ޕީސީއޯއެސް، ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސީންޑްރޯމް އަކީ ރާއްޖެފަދައިން ދުނިޔޭގެ އެކި ހިސާބުތަކުގައިވެސް އަންހެނުން ކުރިމަތިލަމުންގެންދާ ކަމެކެވެ. ޕީސީއޯއެސް އާއި ބެހޭގޮތުން ގޫގްލް ކޮށްލުމުން ތަފާތު އެކިއެކި މައުލޫމާތު ލިބެންހުރެއެވެ. ނަމަވެސް ބައެއް ފަހަރު ޑރ. ގޫގްލްއަކީ އެންމެ ރަނގަޅު ސިއްޙީ ނަސޭހަތްދޭ ޑޮކްޓަރު ކަމުގައި އޮންނަނީ ނުވެފައެވެ.
އެހެންކަމުން "އައްޑޫލައިވް"އިން ޕީސީއޯއެސް އާއި ބެހޭގޮތުން މަޢުލޫމާތު މިގެނެސްދެނީ "އެއިމްސް ޑައިގްނޯސްޓިކް ކެއަރ"ގެ އައު ގައިނެކޮލޮޖިސްޓް، ޑރ. ކަރީމް މަމްދޫހްގެ ފަރާތުންނެވެ. ޑރ. ކަރީމްވަނީ އެލެގްޒޭންޑްރިއާ ޔުނިވަރސިޓީއިން އެމްބީބީސީއެޗް އަދި ކައިރޯގެ އަލް-އަޒްހަރު ޔުނިވަރސިޓީއިން ޑޮކްޓަރ އޮފް މެޑިސިން ފުރިހަމަ ކޮށްފައެވެ.
މީގެ އިތުރުން ޑރ. ކަރީމް އަކީ އެސްތެޓިކް އެންޑް ކޮސްމެޓިކް ގައިނެކޮލޮޖީއިން ޑިޕްލޮމާ ހާސިލުކޮށް، ފީޓަލް މެޑިސިން އަދި ކޮންޖެނިޓަލް އެނޯމަލީ ސްކޭންގެ އެކްސްޕަރޓެކެވެ. ދަރިމައިވުމުގެ މައްސަލަތަކުގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި މި ޑޮކްޓަރ ވަނީ 2 އަހަރު ދުވަސް ވަންދެން މިނިސްޓްރީ އޮފް ހެލްތުގެ ދަށުންވެސް މަސައްކަތްކޮށްފައެވެ.
ޕީސީއޯއެސް އާއި ބެހޭގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޑރ. ކަރީމް މަމްދޫހް ދެއްވި ޖަވާބުތައް؛
ޕީސީއޯއެސް ނުވަތަ ޕޮލީސިސްޓިކް އޯވަރީ ސީންޑްރޯމްއަކީ ކޯޗެއް؟
ޕީސީއޯއެސްއަކީ ހޯމޯން އިމްބެލެންސްއެކެވެ. އޭގެ ސަބަބުން ޓެސްޓޮސްޓެރޯން (ފިރިހެން ހޯމޯން) އަންހެނާގެ ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށްވުރެ އިތުރުވެ، ހަށިގަނޑުގައި ހޯމޯން އިމްބެލެންސެއް އުފައްދައެވެ. އޭގެ ސަބަބުން، ޕީރިއަޑްވުން ލަސްވުމާއި ދަރިމައިވުމުގައި ދަތިތައް ދިމާވެއެވެ. ދަރިމައިވުމުގެ މައްސަލަތަކުގައި ގާތްގަނޑަކަށް %70 ކޭސްތަކުގައި ޕީސީއޯއެސް ރޯލެއް އަދާކުރެއެވެ.
މީގެ އިތުރުން މިހޯމޯން އިމްބެލެންސްގެ ސަބަބުން އަންހެނާގެ އޯވަރީތަކުން މަހުންމަހަށް އޯވަމް (އަންހެނާގެ ދަރި ފަނި) ދޫނުކުރެވެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އޯވަރީތަކުގައި ސިސްޓް އުފެދުމަށް މަގުފަހިވެގެންދެއެވެ. އަލްޓްރާ ސައުންޑުން މި ސިސްޓުތައް ދައްކާނީ އޯވަރީތަކުގައި އިތާމުތްތަކެއް ހެންނެވެ. ޖެނެޓިކް (އާއިލީ ގޮތުން ވާރުތަވެގެން)، ހަށިގަނޑުގައި އިންސިއުލިން ގެ މިންވަރު އިތުރުވެގެން އަދި އިންފްލެމޭޝަން (ދުޅަވުން) ގެ ސަބަބުންވެސް ހަށިގަނޑުގައި އެންޑްރޮޖެންސް (ފިރިހެން ހޯމޯން) އަންހެނާގެ ހަށިގަނޑުގައި އުފެދުމަށް މެދުވެރިވެއެވެ. އިންސިއުލިން ރެސިސްޓެންސް ގެ ސަބަބުން މީހާއަށް ހަކުރު ބަލި ޖެހުމުގެ ފުރުސަތުވެސް ބޮޑުވެގެންދެއެވެ.
