މީހަކަށް އަނިޔާވެރިވެފައިވާ ނަމަ ދުނިޔެ މަތިންވެސް ﷲ އެކަން އެމީހަކަށް ދައްކަވާކަމީ ދުނިޔޭގެ ހަގީގަތެއް ކަމަށް ރައީސުލް ޖުމުހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރޭ، ދިވެހި ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ އަނިޔާވެރިންނަށް ދުނިޔޭގައާއި އާޚިރަތުގައި އެކަމުގެ އުގޫބާތާ ކުރިމަތިލާން ޖެހޭ ކަން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ.
އެއީ ކޮންމެ މަގާމެއްގައި ތިބި ބަޔަކަށް ވިއަސް، ތާ އަބަދު އެމަގާމުގައި ތިބެވޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އަނިޔާވެރިވުމަށް ފަހު، ޚިޔާނާތްތެރިވުމަށް ފަހު އުފަލާ އަރާމުގައި ތިބެވޭނެ ކަމަށް ބެލުމަކީ ގޯހެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ދީނަށް ބޯލަނބާ ގާނޫނާއި އެެއްގޮތަށް އަމަލުތައް ބެހެއްޓުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ނައިބު ރައީސް ވަނީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވާފައެވެ. އަދި ރާއްޖެއަށް އިސްލާމް ދީނުގެ ހިދާޔަތު އައުމަށް ފަހު ރާއްޖެ ބަދަލުވި ގޮތުގެ މަތިން ހަނދާންކޮށް އަމަން އަމާން ކަމާއި ސުލްހަ މަސަލަސް ކަން އިސް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
ނައިބު ރައީސްގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޯލިޝަން އެއް ލީޑަރު ކަމަށްވާ ރައީސް މައުމޫންގެ އިތުރުން ސަރުކާރުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މި ޖަލްސާގައި ބައިވެރިވިއެވެ.