އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެކަނި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ ވިދާޅުވީ، އެހެން އެއްވެސް ބޭފުޅަކު އެ ޓިކެޓު ޖަހައިގަތުމަށް މަސައްކަތް ކުރެއްވުމަކީ މޮޔަ ކަމެއް ކަމަށާއި ޕާޓީ މެމްބަރުން ވާ ވެއްދުމަށް ކުރާ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލާ ކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައިވަނީ، 2013 ވަނަ އަހަރު ޕީޕީއެމް ޓިކެޓު ހޯދަން ޔާމީނާ ވާދަކުރެއްވި އުމަރު ނަސީރު، ޕީޕީއެމް ކޮޅު ބެދިފައިވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ. އުމަރު ވިދާޅުވީ ޕާޓީން އެހެން ވިސްނުމަކަށް މިހާރު ދާން ޖެހޭ ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޖަލަށް ހުކުމް ކުރެއްވުމުގެ ކުރިން ޔާމީން ވަނީ ޕާޓީއަށް ސަވާރު ވާނެ ބާޒުތަކާ މެދު ސަމާލުވުމަށް ޕާޓީގެ ހުރިހާ މެމްބަރުންނާއި ލީޑަޝިޕަށް އިލްތިމާސް ކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ޔާމީން ޖަލުން މިނިވަންކޮށް ގޭބަންދަށް ބަދަލުކޮށްދެއްވުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ވެސް ވަޑައިގެންފައެވެ. ނަމަވެސް މިއަދު އެބޭފުޅުންގެ ވާހަކަތައް ހުރި ގޮތުން ބެލެވެނީ ސަރުކާރާއެކު ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
ދައުލަތުން ވަނީ ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމަށް ވެސް ކޯޓު މެދުވެރިކޮށް ހުށައަޅާފައެވެ. ޔާމީންގެ ވަކީލުން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި ދައުވާ ކުރިއިރު އެގޮތަށް ހުށަނާޅާ ހުކުމަށް ފަހު ހުށައެޅުމަކީ ހުކުމް ބަލައިނުގަތުން ކަމަށް ދޭހަވުމުގެ ޖާގަ އޮތް ކަމަށް ބުނެފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު 5 މިލިއަން ޑޮލަރު ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ވެސް ވަނީ ކްރިމިނަލް ކޯޓުން އަންގާފައެވެ.