Last Updated: November 24, 10:30
Sunday, November 24, 2024
ރިޕޯޓް

ޤުރުއާނުގެ ވިޔައިގެ މުޢުޖިޒާތް: ތަފާތު ނަޒަރަކުން (1)

ނޯޓް: މިއީ އަހުމަދު ނާސިހު ތަރުޖަމާ ކުރައްވާފައިވާ ލިޔުމެކެވެ. މި ލިއުން މި ގެނެސް ދެނީ ބައިތަކަކަށް ބަހާލައިގެންނެވެ.

މުޢުޖިޒާތްތަކަކީ އާދަތައް ފޫވައްޓައިލަނިވި ނުވަތަ ޢާއްމު ޠަބީޢަތާ ޚިލާފަށް، ޙައިރާންކުރުވަނި ގޮތެއްގައި ހިނގާ ޙާދިޘާ ތަކެވެ. އެހެން ޢިބާރާތަކުން ދަންނަވާނަމަ މުޢުޖިޒާތަކީ އިންސާނުންނަށް އެނގިގެންވާ ޢާއްމު އުޞޫލެއްގެ ދަށުން މިވެނިގޮތަކަށް ފާޅުވާ އެއްޗެއްގެ ގޮތުގައި ސިފަކުރުމަކީ އެކަށޭނަ ކަމެއް ނޫނެވެ.

އަޅުގަނޑުމެން ދިރިއުޅެމުން މިދާ ޒަމާނުގައި ޢާއްމުކޮށް މުޢުޖިޒާތް ނުދައްކަވައެވެ. މިހާރުގެ މީހުން މުޢުޖިޒާތުގެ ގޮތުގައި ބަލަނީ އެކިއެކި ޤުދުރަތީ "ފެނޮމެނާ" ތަކެވެ. ނުވަތަ ކޮންމެ ދުވަހަކު ވެސް ހިނގަމުން މިދާ ކަންތައްތަކުގެ ތެރެއިން އާދަޔާ ޚިލާފު ކަމެއް ކަމަށް ނިންމަން ޙާލަތު މަޖްބޫރުކުރާ ކަންތައްތަކެވެ.

މިޒަމާނުގައި މާއްދިއްޔަތަށް މީސްތަކުން ލެނބިފައިވާ މިންވަރުން، ތަބީޢީ ޤާނޫނުން އެކަމެއް ހިނގާގޮތް ބަޔާންކޮށް ނުދެވޭވަރުގެ އެއްވެސް ކަމެއް ހިނގައިފާނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލެއް ނުކުރެވެއެވެ. މިޒަމާނުގެ ސިކުނޑިތަކަށް ޤަބޫލް ކުރެވޭގޮތުގައި، މުޢުޖިޒާތްތަކަކީ ޠަބީޢީ ޤާނޫނުގެ ޙައްދުގެ ތެރޭގައި ހިނގައިފަހުންނަ، އެކަމަކު އެކަންތައްތައް ހިނގިގޮތް އަދި ބަޔާންކޮށް ދެވޭވަރަށް މަޢުލޫމާތު ނުލިބޭ ކަންތައްތަކެވެ.

އެކަމަކު މިހުރިހާ ވިސްނުމެއް ވެސް އެއްފަރާތްކޮށްލައިފަ، އަޅުގަނޑު ބަޔާންކުރެވޭތޯ މި މަސައްކަތްކުރަނީ ޙަޤީޤީ މުޢުޖިޒާތަކީ މިވަގުތުވެސް ދުނިޔޭގައި ފާޅުވެގެންވާ އެއްޗެއް ކަމެވެ. އެ މުޢުޖިޒާތް ޤާއިމްވެފައިވަނީ “ޤުރުއާން”ގެ ސިފައިގައެވެ. ޤުރުއާނަކީ ހުރިހާގޮތަކުން ބެއްޔަސް މުޢުޖިޒާތެކެވެ. އޭގައިވާ އަދަބިއްޔާތާއި، ޙިކްމަތާއި، ދިރިއުޅުމާ ބެހޭގޮތުންނާއި، ތަފާތު އެކިއެކި ކަންކަމާ ބެހޭގޮތުން ހާމަކުރައްވައިފަވާ މަފްހޫމްތަކުގެ ސީދާކަމާއި، ޤުރުއާން އުނގެނުމަށް ބޭނުންވާ މީހުންނަށް މަގުދެއްކުމުގައިވާ ފަސޭހަ ގޮތާއި، މިހުރިހާ ކަންކަމަކީ ވެސް މުޢުޖިޒާތްތަކެކެވެ. އެކަމަކު މި ދެންނެވި ކަންތައްތަކަކީ، ފަހަރެއްގައި، މާއްދީގޮތުން ހެކިދައްކައި ސާބިތުކޮށްދޭން އުނދަގޫ، ނުވަތަ ހަމައެކަނި ފިކުރީ ކަންތައްތަކެއްގެ ގޮތުގައި ބެލެވިދާނެއެވެ.

ޤުރުއާނުގެ ލިއުންތަކުގެ މުޅި އޮނިގަނޑު އެކުލެވިގެންވަނީ އޭގައި އެތައް މުޢުޖިޒާތެއް ހިމެނިގެންނެވެ. އެ ތަރުތީބު ކުރުމުގައްޔާއި، އެތުރުމުގައިވެސް މެއެވެ.

ޤުރުއާނުގެ 74 ވަނަ ސޫރަތް ކަމުގައިވާ އަލްމުއްދަޘިރު ސޫރަތުގެ30 ވަނަ އާޔަތުން ފެށިގެން 37 ވަނަ އާޔަތުގެ ނިޔަލަށް ވަނީ މިފަދައިންނެވެ.

