ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލަ އުޅޭ ކަމަށް ދައްކަނީ ބަޔަކު ހައްދަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ ދެ ރައީސުންގެ ދެމެދުގައި މައްސަލަ އުޅޭ ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުވިޔަސް، ދެބޭފުޅުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެއީ ބަޔަކަށް ދައްކަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދީނާ ދެކޮޅަށް ކުރާ މަސައްކަތަކީ ރައީސް ނަޝީދު ކުރުވާ ކަމެއް ކަމަށް އިމްރާން ބައެއް އިލްމުވެރިން ކައިރީ ވިދާޅުވަމުން އައި ނަމަވެސް އެއީ ރައީސް ސޯލިހާއި ނަޝީދު އެކުގައި ކުރައްވާ ކަމެއް ކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދީނާ ދެކޮޅަށް މިއަދު މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ މިދިޔަ އަހަރު ރިޔާސީ އިންތިޚާބުގައި އެވާހަކަ ވަރަށް ބާރަށް ދެކެވުނު ކަމަށާއި އެކަން މިއަދު ރާއްޖެއިން ފެންނަމުން އަންނަ ކަމަށް އޭނާ ބުނެފައިވެއެވެ.
ހޯމް މިނިސްޓަރ އިމްރާނަށް ވެސް ވަރަށް ބޮޑަށް އަދުރޭ ފާޑުވިދާޅުވިއިރު އިމްރާނަކީ ފޭކު ސޭކެއް ކަމަށާއި އިމްރާން ދުވަހަކުވެސް ދީނީ ދަރުސެއް ދެއްވި ތަން ދެކުނު ބަޔަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.