Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ދިރާގުގެ މައްސަލަ އެސްއޯއީ ކޮމިޓީއަށް

ދިރާގު ހެޑް އޮފީސް - ފޮޓޯ: ހުސެއިން އިބްރާހިމް (ވީނިއުސް)

ދިރާގު ގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށައެޅުމަށް އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ނިންމަވައިފިއެވެ.

ދިރާގުގެ މައްސަލަ މަޖިލީހާ ހަމައަށް ގެންނަން ހަމީދު ނިންމެވީ، ދެކުނު އޭޝިޔާގެ މިސަރަހައްދުގައި އިންޓަނެޓްގެ ޚިދުމަތް އެންމެ އަގުބޮޑުކޮށް ދޭތީ އެވެ. އެހާ އަގުބޮޑު ޚިދުމަތެއް ދޭއިރު ވެސް ދިރާގަށް އެކަށީގެންވާ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ނުދެވޭކަން އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން ޚިދުމަތް ދޭ އިރު ދިރާގުން މަކަރާ ހީލަތް ހަދާ މައްސަލަ ބޮޑުވެފައިވާ ކަމަށާއި އެވާހަކަ އެތައް ބަޔަކު ދައްކަމުން އަންނަ އިރު ވެސް ސަރުކާރުން އެކަމަށް ހައްލެއް ހޯދަން މަސައްކަތް ނުކުރާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ސަރުކާރުން އެކި ފަހަރު މަސައްކަތް ކޮށްފައިވާ ކަމަށް ސައިންސް އެންޑް ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާއިރު މިއަދާ ހަމައަށް ވެސް އެކަން ކުރެވިފައެއް ނެތެވެ. ކޮންމެ ފަހަރަކުވެސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވަނީ "ވަރަށް އަވަހަށް އަގު ހެޔޮވާނެ" ކަމަށެވެ.