عَلَيْهَا تِسْعَةَ عَشَرَ * وَمَا جَعَلْنَآ أَصْحَبَ آلنَّارِ إِلاَّ مَلــئِكَةً، وَمَا جَعَلْنَا عِدَّ تَهُمْ إِلاَّ فِتْنَةً لِلَّذِ ينَ كَفَرُوأ لِيَسْتَيْقِنَ آلَّذِ ينَ اُوتُواْ آلْكِتَبَ وَيَزْدَادَ آلَّذِ ينَ ءَامَنُوآ إِيْمَنًا، وَلاَ يَرْتَابَ آلَّذِ ينَ اُوتُواْ آلْكِتَبَ وَآلْمُؤْمِنُونَ، وَلِيَقُولَ آلَّذِ ينَ فِى قُلُوبِهِم مًّرَضٌ وَآلْكَفِرُونَ مَاذَآ أَرآدَ آلَّلهُ بِهَذَامَثَلاً، كَذَالِكَ يُضِلُّ آلَّلهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ، وَمَايَعْلَمُ جُنُودَ رَبِّكَ إلاَّهُوَ،وَمَاهِىَ إلاَّ ذِ كْرَى لِلْبَشَرِ * كَلاَّ وَآلْقَمَرِ * وَآلَّيْلِ إِذْأَدْ بَرَ * وَآلصُّبْحِ إِذَآأَسْفَرَ * إِنَّهَالإَحْدَى آلْكُبَرِ * نَذِيرًا لِلْبَشَرِ * لِمَن شَآءَ مِنْكُمْ أَن يَتَقَدَّمَ أَوْ يَتَأَخَّرَ *

މިއާޔަތްތަކުގެ ތަރުޖަމާއަކީ:-
ނަރަކައިގެ މައްޗަށް ނަވާރަ (މަލާއިކަތުން) ލައްވާފައިވެއެވެ. މަލާއިކަތުން މެނުވީ ނަރަކައިގެ ވެރިން ކަމުގައި ތިމަން އިލާހު ނުލައްވަމުއެވެ. އަދި ކާފިރުވެއްޖެ މީހުންނަށް ފިތުނަ އެއް (އިމްތިހާނެއް) ކަމުގައި މެނުވީ އެބައިމީހުންގެ އަދަދު (19 ކަމުގައި) ތިމަން އިލާހު އިޚްތިޔާރެއް ނުކުރައްވަމެވެ. (އެއީ) އަހުލުކިތާބީންނަށް ޔަޤީންކަން ދެއްވެވުމަށާއި އީމާންވެއްޖެ މީހުންގެ އީމާންކަން އިތުރު ކުރެއްވެވުމަށްޓަކައެވެ. އަދި އަހުލުކިތާބީންނާއި އީމާންވެއްޖެ މީހުންނަށް އަރާނެ އޮޅުމެއް ނުއޮތުމަށެވެ. އަދި އެބައިމީހުންގެ ހިތްތަކުގައި ޝައްކެއްވާމީހުންނައި ކާފިރުން ބުނާނެތެވެ. މިބަސްފުޅުން ﷲ އެދިވޮޑިގެންވީ ކޮންއެއްޗެއް ހެއްޔެވެ. އެފަދައިން ﷲ އިރާދަކުރެއްވި މީހަކު މަގުފުރައްދަވައި އިރާދަކުރެއްވި މީހަކަށް ހިދާޔަތު ދައްކަވައެވެ. އަދި އެއިލާހު މެނުވީ އެހެން ފަރާތަކަށް އިބަ (އެބަހީ މުޙައްމަދު ޞައްލައްﷲ އަލައިހި ވަސައްލަމް) ހައްދަވައި ބޮޑުކުރެއްވި އިލާހުގެ މަލާއިކަތުން އެނގިގެންނެއް ނުވެއެވެ. އަދި އިންސާނުންނަށް ހުރި (ޢިބްރަތްތެރި) ޒިކުރާ އަކަށް މެނުވީ ނަރަކަ ނުވެއެވެ. * ތިމަން އިލާހު ހަނދު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރައްވަ މެވެ. * އަދި ނިމިގެންދިޔަ ރޭގަނޑު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަހީކުރައްވަމެވެ. * އަދި ފާޅުވެގެން އަންނަ ހެނދުނު ގަންދެއްވައި ހުވައިގެ ބަސްފުޅު ވަޙީކުރައްވަމެވެ. * ހަމަކަސަވަރުން ނަރަކައަކީ މުސީބާތް ބޮޑުވެގެންވާ ތަނެކެވެ. އިންސާނުންނަށް ހުރި އިންޒާރަކަށެވެ. (އެ އިންޒާރުވަނީ) އެބައިމީހުންގެ ތެރެއިން (ރަނގަޅު ކަންތައްތަކުގައި) ކުރިއަށް ދިއުމަށް އެދޭ މީހުންނަށާއި ނުވަތަ (ނުބައި ކަންތައްތަކުގެ ތެރޭގައި) ފަސްވެ ދެމިތިބުމަށް އެދޭމީހުންނަށްޓަކައެވެ. (ތަރުޖަމާ: ޤުރުއާނާބެހޭ މަރުކަޒު)

މިއާޔަތްތައް އަޅުގަނޑުމެންނަށް އަންގާދެނީ ”ނަވާރަ” މި އަދަދު މާތްﷲ ކަނޑައަޅުއްވާފައިވަނީ، ޤުރުއާނަކީ މާތްﷲ ގެ ފޮތްކަމާއި އަދި އެފޮތުގެ ޞައްޙަކަން ސާބިތުކޮށް ދެއްވުމުގެ މުޢުޖިޒާތެއްގެ ގޮތުގައި ކަމެވެ.

(ނުނިމޭ)