(ޖުލައި 10، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
"ވީ ކަމެއް ނޭގޭތަ؟ މި މާދިން ދެންމެ އަހަރެން ބަދިގެއަށް ވަން އިރު ހުރީ ނާހިލް އަށް މިރޭ ދޭން ބަހައްޓާފައި ހުރި ރޮށިތައް ނަގަން. މިއަދު މެންދުރު ވެސް އ ެސޮރު ރަނގަޅަކަށް ނުކައި ހުރީ." ސަކީނާ ބޭނުންވީ ދޮގެއް ހަދައިގެން ވެސް ޔޫސުފްގެ ފަރާތުން ކަމެއް ދައްކާށެވެ.
ޔޫސުފްގެ ރުޅި ކޮންޓްރޯލެއް ނުވި އެވެ. އެ ދިޔަ ގޮތަށް ގޮސް ރިހަ ތެލީގައި ހުރި ރިހަ އެޅީ މާދީންގެ ބޮލަށެވެ. މާދިން އަޑުން އަޑު ނަގައި ރޯން ފެށި އެވެ.
އަޅާލާނެ އެކަކު ވެސް ނެތެވެ. ލޮލަށް ރިހައިގެ އަސަރު ކުރުމުން މާދިންގެ ލޮލުން ދިލަ ނަގަން ފަށައިފ ިއެވެ.
އެ މަންޒަރު ބަލަން ސަކީނާ ހެވިފައި ހުއްޓެވެ. ނަސީބު ކަންދިމާ ކުރި ގޮތުން އެވަގުތު މާދިން އަށް ހުރެވުނީ ވެސް ބަދިގޭގައި އަތް ދޮންނަން ބަހައްޓާފައި ހުރި ސިންކް ކައިރީގަ އެވެ. ސިންކް ކައިރި އަށް ގޮސް ރަގަޅަށް މޫނު ދޮވެލައިގެން މާދިން ދިޔައީ ފެންވަރާށެވެ.
ރަށުގެ ސިއްޚީ މަރުކަޒުގައި ޑޮކްޓަރަކަށް މިހާރު ހަމަޖައްސާފައިވަނީ އެރަށު ފުސްތުޅާގެ ޑރ. ސަވާދު ޔަހުޔާ އެވެ. އޭނާއަކީ އެ އަތޮޅުގައި ވެސް ހުރި އެންމެ މޮޅު ޑޮކްޓަރޭ ދެންނެވުމަކުން ދޮގަކަށް ނުވާނެ އެވެ.
އުފާވެރި ކައިވެންޏެއް ފަށައިގެން އުޅޭ ޑރ. ސަވާދު އަށް ތިން ކުދިން ލިބިފައިވާ އިރު ސަވާދުގެ އަންހެނުން އެރަށު ޖޭމުގޭ ޖަމީލާ ހަސަން ވަނީ ނާސިން ކިޔަވަން މާލެ ގޮސްފަ އެވެ.
ތިން ކުދިންގެ ތެރޭއިން އެންމެ ދޮށްޓަށް ހުންނަނީ މާދިން އާއި އެއް ކުލާހުގައި އުޅޭ ޝާޔާ ސަވާދެވެ. މާދިން އާއި ޝާޔާ އެއ ކުލާހެއްގައި ކިޔަވަމުން އަންނާތީ, މިހާރު ދެ ކުދިންގެ ދޭތެރޭގައި ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފަ އެވެ.
ޖަމީލާގެ ކޮއްކޮ ހަނީފަކީ އެ ރަށުގައި އެންމެ ފުޅާކޮށް ޓެކްސީގެ ހިދުމަތް ދޭ މީހެކެވެ. ބޮޑު ގަރާޖަކާއި އެތައް ދުއްވާ އެއްޗެއް ގެންގުޅެ އެވެ. ނަމަވެސް ހަނީފަކީ އަންބެއްގެ ލޯބިން މަހްރޫމް ވެފައިވާ މީހެކެވެ.
