Last Updated: November 28, 17:45
Thursday, November 28, 2024
ކުޅިވަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް: މުލިމަތި، ޒުވާން ޓީމަކާއި އެކު އާ ރޫހެއްގައި!

އައްޑޫ ސިޓީ ކައުންސިލް އިންތިޒާމްކޮށްގެން މިއަދު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" މުބާރާތުގައިި ވާދަކުރާ އެންމެ ޒުވާން އެއްޓީމަކީ މީދޫ މުލިމަތި ޔުނައިޓެޑްގެ ޓީމެވެ،

މުލިމަތި ޓީމަށް ބަލާއިރު ޓީމުގައި 18 އަހަރުން ދަށުގެ 11 ކުޅުންތެރިން ނާއި 20 އަހަރުން ދަށުގެ 11 ކުޅުންތެރިން ވަނީ ހިމެނިފައެވެ. މިޓީމުގައި ހިމެނޭ ގިނަ ޒުވާން ކުޅުންތެރިންނަކީ ފާއިތުވި އިންޓަ ސްކޫލް މުބާރާތުން ވިދާލާފައިވާ ހުނަރުވެރި ކުޅުންތެރިންނެވެ. މީދޫ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފަރުހާދު (ފަރާ) އަދި ކުރިއަށްކުޅޭ އަހުމަދު ސަބާހުއެވެ.

ޒުވާންކުޅުން ތެރިގެންތެރެއިން އެންމެ ފާހަގަކޮށްލެވެނީ ނިމިގެން ދިޔަ އިންޓަ ސްކޫލް މުބާރުތުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސައްހާފު އާއި މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނު ރައްޔާނު މުއްސަދުއެވެ.

މީދޫ ޓީމުގެ ގޯލް މުގާ ބަލަހައްޓާއިރު މުގާ އަކީ ފަހަކަށް އައިސް މީދޫގައި އުފެދުނު އެންމެ ކުޅަދާނަ ގޯލް ކީޕަރެވެ.

އައްޑޫ ކައުންސިލުން އައްޑޫގެ ޒުވާން ފުޓްބޯޅަ ކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ކުރިއަށް ގެންދާ މި މުބާރާތުގައި މީދޫ ޓީމު އެކުލަވާލާފައިވަނީ މީދޫ ފުޓްބޯޅަ މުސްތަގްބަލަށް ބަލައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށެވެ.

މީދޫ ޓީމުގެ މެނޭޖަރ ހުސެއިން ބުނީ މިއަދުގެ މެޗަށް ޓީމު ނިކުންނަނީ މީގެ ކުރިން މި މުބާރާތުގެ ޕްރެކްޓިސް މެޗެއްގައި ބޭރުމަތި ޓީމާއި ވާދަކޮށް ކުޅުނު މެޗުން ގިނަ ކަންކަން ދަސްކޮށްގެން ކަމަށެވެ.

މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި އެޓީމު ވާދަކުރާނީ އައްޑޫގެ ގަދަ ބާރެއް ކަމަށްވާ އެފްސީ ބޭރުމަތި ޓީމާއިއެވެ. އެޓީމަކީ ހުނަރާއި ތަޖްރިބާ ގިނަ ކުޅުންތެރިން ހިމެނޭ ޓީމެކެވެ. އެހެންވެ މީދޫ ޓީމުގެ ހުރިހާ ރޭވުމަކަށްވާނީ ބޭރުމަތި ޓީމަށް ކުޅޭ ގައުމީ ޓީމުގެ ކުޅުންތިޔާ ހަންނަ ފަދަ ކުޅުންތެރިް ހިފަހައްޓައި މެޗުގެ ނަތީޖާ މީދޫ ކޮޅަށް އަނބުރައިލުމެވެ.

ހުސެއިން ބުނީ މެޗަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ޓީމުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށެވެ. ހިތަދޫގައި މެޗު ކުޅުނު ނަމަވެސް އެޓީމުގެ ސަޕޯޓަރުން ޓީމަށް ސަޕޯޓު ކުރުމަށް މިއަދު ހިތަދޫއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ހުސެއިން ބުންޏެވެ.