުވެސް ބައްޕަ އާ އެކު ސްކޫލަށް ދާނެ ފުރުސަތެއް ނުލިބެ އެވެ. ނަމަވެސް އެކަމާ ޝަކުވާއެއް ދުވަހަކު ވެސް ނުކުރަ އެވެ.
މާދިން ގެއަށް ވަންތަނާ ހުރިހާ މީހުން ދައްކަމުން ގެންދިޔަ ވާހަކަތައް ހުއްޓާލައިފި އެވެ. އެކަމަކަށް މާދިން އެއްވެސް ސަމާލު ކަމެއް ނުދެ އެވެ.
"މިއަދު ކައިގެން ދޭބަލަށް ގޭ ބިއްދޮށުގައި ހުރި ކުނިތައް ނަގާ އެތަން ސާފު ކުރަން. އެތަނުގައި ކޮޓަރިއެއް ހަދަން ބައްޕަ އެ އުޅެނީ." މަންމަ, މާދިން އަށް ބަލައިލުމުން ބުނެލި އެވެ.
މާދިން އަކީ މަންމަމެންނާ ދެކޮޅަށް ދުވަހަކު ވެސް އެއްވެސް އެއްޗެއް ބުނި ކުއްޖެއް ނޫނެވެ. ދާނަމޭ ބުނުމުގެ ގޮތުން ބ ޯޖަހާލި އެވެ. ފެންވަރައިގެން މެންދުރު ނަމާދުކޮށްގެން ބަދިގެއަށް ވަން އިރު ހުރިހާ އެންމެ ކައި ނިންމާލައިފި އެވެ.
ކޮންމެ ދުވަހަކު އެކަނިމާ އެކަނި ކާން ޖެހުމަކީ މާދިންގެ އާދައެކެވެ. މޭޒުމަތީގައި މާދިން އަށް އަރުވާފައި ހުރީ ބަތާއި ރިހާކުރެވެ. ރިހާކުރަކީ އެހާ މީރު އެއްޗަކަށް ނުވުމުން ބަދި ގޭގައި ހުރީ ކޯޗެއްތޯ ބަލައިލި އެވެ. މަތި ޖަހާފައި ހުރި ތެއްޔެއްގައި ރިހަ ހުއްޓެވެ. އަދި ތަށްޓެއްގެ ތެރޭގައި މަތި ޖަހާފައި ރޮށި ހުއްޓެވެ. ނަމަވެސް މަންމަގެ ހުއްދަ ނުހޯދައި ނުކަންވެގެން މާދިން މަންމަ އަށް ގޮވައިލިއެވެ.
"މަންމާ…މީ ކާކަށް ބަހައްޓާފަ ހުރި ރޮއްޓެއް؟" މާދިން ސުވާލު ކުރި އެވެ.
"ތީ މާދިންގެ ބޭބެ މެންދުރު ކައިފައި މިރޭ ކާންވެގެން ފޮރުވާފަ ހުރި ރޮށިތައް. ކީއްކުރަން ނުބުނެ ބަދިގޭގައި ހުރި ކާ އެއްޗެހި ބަލަނީ؟" މާދިންގެ މަންމަ ސަކީނާ ރުޅިގަދަވި އެވެ.
"ކިތައް ފަހަރު މާދިން ކައިރީ ބުނެފަ އޮންނާނީ ވައްކަން ނުކުރާށ.ޭ" ސަކީނާ ބޭނުންވީ މިއަދު މާދިންގެ ބައްޕަ ޔޫސުފް ރުޅި އަރުވާށެވެ.
ކަންދިމާ ކުރީ ސަކީނާ ބޭނުންވި ގޮތަށެވެ. ސަކީނާގެ ވާހަކަ ނުނިމެނީސް ޔޫސުފް ކޮޓަރިން ނިކުތެވެ.
"މާދިންއަށް ކިހިނެތް ވެފާތަ ތި ހުންނަނީ. ތީ ދުވަހަކު ވެސް އަހަރެން އުޅުނު ގޮތެއްތަ؟ މީހަކު ބަހައްޓާފަ ހުރި އެއްޗެއް ނުބުނެ ނެގިންތަ؟" ޔޫސުފް ފެނުމުން ސަކީނާ ހާސަރު ދަމާލ ިއެވެ.
"މިހާރު ކިނިހެތްވީ؟ ނިދަން ވެސް މިހާރު އުނދަގޫވޭ." ޔޫސުފް ސަކީނާ ދިމާލަށް ބަލައިލުމުން ބުނެލިއެވެ.
"ވީ ކަމެއް ނޭގޭތަ؟ މި މާދިން ދެންމެ އަހަރެން ބަދިގެއަށް ވަން އިރު ހުރީ ނާހިލް އަށް މިރޭ ދޭން ބަހައްޓާފައި ހުރި ރޮށިތައް ނަގަން. މިއަދު މެންދުރު ވެސް އެސޮރު ރަނގަޅަކަށް ނުކައި ހުރީ." ސަކީނާ ބޭނުންވީ ދޮގެއް ހަދައިގެން ވެސް ޔޫސުފްގެ ފަރާތުން ކަމެއް ދައްކާށެވެ.
(ނުނިމޭ)