ހަނީފުގެ އަންހެނުން ތާނިޔާ ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ. ނަމަވެސް އެ ދެމަފިރިންނަށް ވެސް ވަނީ އަންހެން ކުއްޖެއް ލިބިފަ އެވެ. ހަނީފު އޭނަގެ ދަރިފުޅު ނަދާ ބޭނުންވާ ކޮންމެ ކަމެއް ވެސް ކޮށްދޭން ހުންނަނީ ކެތްމަދުވެފަ އެެވެ.
ނަދާގެ ހައްޤުގައި ކިތައްމެ ބޮޑު ޤުރުބާނީ އެއްވެސް ވާން ހަނީފު ހުރީ ތައްޔާރަށެވެ. ނަދާ ހަނީފަށް ނުފެންނަތާ މިހާރު ދުވަސްތަކެއް ވެއްޖެއެވެ.
އާއްމު ގޮތެއްގައި ހަނީފަކީ ކޮންމެ ތިން މަހުން އެއްމަހު ނަދާ ކައިރި އަށް ލަންކާ އަށް ދާ މީހެކެވެ. ނަމަވެސް މި ދުވަސްކޮޅު ގަރާޖުގެ ކަންތައްތައް ބަލަހައްޓާނެ މީހަކު ނެތިގެން ނުދެވިގެން އުޅެނީ އެވެ. ހަނީފުގެ އަންހެނުންގެ ދައްތަ ނަދާ ގެންގުޅެނީ ދަރިއެއް ފަދައިންނެވެ.
މާދިން ފެންވަރައިގެން ދިޔައީ ސަކީނާ ބުނިގޮތަށް ގޯތި ސާފު ކުރާށެވެ. އެކަނިމާ އެކަނި ކުރަން ވިޔަސް އެހީވެދޭނެ އެކަކު ވެސް ނުހުންނާނެ އެވެ. މާދިން ވެފައިވާ ވަރުބަލި ކަމެއްގެ ސަބަބުން ސަކީނާ އެތާ ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީނެވެ. އެކިއެކި ހިޔާލުތަކުގައި މާދިން އިންދާ މާދިން އަށް ނިދުނެވެ.
ސިއްސައިގެ ދިޔައީ މީހަކު މާދިންގެ މޫނަށް ފެން އެއްޗެއް ޖެހުމުންނެވެ. މާދިން ރަނގަޅަށް ލޯ ހުޅުވައި ބަލައިލ ިއިރު ކުރިމަތީގައި ހުރީ ސަކީނާ އެވެ.
ސަކީނާގެ ދެލޯ ހީވަނީ ރަން އަނގުރު ގަނޑެއް ހެންނެވެ.
"މީ ކޮންކަހަލަ ކުއްޖެއް؟ މަސައްކަތް ކުރަން ފޮނުވީމަ މިތަނަށް އައީ ނިދަންތަ؟" ސަކީނާ މަދީން އާ ދިމާލަށް ރުޅި އައިސް ހުރެ ބުނެލި އެވެ.
"ނޫން…އަޅުގަނޑު ވަރު ބަލިވެގެން ކުޑަކޮށް ނިދުނީ." މާދިން ބިރުން ހުރެ ޖަވާބު ދިނެވެ.
މި މަންޒަރު ބަލަން ދުރުގައި ޝާޔާ ހުއްޓެވެ. މާދިން އާ ދޭތެރޭ ސަކީނާމެން ކަންތައްތައް ކުރާ ގޮތުން ޝާޔާގެ ހިތުގައި ވަނީ މާދިން އަށް ހާއްސަ ރަހުމަކާއި ހަމްދަރުދީއެއް އުފެދިފަ އެވެ. ޝާޔާ އަށް މި މަންޒަރު ފެނުނު ކަމެއް އެކަކަށް ވެސް ނޭގޭނެ އެވެ.
(ނުނިމޭ)