އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި ބޭރުކުރަން ފާސްކޮށްފިއެވެ.
ހައުސް އޮފް ރެޕްރެސެންޓޭޓިވްސް އިން ވޯޓު ނަގާފައިވަނީ ގާނޫނާ ޚިލާފުވި ކަމުގެ ދައުވާ އަކާއި މަގާމުގެ ނުފޫޒުން ބާރުގެ ބޭނުންކުރުމުގެ ދައުވާއެކެވެ. އިދިކޮޅު ޑިމޮކްރެޓް ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުގެ އަޣުލަބިއްޔަތުން ޓްރަމްޕް ބޭރު ކުރުމަށް ފާސްވެފައިވާއިރު ތިން މެމްބަރުން ފިޔަވައި ހުރިހާ ޑިމޮކްރެޓުން ވޯޓު ދިނީ ޓްރަމްޕާ ދެކޮޅަށެވެ.
އަދި ހުރިހާ ރިޕަބްލިކުން ވޯޓު ދިނީ ޓްރަމްޕާ އެއްކޮޅަށެވެ. ހައުސްގެ ވޯޓަށް ފަހު ދެން މިމައްސަލަ ދާނީ ސެނެޓަށެވެ. ހުރިހާ ސެނެޓަރުން މިނިވަންކަމާއެކު ޝަރީއަތެއްގެ ގޮތުގައި މިމައްސަލަ ބަލާނެއެވެ. އިސް ފަނޑިޔާރަކަށް ހުންނަވާނީ އުއްތަމަ ފަނޑިޔާރެވެ.
މިވޯޓާއެކު ޓްރަމްޕް ވެގެން ގޮސްފައިވަނީ އެމެރިކާގެ ތާރީޚުގައި ވެސް އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ބޭރު ކުރެވުނު ތިންވަނަ ރައީސަށެވެ.
އެމަނިކުފާނު ވަނީ ޑިމޮކްރެޓުންގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި މިއީ ރުޅިވެރިކަމާއި ހަސަދަވެރިކަމުން ފުރިގެންވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ވައިޓް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެނެޓް ޝަރީއަތުން ޓްރަމްޕް މިމައްސަލައިން ސަލާމަތްވާނެ ކަމާމެދު ކުޑަ ވެސް ޝައްކެއް ނެތް ކަމަށެވެ. ސެނެޓްގެ އަޣުލަބިއްޔަތު އޮންނަނީ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށެވެ.