ޗުއްޓީ ދުވަސްވަރު އެތެރޭގެ އުދުހުމާއި އެއްވަރަށް ބޭރުގެ އުދުހުންތައް ވެސް ގިނަވެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންތިހާއަށް ބާރުބޮޑުވުމުގެ ސަބަބުން ފްލައިޓުތައް ޑިލޭ ވަނީ ކަމަށް އެއާޕޯޓު ކުންފުނިން ބުނެފިއެވެ.
މޯލްޑިވިއަންގެ ފްލައިޓުތައް ޑިލޭވާ މިންވަރު އިތުރުވެ އާންމުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ މިދަނޑިވަޅުގައި މޯލްޑިވިއަން އިން ބުނެފައިވަނީ އެއާލައިނުން ގަސްދުގައި އެއްވެސް ފްލައިޓެއް ޑިލޭ ނުކުރާ ކަމަށެވެ.
މިއީ ޗުއްޓީ ދުވަސްވަރަށް ވެ ރާއްޖެއިން ބޭރުން ވެސް އެތައް ބަޔަކު ކޮންމެ ދުވަހަކު ރާއްޖެ އަންނަމުން ދާއިރު ވެލާނާ އެއާޕޯޓު އިންތިހާއަށް ބާރުބޮޑުވެގެން ގޮސްފައިވަނީ އެންމެ ރަންވޭއެއް ބޭނުންކުރަން ޖެހޭތީ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.
އާދައިގެ ގޮތެއްގައި މިދުވަސްވަރު ކޮންމެ ދުވަހަކުވެސް ވެލާނާ އެއާޕޯޓަށް 55 ފްލައިޓު ޖައްސާ ކަމަށާއި މިއީ އެއާޕޯޓާ އަޅާ ބަލާއިރު ގިނަ އަދަދެއް ކަމަށް ކުންފުނިން ފާހަގަކުރިއެވެ.
މޯލްޑިވިއަން އިން ބުނީ ފްލައިޓުތައް ޑިލޭ ކުރާން ޖެހެނީ އިތުރު ގޮތެއް ނެތިގެން ކަމަށާއި ޑިލޭ ތަކުގެ ސަބަބުން ދަތުރުވެރިންގެ އިތުރުން އެއާލައިނަށް ވެސް ގެއްލުން ލިބޭ ކަމަށެވެ.
ބައެއް ފަރާތްތަކުން ވަނީ ފްލައިޓު ޑިލޭ ވާއިރު މޯލްޑިވިއަން އިން ނާންގާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ޝަކުވާ ކޮށްފައެވެ.