Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ތައިލެންޑު އެކްސިޑެންޓުގައި ސީރިއަސްވި މީހާގެ ހާލު ރަނގަޅު

އެކްސިޑެންޓުވި ކާރު: ފޮޓޯ - ރާއްޖެ އެމްވީ

ތައިލެންޑްގައި މިދިޔަ އަންގާރަ ދުވަހު ހިނގި ކާރު އެކްސިޑެންޓުގައި ސީރިއަސް ޒަޚަމްތަކެއް ލިބި އައިސީޔޫގައި ފަރުވާދެމުން ދިޔަ މީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އާއިލާއިން ބުނެފިއެވެ.

ބެންކޮކް އެއާޕޯޓުން ކާރެއްގައި ހޮޓަލަށް ދިޔަ މަގުމަތީގައި ކާރު ފުރޮޅާލައިގެން އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސ. ހުޅުދޫ އަށް ނިސްބަތްވާ އަހުމަދު ސައީދު، 44 އެވެ.

އޭނާގެ އިތުރުން ކާރުގައި އެއްބަނޑު ބޭބެ ވެސް ހުރިއިރު އޭނާ އަށް ލިބުނީ ކުދި އަނިޔާތަކެވެ.

ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން ހުރި ޑްރައިވަރު އެކްސިޑެންޓަށް ފަހު ހައްޔަރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދި ޖެހިގެން ކާރުގެ ކޮންޓްރޯލް ގެއްލިގެންނެވެ.

ސައީދުގެ ގާތް މީހަކާ ހަވާލާދީ "މިހާރު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ސައީދުގެ ދެ އޮޕަރޭޝަނެއް، ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގައި މިހާތަނަށް ވަނީ ކޮށްފައެވެ. ފުރަތަމަ ސިކުނޑީގެ އޮޕަރޭޝަނެއް ކުރުމަށް ފަހު ކަނދުރާގެ އޮޕަރޭޝަނެއް ވެސް ޑޮކްޓަރުން ވަނީ ކާމިޔާބު ކަމާ އެކު ކޮށްފައެވެ.

ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު ޑޮކްޓަރުން ވަނީ ސައީދަށް ލިބުނު އަނިޔާ ސީރިއަސް ކަމުން އުއްމީދު ކަނޑާލާފައެވެ. ނަމަވެސް ފަހުން ޑޮކްޓަރުން ލަފާ ކުރި ވަރަށް ސިކުނޑިއަށް ޒަޚަމް ލިބިފައިނުވާ ކަމަށް ޚަބަރު ލިބެއެވެ.

ދެ އޮޕަރޭޝަނަށް ފަހު ސައީދުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށާއި، އާއިލާގެ ގިނަ މީހުންވެސް މިހާރު ބެންކޮކަށް ގޮސްފައިވާ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ހާމަކުރިއެވެ.