ޕީސީއޯއެސް ގެ ނިޝާން ނުވަތަ އަލާމާތްތަކަކީ ކޮބާ؟
އާންމު ގޮތެއްގައި ޕީސީއޯއެސް ހުންނަ ކަމުގެ ނިޝާންތަކުގެ ތެރޭގައި ޕީރިއަޑްވުން ލަސްވުން ނުވަތަ ޕީރިއަޑް ނުވުން، މާބަނޑުވުމަށް ދަތިވުން (އޯވަމް ހަށިގަނޑުން ދޫކުރުން ލަސްވުމުގެ ސަބަބުން)، މޫނާއި ކަރު އަދި މޭމަތީގައި އިސްތަށިފެޅުން ހިމެނެއެވެ. މީގެ އިތުރުން ބަރުދަން އިތުރުވުން، ވަރުބަލިކުރުން، ބޮލުގައި ރިއްސުން، އަދި ހާސްވެ ކަންބޮޑުވުމަކީވެސް ޕީސީއޯއެސް ހުރެދާނެ ކަމުގެ އަލާމާތްތަކެވެ. ބޮލުން އިސްތަށި ފޭބުމާއި ހަންގަނޑު ތެޔޮވެ، ހަންގަނޑުގައި، ޚާއްސަކޮށް ނިތްކުރީގައި ބިހި ނެގުމަކީވެސް ޕީސީއޯއެސް ހުރުމުން ފެނިދާނެ ނިޝާންތަކެވެ. ޕީސީއޯސް ހުރެ، މި ހުރިހާ އަލާމާތެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ބައެއް ޙާލަތްތަކުގައި އެންމެ އަލާމާތެއް ފެނުމަކީވެސް ދިމާވެދާނެކަމެކެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ މިއިން އެއްވެސް ނިޝާނެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމެވެ.
ޕީސީއޯއެސް އަކީ ވޭން ހުރި ކަމެއްތޯ؟
ޕީސީއޯއެސް އަކީ އޭގެ ޒާތުގައި ތަދު ނުވަތަ ވޭން ހުރިކަމެއް ނޫނެވެ. ނަމަވެސް އޮވިއުލޭޓްވުން (އޯވަމް ދޫވުން) ނުވަތަ ސިސްޓްގެ ސަބަބުން ތަދު އިހުސާސް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި ތަދު ދުވަސްކޮޅެއްގެ ތެރޭގައި ހިނގައިދާނެއެވެ.
ޕީސީއޯއެސް މެނޭޖް ކުރާނީ ކިހިނެތް؟
ޕީސީއޯއެސް އަށް އަދި މިހާތަނަށް ޝިފާއެއް ހޯދިފައިނުވެއެވެ. ނަމަވެސް ޕީސީއޯއެސް އަކީ ދިރިއުޅުމުގެ ބައެއް ކަންކަން ރަނގަޅު ގޮތަކަށް ބަދަލުކޮށްލައިގެން މެނޭޖް ކުރެވިދާނެ، ނުވަތަ އޭގެ އަލާމާތްތައް ކުރިއަށްވުރެ ފަސޭހަ ކުރެވިދާނެ ކަންކަމެވެ. އެގޮތުން،
– ބަރުދަން ދުޅަހެޔޮ މިންވަރެއްގައި ބެހެއްޓުން
ރަނގަޅު މިންވަރެއްގައި މީހާގެ ބަރުދަން ބެހެއްޓުމުގެ ސަބަބުން ހަށިގަނޑުން އިންސިއުލިން އާއި އެންޑްރޮޖެންގެ މިންވަރު ދަށްކޮށް، މަހުން މަހަށް އޮވިއުލޭޓްވުމަށް މަގުފަހިކޮށްދެއެވެ. ތިމާގެ ބަރުދަން ހުންނަން ޖެހޭ އެންމެ ރަނގަޅު މިންވަރަކީ ކޮބައިތޯ ބެލުމަށް ބީއެމްއައި (ބޮޑީ މާސް އިންޑެކްސް) ގަވައިދުން ބެލުމަކީ މުހިންމު ކަމެކެވެ.
– ކެއުމުގައި ކާބޯހައިޑްރޭޓްސް މަދުކުރުން
ލޯ-ފެޓް އަދި ކާބޯހައިޑްރޭޓްސް ގިނަ ކާނާ ކެއުމުގެ ސަބަބުން ހަށިގަނޑުގައި އިންސިއުލިން ގިނަ ވުމަކީ ވެދާނެ ކަމެކެވެ.
– ކަސްރަތުކުރުން
ކަސްރަތުކުރުމުގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށް ކޮށްދޭނެއެވެ.
– ބޭސް ކެެއުން
ދޭތެރެ ދުރުކުރާ ބޭސް، އޯރަލް ހައިޕޮގްލައިސެމިކްސް، އަދި އޮވިއުލޭޓް ވުމަށް މަގުފަހިކޮށްދޭ ބޭސް ބޭނުން ކުރުމުން ޕީސީއޯއެސްގެ އަލާމާތްތަށް ފަސޭހަވެއެވެ. ނަމަވެސް ބޭސް ބޭނުން ކުރުމުގައި އަބަދުވެސް ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދަންވާނެއެވެ.
– ސަރޖަރީ
ސަރޖަރީއަކީ މިކަމަށް އޮތް އެންމެ ފަހު ފަރުވާއެވެ. އޯވަރީ ޑްރިލިންގ ގެ ގޮތުގައި އެނގިފައިވާ މިސަރޖަރީގެ ސަބަބުން %50 މީހުންގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާ ކަމަށް ދައްކައެވެ. މި ސަރޖަރީއަކީ ލެޕަރޮސްކޯޕިކް (ވީހާވެސް ކުޑަތަންކޮޅެއް ކަފައިގެން) ވެސް ކޮށްލެވޭ ސަރޖަރީއެކެވެ.
ޕީސީއޯއެސް ހުންނަ މީހަކު ބަރުދަން ލުއިކުރާނީ ކިހިނެތް؟
ބަރުދަން ލުއި ކުރުމުގައި ކެއުމަށް ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކެއުމުގައި ކާބޯހައިޑްރޭޓްސް މަދުކޮށް، ގިނައިން ފައިބަރ ހުންނަ (ފެހި ކާނާ) ބޭނުން ކުރުމަކީ ރަނގަޅު ކަމެކެވެ. އަދި ޕްރޮޓީންސް ގިނައިން ހުންނަ (އެކި ބާވަތުގެ މަސް، ކުކުޅު ފަދަ) ކާނާއާއި ހެލްތީ ފެޓްސް ކެއުމުގައި ބޭނުން ކުރުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޔޯގަޓް ފަދަ ފަރމެންޓެޑް ކާނާ ކެއުމަކީވެސް ވަރަށް ފައިދާ ކުރާނެ ކަމެކެވެ. ކެއުމުގައި ކޮންމެ މީހަކުވެސް ވިސްނުންތެރިކަމާއެކު ރަނގަޅު، ދުޅަހެޔޮ ކާނާ ސްނެކްސްގެ ގޮތުގައި ކެއުމާއި ތައްޔާރީ އަދި ޖަންކް ފުޑް ކެއުން މަދުކުރުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ.
މިއީ ޕީސީއޯއެސް އާއި ބެހޭ ގޮތުން އާންމުކޮށް ކުރެވޭ ސުވާލުތަކަށް ޑރ. ކަރީމްގެ ޖަވާބުތަކެވެ. މީގެ އިތުރަށް، ޕީސީއޯއެސް ނުވަތަ އަންހެނުންގެ ސިއްޙާތާއި ބެހޭ އެއްވެސް މައުލޫމާތެއް ސާފުކޮށްލަން ބޭނުންނަމަ، އެއިމްސް ޑައިގްނޯސްޓިކް ކެއަރއިން އެމައުލޫމާތު ސާފުކޮށްލޭވޭނެއެވެ. އެއިމްސް ޑައިގްނޯސްޓިކް ކެއަރ އިން ޑރ. ކަރީމަށް ދެއްކުމަށް އަތުން އިތުރު ޚަރަދެއް ނުކޮށް އާސަންދައިން ހަމަޖެއްސޭނެއެވެ. އައްޑޫލައިވްގެ ފަރާތުން ޑރ. ކަރީމަށް އައްޑޫއަށް މަރުހަބާ ކިޔަމެވެ.