ސ. ފޭދޫ ސްކޫލްގެ ގްރޭޑް 5 ގައި ކިޔަވާ އުމުރުން 11 އަހަރުގެ އަލީ ސަނީމް މުހައްމަދު ލިޔެފައިވާ "ސްކައި އިޒް ދަ ލިމިޓް" ނެރެފި އެވެ.
އިނގިރޭސި ބަހުން ލިޔެފައިވާ އެ ފޮތް ނެރުމަށް އިއްޔެ ހަވީރު ފޭދޫ ސްކޫލުގައި ބޭއްވި ހަފުލާގައި ފޮތް ނެރެދެއްވީ އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ނަދީމް އެވެ.
ފޮތް ނެރެދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަދީމް ވިދާޅުވީ އުމުރުން 11 އަހަރުގެ ކުއްޖަކު ފޮތެއް ލިޔެ، ނެރުމަކީ ފާހަގަކޮށްލަން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ.
އަދި އެ ފޮތަކީ އާންމު ދިރިއުޅުމުގެ އިތުރުން ވިޔަފާރި އާއި ތަފާތު އެހެން ދާއިރާތަކުގައި ވެސް މަސައްކަތް ކުރާ މީހުން ކާމިޔާބާ ހަމައަށް ދިއުމަށް ކުރެވިދާނެ މަސައްކަތްތައް އިނގިރޭސީ ދަންނަ އެންމެ އާދައިގެ މީހާ އަށް ވެސް ދޭހަވާނެ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތެެއް ކަމަށެވެ.
އެހެންވެ އެ ފޮތަކީ ވަރަށް ބޭނުންތެރި ގިނަ މައުލޫމާތުތަކެއް ހިމެނޭ މުހިއްމު ފޮތެއް ކަމަށް ނަދީމް ވިދާޅުވި އެވެ.
ފޮތް ލިއުނު ފޭދޫ ޖޭމުގަސްދޮށުގޭ ސަނީމް ބުނީ އެ ފޮތް އޭނާ ލިޔުނީ މަންމަގެ އެދުމުގެ މަތިން ކަމަށެވެ. އެހެންވެ ބޭކާރުގެ ގޮތުގައި ވަގުތުތައް ދުއްވާލުމަށް ވުރެ މިފަދަ މަސައްކަތެއް ކުރުން މުހިއްމު ކަމަށް ކިޔެވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރަމުން އަންނަ ސަނީމް ބުންޏެވެ.
އޭނާ ބުނީ "ސްކައި އިޒް ދަ ލިމިޓް" ގައި އޭނާ ކާމިޔާބް ކުއްޖަކަށް ވާން އަމިއްލަ މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކާއި އެ މީހެއްގެ ލަނޑުދަނޑި އާ ހަމައަށް ވާސިލް ވުމަށް މަސައްކަތް ކުރެވިދާނެ ގޮތްތައް އޭނާ ލިއުނު ފޮތުގައި ހިމެނޭނެ ކަމަށް ސަނީމް ބުންޏެވެ.
ނުވަ ޗެޕްޓަރުގެ މައްޗަށް އެކުލެވޭ "ސްކައި އިޒް ދަ ލިމިޓް" ގައި ހިމެނެނީ 51 ޕޭޖެވެ. މި ފޮތް ޕްރިންޓްކޮށް މާކެޓް ކުރަނީ ދަލޫޒް ޕްރިންޓް އިންނެެވެ.
މި ފޮތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސަނީމްގެ މަންމަ ހައްވާ ޝަހީނާ މުހައްމަދު ބުނީ، "ސްކައި އިޒް ދަ ލިމިޓް" އަކީ އެންމެ 20 ދުވަހުގެ މަސައްކަތް ކަމަށެވެ. އަދި މިއީ އޭނާގެ ދަރިފުޅަށް ހިތްވަރު ދީގެން، ބަަޔަކަށް ފައިދާތަކެއް ކުރާނެ ކަމުގެ މަގުސަދުގައި ނެރުނު ފޮތެއް ކަމަށް ޝަހީނާ ބުންޏެވެ.
މި ފޮތް އަންނަ ހަފުތާ އިން ފެށިގެން އައްޑު އާއި މާލޭގެ ބުކްޝޮޕްތަކުން ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވެސް ޝަހީނާ ބުންޏެެވެ. ފޮތުގެ އަގަކީ 85ރ. އެވެ.