Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އާ ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތް ބައްލަވާ ލެއްވުމަށް ހެލްތު މިނިސްޓަރ އައްޑޫގައި!

މާދަމާ ހިދްމަތް ފަށާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އެންމެ ފަހުގެ މަސައްކަތް ކުރިއަށްދާ ގޮތް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ބައްލަވާ ލައްވައިފިއެވެ.

މާލެއިން ބޭރުގައި ހުޅުވާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލަކީ އެންމެ ފަހުގެ ޒަމާނީ ހިދްމަތް ތަކާއި އެކު ހުޅުވާ ހޮސްޕިޓަލެކެވެ. މާދަމާ އައު ހޮސްޕިޓަލްގެ ހިދްމަތް ފަށާއިރު ފުރަތަމަ ދޭނީ އޯޕީޑީ ހިދްމަތެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން ހަމަޖެހިފައިވަނީ ހެނދުނުން ފެށިގެން ހަވީރު 5 ޖެހުމާއި ހަމައަށެވެ. ނަމަވެސް ހަވީރު 5 އިން ފެށިގެން ކެޝުއަލްޓީގެ ހިދަމްތް ފޯރުކޮށް ދެމުން ދާނެއެވެ.

އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ހަތަރު އޮޕަރޭޝަން ތިއޭޓަރާއި، ކާޑިއޯ ޑިޕާޓްމަންޓުގެ އިތުރުން އެންޑަސްކޯޕީ އާއި ޒަމާނީ ޓެސްޓު ތަކުގެ އިތުރުން މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުން މިހާރު ލިބެން ނެތް ހިދްމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެމްއާރުއައި، ސީޓީ ސްކޭން އަދި އަލްޓްރާ ސައުންޑުގެ ހިދްމަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

ހެލްތު މިނިސްޓްރީން ބުނީ އައްޑޫ ހޮސްޕިޓަލަށް ބޭނުންވާ ގިނަ ޑޮކްޓަރުން މިހާރު އައްޑޫއަށް އައިސްފައިވާ ކަމަށާއި ބައެއް ސްޕެޝަލިސްޓުން ކުރިއަށް ހުރި ދުވަސްތަކުގައި އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރ މަހުގެ 28 ވަނަ ދުވަހު ކާޑިއޮލޮޖިސްޓު އައްޑޫ އަށް އައުމަށް ކުރަންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

2011 ވަނަ އަހަރު ސާކު ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު ވީރާނާ ވަމުންދަނިކޮށް އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށީ ރައީސް ޔާމީންގެ ސަރުކަރުގައެވެ. އޯޕިޑް ފަންޑުގެ ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ހޮސްޕިޓަލަށް އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ވަނީ ގާއިމް ކުރެވިފައެވެ.

100 އެނދުގެ މި ހޮސްޕިޓަލާއި އެކު ދެކުނު ސަރަހައްދުގެ ރައްޔިތުންނަށް ޒަމާނީ ބޭސް ފަރުވާ ލިބޭނެ އުއްމީދު ފަހިވެފައިވާ އިރު މާދަމާއިން ފެށިގެން ހުވަދޫން ހަފްތާއަކު ޝެޑިއުލް 6 ފްލައިޓު ބާއްވާއިރު ހުވަދޫންވެސް އައްޑޫ ހޮސްޕިޓަލަށް ފަސޭހައިން އާދެވޭނެ މަގު ވަނީ ފަހިކޮށްފައެެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލްގެ ހުރިހާ ޑިޕާޓްމަންޓުތަކުގެ ހިދްމަތް ފެށުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.