Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ހިތަދޫ ފްލެޓުތަކުގެ މަރާމާތަށް ލިބުނު އެއް މިލިއަން ރުފިޔާ ދޫކުރަނީ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން ހިތަދޫގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ މަރާމާތު ފައިސާ ފްލެޓު ލިބުނު ފަރާތްތަކާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފްލެޓު މަރާމާތުގެ ފައިސާ މިނިސްޓްރީ އޮފް ހައުސިން އެން އާބަން ޑިވެލޮޕްމަންޓުން އައްޑޫ ކައުންސިލަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި މި ފައިސާ އޭގެ ހައްގުވެރިންނަށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލެޓު މަރާމާތު ކުރުމަށް ހައުސިން މިނިސްޓްރީން ވަނީ 1,020,782.08 ރުފިޔާ ކައުންސިލަށް ޖަމާކޮށްފައެވެ.

ހިތަދޫ ފްލެޓުތައް ދޫކުރުމާއި ގުޅިގެން އެ ފްލެޓުތަކަށް މީހުން ބަދަލުވުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެތަނުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެ ފްލެޓު ލިބުނު ފަރާތްތަކުން ދަނީ ޝަކުވާ ކުރަމުންނެވެ. އެގޮތުން ފްލެޓުގައި ހުރި މައްސަލަތައް ކައުންސިލާއި، ހައުސިން މިނިސްޓްރީން ބެލުމަށްފަހު ވަނީ އެކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް އެކަން ނުކުރެވި ދިގުލައިގެންދާތީ އެފަރާތްތަކުން ދަނީ ހުއްޓުމެއް ނެތި ޝަކުވާ ކުރަމުންނެވެ.

ފްލެޓު ލިބުނު ފަރާތްތަކުން ވަނީ އެޝަކުވާ ހައުސިން މިނިސްޓްރީ އާއި އައްޑޫ ކައުންސިލަށް ތަކުރާރުކޮށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ފްލެޓަށް ކަރަންޓާއި ނަރުދަމާ ނުލިބި ގިނަ ދުވަސްވުމާއި ތަނުގެ ސެކިއުރިޓީ އާއި ލޭންޑްސްކޭޕިންގެ ކަންކަން ފުރިހަމަ ނުކުރެވި އޮތުމުގެ ޝަކުވާ އަދިވެސް ދަނީ ކުރަމުންނެވެ.