އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވާ ބޮޑެތި ބައެއް ނިންމުންތަކާއި ހަރަދު ތަފްސީލް ހޯދުމަށް "އައްޑޫލައިވް"ގެ ފަރާތުން ރައިޓު ޓު އިންފޮމޭޝަން (އާރުޓީއައި) ފޯމުތަކެއް އައްޑޫ ސިޓީ ކައުންުސިލަށް ހުށަހަޅައިފިއެވެ.
"އައްޑޫލައިވް" އިން ބުނީ މިފަދަ މައުލޫމާތެއް ހޯދުމަށް ކައުންސިލަށް ހުށަހެޅީ ކައުންސިލަކީ ރައްޔިތުންގެ ފައިސާއިން ހިންގާ ތަނަކަށްވެފައި ރައްޔިތުންނަށް ހިދްމަތް ދިނުމުގައި ކައުންސިލުން ކޮށްފައިވާ ކަންކަމުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްކަމަށެވެ.
މީގެ އިތުރުން ކައުންސިލްގެ ނިންމުންތަކުގެ ޔައުމިއްޔާ ކައުންސިލުން އާއްމު ނުކުރާތީ އެ ބައްދަލުވުން ތަކުގައި ކައުންސިލަރުން ކަންކަން ނިންމުމުގައި ދައްކަވާފައިވާ ވާހަކަތަކުގެ ތަފްސީލް ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ.
އައްޑޫލައިވްއިން ކައުންސިލަށް ހުށަހެޅި އާރުޓީއައި ފޯމުތަކަކީ ފާއިތުވި 3 އަހަރުގެ ދުވަހުގެ ތެރޭގައި ކައުންސިލުން ނިންމާފައިވާ ބައެއް ނިންމުންތަކާއި ގުޅޭ ފޯމުތަކެވެ.
މިގޮތުން އައްޑޫ ސިޓީ ކައުންސިލްގެ މިހިނގަމުންދާ ދައުރުގައި ބޭއްވުނު ކައުންސިލް ބައްދަލުވުންތަކުގެ އަދަދާއި، ހާޒިރީ އަދި ހުރިހާ ބައްދަލުވުމެއްގެ ޔައުމިއްޔާ (ކައުންސިލް ނިންމުންތަކެއް ނޫން) އާއި ކައުންސިލްގެ މި ދައުރުގައި ނިންމާފައިވާ ހުރިހާ ނިންމުންތަކުގެ ތަފްސީލް ހޯދުމަށް ވަނީ ހުށަހަޅާފައެވެ.
ލާމަރުކަޒީ ގާނޫނުން ކައުންސިލަށް މަތިކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުން ތައް ބޭއްވުނު ދުވަހާއި ކައުންސިލްގެ ހުރިހާ ދައުރެއްގައި ރައްޔިތުންނާއި ބައްދަލުކުރި ބައްދަލުވުންތަކުގެ ޔައުމިއްޔާ ހޯދުމަށްވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިޤު މޭޔަރުގެ ހައިސިއްޔަތުން ރަސްމީކޮށް ހުޅުދޫ އަދި މީދޫއަށް ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު އަދި އެ ދެރަށުގައި ހޭދަ ވެފައިވާ ވަޤުތުގެ ތަފްސީލުވެސް ވަނީ ހޯދުމަށް ހުށަހަޅާފައެވެ.
މީގެ އިތުރުންވެސް ކައުންސިލުން އައްޑޫގެ ތަރައްޤީ އާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކާއި އެކަމާއި ގުޅޭގޮތުން ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގެ އިތުރުން ބައެއް ޖަމިއްޔާތަކަށް ފައިސާ ކައުންސިލުން ދޫކުރިގޮތުގެ ލިޔެކިއުން ހޯދުމަށް ވަނީ ހުށަހެޅިފައެވެ.
އައްޑޫގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރުގެ ދަތުރުތަކުގެ ތަފްސީލާއި، ވެހިކަލްތަކަށްކޮށްފައިވާ ހަރަދު ތަކުގެ ތަފްސީލް ހޯދުމަށްވެސް ވަނީ ހުށަހެޅިފައެވެ.
އައްޑޫލައިވްއިން ބުނީ މި މައުލޫމާތުތަކަކީ ކައުންސިލްގެ ވެބްސައިޓުގައި އާއްމު ކުރަމުން އަންނަ ކައުންސިލް ނިންމުންތަކުން އެނގެން ނެތް މައުލޫމާތުކަމުން މިއީ އައްޑޫ ރައްޔިތުންނާއި ޖުމްލަކޮށް ދިވެހި އެންމެހާ ރައްޔިތުންނަށް މުހިއްމު މައުލޫމާތުތަކެއް ކަމަށެވެ.
އައްޑޫލައިވްއިން ކައުންސިލްގެ ނިންމުންތަކުގެ މައުލޫމާތު ހޯދުމަށް ހުށަހެޅި އިރު އިންފޯމޭޝަން ކަމިޝަނަރު ވަނީ އާރުޓީއައި މެދުވެރިކޮށް ސަރުކާރާއި ކުންފުނި އަދި ކައުންސިލްތަކުގެ މައުލޫމާތު ހޯދައި އާއްމު ކުރުމަށް ނޫސްވެރިންނަށް ގޮވާލާފައެވެ. އަދި މި ސަރުކާރަކީ މި ފަދަ މައުލޫމާތު އާއްމު ކުރުމަށް ބާރު އަޅާ ސަރުކާރެކެވެ.
މައުލޫމާތު ހޯދާ، ލިބިގަތުމުގެ ޤާނޫނު ބުނާ ގޮތުން، މައުލޫމާތު ހޯދުމަށް ފޯމު ހުށައަޅާތާ 21 ދުވަހުގެ ތެރޭގައި އެއިދާރާއަކުން ފޯމު ހުށަހެޅި ފަރާތަށް ޖަވާބުދާރީ ވާންޖެހޭނެއެވެ. ނަމަވެސް ހޯދުމަށް އެދޭ މަޢުލޫމާތަކީ ވަރަށް ގިނަ ވަގުތު ނަގާ، ގިނަ މައުލޫމާތުތަކެއް ނަމަ، ފުރަތަމަ 21 ދުވަސް ހަމަވުމުގެ ކުރިން އެ މުއްދަތަށް 14 ދުވަސް އިތުރު ކުރެވިދާނެއެވެ. ނަމަވެސް، ހޯދުމަށް އެދިފައިވާ މައުލޫމާތަކީ މީހެއްގެ މިނިވަންކަން ނުވަތަ ފުރާނައަށް ގެއްލުންވެދާނެ ފަދަ މައުލޫމާތެއް ނަމަ، ފޯމު ބަލައިގަންނަ ދުވަހުން ފެށިގެން 48 ގަޑިއިރު ތެރޭގައި އެމައުލޫމާތު ފޯރުކޮށްދޭން ވާނެއެވެ.
އައްޑޫލައިވްއިން އެދިފައިވާ މައުލޫމާތު ތަކަކީ ފަހަރުގައި ގިނަވެދާނެ މައުލޫމާތުކަމަށް ވެދާނެކަމަށް ބަލައި، މައުލޫމާތު ދިނުމަށް ޕްރިންޓް ހަރަދު ބޮޑުވެ، ހަކަތަ އިސްރާފުވެދާނެކަމަށް ބަލައި، އައްޑޫލައިވްއިން ހުރިހާ މައުލޫމާތެއްވެސް ހޯދުމަށް އެދިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.