މާފުށީ ޖަލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމާއި، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ޖަލުން ހާމަކޮށްފިއެވެ.
ޖަލު ބަލަހައްޓާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ބުނީ ރައީސް ޔާމީންގެ ސަލާމަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި އެމަނިކުފާނު އިންނެވީ ހަމަނުޖެހުމާއި އެކަހެރިކޮށް ކަމަށެވެ.
ކަރެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވީ، ހަމަނުޖެހުމެއް އެބަ ހިނގާ ކަމަށާއި ނަމަވެސް އެއީ ޖަލުގެ ކުޑަ ޔުނިޓެއްގައި ހިނގަމުން އަންނަ ކަންތައްގަނޑެއް ކަމަށެވެ.
އެކަމާއި ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން އަންނަ އެހެން ގައިދީންތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ރައީސް ޔާމީން ވެސް ހުންނެވީ ހަމަނުޖެހުންތަކުން އަސަރެއް ކޮށްފާނެ ހާލަތެއް ގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލު އޮފިސަރުންނާ ބައެއް ގައިދީންނާ ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ޚަބަރު ލިބިފައިވާއިރު ބައެއް ގައިދީން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ފަށާފައެވެ.
ޖަލުގެ ހާލަތު ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ފުލުހުންނާއި ކަރެކްޝަންގެ މައްސަލަތައް ބަލާ އެންއައިސީ އިން ވެސް ވަނީ ޖަލަށް ގޮސް ހާލަތު ބަލާފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ މިހަމަނުޖެހުންތަކުގެ ސަބަބުން ރައީސް ޔާމީންގެ ސަލާމަތާ މެދު ކަންބޮޑުވާ ކަމަށް ބުނެ އެމަނިކުފާނު ގެއަށް ބަދަލުކޮށްދޭން އެދިފައެވެ. ޔާމީން ޖަލަށް ލެއްވި ދުވަހުން ފެށިގެން ވެސް އިދިކޮޅު ފަރާތްތަކުން ވަނީ އެމަނިކުފާނުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކޮށްދޭން އެދިފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.