ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދިނުމަށާއި، މިނިމަން ވޭޖް އަވަސް ކުރުމަށް ގޮވާލައި ރ. އަތޮޅުގެ ރިސޯޓު މުވައްޒަފުން މުޒާހަރާކޮށްފިއެވެ.
ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އާއި ރ. އަތޮޅު ރިސޯޓު މުވައްޒަފުން ގުޅިގެން ބޭއްވި މުޒާހަރާ ބާއްވާފައިވަނީ ރ. މީދޫގައެވެ. މި މުޒާހަރާގައި ރ. އަތޮޅުގެ ރިސޯޓުތަކުން 50 އެއްހާ މުވައްޒަފުން ވަނީ ބައިވެރިވެފައެެވެ.
ރިސޯޓު މުވައްޒަފުން ވަނީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.
އަލީ ވަހީދުގެ އިސްތިއުފާގެ އަޑު ގަދަވެފައިވަނީ ދާދި ފަހުން ރިސޯޓް މުވައްޒަފުންގެ ސާވިސް ޗާޖު ދިނުމުގައި މައްސަލައެެއްް ނެތްކަމަށް ވިދާޅުވެ އަލީ ވަހީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެންނެވެ. ދިވެހި ބަހުން އަލީ ވަހީދު ދެއްކެވި ވާހަކަ މިނިސްޓްރީން އަލުން ވަނީ ތަރުޖަމާވެސް ކޮށްދީފައެވެ.
ސާވިސް ޗާޖުގެ ގޮތުގައި ހޮނޑާފުށިން އެންމެ 11 ޑޮލަރު ދިން މައްސަލަ ސޯޝަލް މީޑިއާގައި ހިއްސާ ކުރި ކަމަށް ބުނެ އެތަނުގެ މުވައްޒަފަކު ވަނީ ދާދި ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ މައްސަލާގައިވެސް އަލީ ވަހީދަށް ވަނީ ބޮޑެތި ފާޑު ކިއުންތަކާއި އެކު އިސްތިއުފާއަށް ގޮވާފައެވެ.
މިނިސްޓަރ އަލީ ވަހީދު ވަނީ އެމަނިކުފާނަށް އަމާޒު ކުރެވޭ ފާޑު ކިއުންތަކާއި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ އަޑީގައި ޓޫރިޒަމް އެމްޕްލޯޔީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ވާ ކަމަށް ތުހުމަތުކޮށްފައެވެ.