ރޭ ފެށި "ކުރުގާ ގޯދިއްޔާ ފުޓްސަލް ކަޕް 2013" ގެ ފުރަތަމަ މެޗް މިދިޔަ އަހަރުގެ ޗެމްޕިއަން އެފްވައިސީން ކާމިޔާބްކޮށްފި އެވެ.
ރިއަލް މަރަދޫ އާއި ބައްދަލު ކުރި ފޯރިގަދަ މެޗް އެފްވައިސީން ކާމިޔާބް ކުރީ 3-0 ލަނޑުންނެވެ.
އެވްފައިސީގެ ފުރަތަމަ ލަނޑު ޖަހައި ދިނީ އެޓީމުގެ ޠޯހާ މުހައްމަދު (ޓޮޓީ) އެވެ. އެފްވައިސީގެ ދެވަނަ ލަނޑަކީ ރިއަލް މަރަދޫގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
އެޓީ މުގެ ތިންވަނަ ލަނޑު ކާމިޔާބްކޮށް ދިނީ ޖޯޒީ ނަންބަރު 7 އަލީ ޝިފާއު އެވެ. މެޗްގެ މޮޅު ކުޅުންތެރިއަކީ ވެސް އަލީ ޝިފާއު އެވެ.
ރޭގެ ދެވަނަ މެޗްގައި ޒިލޮޓާއި ހަބޭސް ބައްދަލުކުރި މެޗް 3-1 ލަނޑުން ކާމިޔާބް ކުރީ ޒިލޮޓްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމުނު އިރު ދެ ޓިމް ވަނީ 1-1 ލަނޑުން އެއްވަރުވެފަ އެވެ.
އަދި ދެވަނަ ހާފް ފެށިގެން ޒިލޮޓުންވަނީ ދެ ލަނޑު ޖަހައި ނަތީޖާ 3-1 ލަނޑަށް ބަދަލުކޮށްފަ އެވެ.
ހަބޭސް އަށް ލަނޑު ޖަހައިދިނީ އަހުމަދު މުއާޒްއެވެ. ޒިލޮޓަށް ލަނޑު ޖަހަދީފައިވަނީ އަހުމަދު ވިސާލް އާއި މުހައްމަދު އިމްރާްންއެވެ. އިމްރާން ވަނީ ދެ ލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއާ ހޯދާފަ އެވެ.
މިރޭ މި މުބާރާތުގެ ތިން މެޗް ކުޅެވޭނެ އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޝަންގްރިއްލާ ޔުނައިޓެޑް އާއި އެފްސީ ޒެފިއާ އެެވެ.
ދެވަނަ މެޗްގައި ބައްދަލު ކުރާނީ ޒިލޯން އަދި މަލްޓީ ޖީނިއަސް ސިޓީ އެވެ. އަދި މިރޭގެ ފަހު މެޗްގައި ކުޅޭނީ އެފްސީ ރެސްޕެކްޓް އަދި އޯޕީއެޗް ސްޕޯޓްސް އެވެ.