"އިޓްސް ގުޑް ޓު ބީ ހޯމް!" "އާނ.. ދެން ރަށަށް އައިކަން އެންމެނަށް ޢިއުލާންކުރޭ!" ޒީޝާން ފޭސްބުކްގެ ސްޓެޓަސް އަޕްޑޭޓްކުރިތަން ބަލަންއިނދެފައި ޒާޔާ ދިމާކޮށްލިއެވެ. "އޯ.. ކަމްއޯން ދޮންތާ! ގެއާ ދުރުގަ އުޅޭތާ ތިންއަހަރުވެއްޖެޔޭ! އައި ހޭވް މިސްޑް ދިސް ޕްލޭސް." ފޭސްބުކަށް ގެއްލިފައި އިން ޒީޝާން ބުނެލިއެވެ.
"ހޫނ.. ދެންމާ ޑްރާމާވާނެ ކަމެއްނެތް. އަހަރެމެން އެއްވެސް މިސްއެއްނުވޭދޯ މަންމާ!" އެވަގުތު ކޮޓަރިއަށް ވަދެގެން އައި ޝިމްލާއަށް ދޯދެމުން ޒާޔާ ބުނެލިއެވެ. "އާނ.. ދެން ވަރަށް އަނގަތެޅިއްޖެއެންނު، ހިނގާ ސައިބޯންދާން. ޒީ ތިއިނީ ރޭގަ އައިގޮތަށް އެއްވެސް އެއްޗެއް ނުކައެންނު. އާދޭ ދެން ތިކަން ހުއްޓާލާފަ!" ޝިމްލާ އެހެންބުނެލާފައި ބަދިގެއަށްދާން ހިނގައިގަތެވެ. "އޭނަ ޑައެޓިންގްއޭ މަންމާ!" ފަހަތުން ހިނގައިގަންނަމުން ޒާޔާ ޒީޝާންއާއި ދިމާކޮށްލިއެވެ.
އޭލެވެލްގެ ރަންވަނަތަކާއެކު، ސައިކޮލޮޖީއިން ޑިގްރީ ނެގުމަށްފަހު ޒީޝާން ލަންކާއިންއައީ ރޭގައެވެ. އޭނާ ރަށަށް އައުމުން އެކަމާ އެންމެ އުފާވީ އޭނާގެ މަންމަ ޝިމްލާއެވެ. ބައްޕައެއްގެ އެހީއަކާއި ނުލާ ބަލާބޮޑުކޮށްފައި ތިބި އޭނާގެ ދެކުދިންނަކީ އޭނާގެ ދުނިޔެއެވެ. އެދެކުދިން އޭނައަށް ފެންނަ ހިސާބުގައި، އޭނަގެ ގާތުގައި ތިބުމަކީ އޭނައަށް ލިބޭ އެންމެބޮޑު ހިތްހަމަޖެހުމެވެ. ޝިމްލާއަކީ އައި.ޖީ.އެމް.އެޗް. ގައި މަސައްކަތްކުރާ ހީވާގި ޑޮކްޓަރެކެވެ. އަންހެނުންނަށް ދިމާވާ ތަފާތު މައްސަލަތައް ބަލާ ގިނަބަޔަކު ލޯބިވާ ގައިނެކޮލޮޖިސްޓެކެވެ. ކިތަންމެ ބުރަކޮށް އުޅުނަސް އޭނާގެ ދެކުދިންގެ ކަންތައް ބަރާބަރަށްކުރާ، މީހަކަށް ބުރައެއް ނުޖައްސާ ޒިންމާދާރު މަންމައެކެވެ.
"ލަންކާގައި އުޅޭއިރުވެސް އެންމެ މިސްވަނީ މަންމަގެ ކުޅިމަސް." ރޮށިކޮޅެއް އަނގައަށްލަމުން ޒީޝާން ބުނެލިއެވެ. "އަހަރެންވެސް މަންމަކައިރީ ބުނެފީމޭ މިގޭ ތިރީބައިގަ ކުޅިމަސް ކަޑައެއް ހުޅުވަންވީއޭ… ޝިމްލާސް ސްޕެޝަލް!" ޒާޔާ ސަމާސާކޮށްލިއެވެ. "ތިއެއްނޫނޭ.. އަހަރެންމިރޭ މައި މެންގެއަށް ދިއަޔަސް އޯކޭތަ މަންމާ؟" ޒަޔާ އަހާލިއެވެ. "އެކަނިތަ ދަނީ؟ ޒީވެސް ގޮވައިގެންދާންވީނު. މަންމަވެސް އެބަޖެހޭ މިރޭ މީޓިންގ އަކަށްދާން." ކުޅިމަސްތަށި ގަޔާ ކައިރިކޮށްލަމުން ޝިމްލާ ބުނެލިއެވެ. "އަހަންނާ މާޒިންއާ ދަނީ.. އާނ.. ޒީވެސް ހިނގާދާން. މައިގެ ބޭބީވެސް ފެންނާނެނު." ކައިރީގައި އިން ޒީޝާންގެ އަތުގައި ކޮށްޓާލަމުން ޒާޔާ ބުނެލިއެވެ. "ތެދެއް ޒީ.. ދާންވީނު. އެކަނިގޭގަ އިނީމަ މާފޫހިވާނެއެންނު." ޝިމްލާވެސް ޒާޔާއާއި އެއްބައިވެލިއެވެ. "އާނ.. ދެންމިޖެހުނީ ދާންތާ! ތިއެއްނޫނޭ، ކާކުތަ މިމާޒިންއަކީ؟ އަނެއްކާ ދޮންތައާ ކަމެއްތަ؟ އެކޮޅުގަ އުޅޭއިރުވެސް އޮންލައިނުން ދިމާވާ ކޮންމެފަހަރަކު ދެންމާ މާޒިންވެފަ. ކާކުތަ އެއީ؟" ޒީޝާން ސުވާލުކޮށްލިއެވެ.
