ސްރީ ލަންކަން އެއާލައިންސުން ގަމަށް ޝެޑިއުލް ދަތުރުތައް ފެށިތާ ތިން އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް އައްޑޫ ސިޓީގައި ހަތަރު ދުވަހަށް އިންޑިިޔާގެ ކައުވެރީ ހޮސްޕިޓަލާ ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭމްޕް މިއަދު ފަށައިފިއެވެ.
މި ކޭމްޕް ފައްޓަވާ ދެއްވީ ކައުވެރީ ހޮސްޕިޓަލްގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފުއްސާދަތުއެވެ. އޭނާ ވިދާޅުވީ މިފަދަ މެޑިކަލް ކޭމްޕެއް އައްޑޫގައި ބޭއްވުމަކީ އައްޑޫ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ. އައްޑޫ އަކީ މިވަގުތު ސްޕެޝަލިސްޓުން ވަރަށް ބޭނުންވާ ސިޓީއެއް ކަމަށާއި ސްރީލަންކަން އެއާލައިންސް ކައުވެރީ ހޮސްޕިޓަލާ ގުޅިގެން އައްޑޫ ރައްޔިތުންނަށް ފެށި ޚިދުމަތަކީ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނާނެ ޚިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރަފް ވަނީ މިދިޔަ ފަހަރު ބޭއްވުނު ކޭމްޕަށް ވުރެ މިފަހަރު ބޭއްވޭ ކޭމްޕަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބު ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން މިހާތަނަށް 150 އެޕޮއިންޓްމަންޓް ލިބިފައިވާކަން އޭނާ ފާހަގަކުރިއެވެ. އަދި ލިބުނު ފުރުސަތަށް ވުރެ ޑޮކްޓަރަށް ދައްކަން ބޭނުން މީހުން ގިނަކަން ވެސް އޭނާ ފާހަގަކުރިއެވެ.
ނިއުރޯލޮޖިސްޓެއްގެ އިތުރުން ކާޑިއޮލޮޖީ، ހަކުރު ބަލި، ނޭވާލާ ނިޒާމުގެ ބައްޔާއި ޑައިޓީޝަނެއް ވެސް މިކޭމްޕުގައި ބައިވެރިވެ އާންމުން ބަލަމުންދާނެއެވެ. ކޮންމެ ޝިފްޓެއްގައި ކޮންމެ ސްޕެޝަލިސްޓެއް ވެސް ބަލާނީ އެންމެ 25 މީހުންނެވެ.
މެޑިކަލް ކޭމްޕާ ގުޅޭގޮތުން ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ހޭންޑްލަރ، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ ފިރާގު ވިދާޅުވީ ހަމައެކަނި މީހުން ފުރުވުމުގެ އިތުރުން ވެސް މުޖުތަމައަށް ބޭނުންވާ މުހިންމު ކަންތައްތަކުގެ ބައިވެރިވުމަކީ ސްރީލަންކަންގެ އަމާޒެއް ކަމަށެވެ. މެޑިކަލް ކޭމްޕެއް އެއާލައިނާ ގުޅިގެން ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ މިވަގުތު އައްޑުއަށް ސިއްހީ މިފަދަ ސްޕެޝަލިސްޓުން ބޭނުންވެފައިވާ މިންވަރު ބޮޑުކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މިފަހަރު، އިންޑިޔާގެ ހޮސްޕިޓަލަކާ ގުޅިގެން ކޭމްޕު ބޭއްވީ، ދިވެހިންނާ އަދިވެސް ބޮޑަށް ގުޅެނީ އިންޑިޔާގެ ސިއްހީ ނިޒާމާ ކަމަށްވާތީ ކަމަށާއި އިންޑިޔާ ހޮސްޕިޓަލްތަކަކީ ދިވެހިން ވަރަށް ފަރިތަ ހޮސްޕިޓަލްތަކަށް ވާތީ ކަމަށެވެ.
ފިރާގު ވަނީ ސްރީލަންކަންގެ ފްލައިޓުތައް އައްޑޫ ގަމުގެ އިތުރުން ހުވަދޫއަށް ވެސް ފުޅާ ކުރަން ވިސްނުން އެބަ ހުރި ކަމަށެވެ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނައިރު ހުވަދޫ އާއި ފުވައްމުލަކުގެ ކަނެކްޓިން ފްލައިޓުތައް އިތުރުކުރަން ޖެހޭ ކަމަށް ސްރީލަންކަން އެއާލައިންސްގެ އޭރިއާ މެނޭޖަރ ނަޔޯމީ ވެސް ވަނީ ފާހަގަކޮށްފައެވެ.