"ދަރިފުޅަކަށް ނޭނގެދޯ މާޒިންއެއް.. ކަލާފާނުގައި އުޅެއެންނު ދިވެހި ކިޔަވައިދޭން މުއުމިނާ، ބުރުގާ އަޅާފަ ހުންނާނީ.. އޭނަގެ ދަރިފުޅު އެއީ. ރީތި، އަޚްލާގް ރަނގަޅު، ރަނގަޅު ވަޒީފާއެއްގައުޅޭ، ރަނގަޅު އާއިލާއެއްގެ ކުއްޖެއް. މަންމަވެސް ބުނެފިން ޒާޔާކައިރި ތިކަންކުރަން އުޅޭށޭ." ޝިމްލާ ހިނިތުންވެލާފައި ބުނެލިއެވެ. "އޯ.. ކަމްއޯން.. ވީ އާ ޖަސްޓް ބެސްޓް ފްރެންޑްސް. އެއީ އަހަރެންގެ އެންމެގާތް އެކުވެރިޔާ. އަހަރެން އެކަހަލަ ގޮތަކަށް އޭނައަށް ނުވެސްބަލަން. މާޒިން އެއަށްވުރެ މާކޫލްވާނެ" ޒާޔާ އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ. "ސޯ.. ޒީ.. ސެވަންއަށް ރެޑީވާތި! ތިނުފެނިގެން އުޅޭ މާޒިންވެސް ފެންނާނެ މިރޭ." ޒާޔާ ތަށިތައް ނަގައިގެން ހިނގައިގަންނަމުން ބުނެލިއެވެ.
"ޓްރްރްރްރް… ޓްރްރްރް…" ގޭގެ ބެލް ރިންގްވާން ފެށިއެވެ. "ޔަގީން އެވާނީ މާޒިންއަށް، ގަޑިއަށް ފަރުވާތެރިވިޔަސް ފުކެއް ބޮޑުވަރު. ދެން ދޮރުނުހުޅުވަނީހެއް ބެލްޖެހުން ހުއްޓައެއްނުލާނެ. ޒީ ރެޑީވެއްޖެތަ؟ އަޅެ ދޭބަލަ ދޮރުހުޅުވަން. ދޮންތަވެސް ރެޑީވެގެން މިދަނީ." އަލަމާރިން ހެދުމެއް ނަގަމުން ޒަޔާ ބުނެލިއެވެ. "އޯ ޕްލީޒް ދޮންތާ! އަހަންނެއް އޭނައެއް ނުވެސް ދެކެން. އައި ޑޯންޓ ނޯ ދެޓް ޑޫޑް އެއްވެސް ވަރަކަށް" ޑްރެސިންގ ޓޭބަލް ކައިރީގައި އިން ޒީޝާން ބުނެލިއެވެ. "ޒީ.. އޭނަ ޒީ ކައެއްނުލާނެ އިނގޭ! ދެންދޭބަލަ!" ޒާޔާ ބޮޑާހާކާ ރާގަކަށް ބުނެލިއެވެ.
"ކޮބާ، ހީވޭ ކަމެއްހެން! އަހަރެން ބުނީމެއްނު ޒާ……" ދޮރުހުޅުވާލިއިރު ކުރިމަތީގައި އިން ޒީޝާން ފެނިފައި މާޒިން ހުއްޓުންއެރިއެވެ. "އޮ.. އަމް.. ސޮރީ.. އަހަރެން ހީކުރީ ޒާޔާކަމަށް" މާޒިން ބޯކަހާލިއެވެ. "މް.. އިޓްސް އޯކޭ.. ދޮންތަ ރެޑީވަނީ. އެތެރެއަށް އަންނަންވީނު" ޒީޝާން ހިނިތުންވެލަމުން ބުނެލިއެވެ.
(ނުނިމޭ)