އައްޑޫ ލިންކު ރޯޑުގައި ދެފުރޮޅުލީ އުޅަނދަށް ވަކި ލޭނެއް ހަދަން އޮޑިޓާ ޖެނެރަލް އޮފީހުން ލަފާ ދީފިއެވެ.
އޭޖީ އޮފީހުން މިގޮތަށް ލަފާ ދީފައިވަނީ، އައްޑޫ ލިންކު ރޯޑުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅޭގޮތުން ހެދި ޕްރިމިލިނަރީ ރިޕޯޓަށް ފަހުގައެވެ.
އެރިޕޯޓުގައި ލިންކު ރޯޑުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގެ ފަހަތުގައި ހުރިހާ އުޅަނދެއް އެއް ލޭނެއްގައި ދަތުރުކުރަން ޖެހުން ފާހަގަކޮށްފައިވެއެވެ.
އެކްސިޑެންޓުތައް މަދުކުރުމަށް ސައިކަލަށް ޚާއްސަ ވަކި ލޭނެއް މަގުގައި ހެދުމަށް ލަފާ ދީފައިވާއިރު ދުވެ ކަސްރަތު ކުރުމަށް ހިނގާ ފަރާތްތަކަށް ވެސް ޚާއްސަ ޕޭވްމެންޓެއް ގާއިމް ކުރުމަށް ލަފާ ދީފައިވެއެވެ. އެއީ، މިހާރު އައްޑޫގައި ކަސްރަތުކުރުމަށް ދުވުމާއި ހިނގާ މީހުން އިތުރުވެފައިވާތީއެވެ.
މީގެ އިތުރުން މަގުގައި ހެދިފައި ހުންނަ ވަޅުގަނޑުތަކާއި ރޭގަނޑު ގަޑީގައި މަގު އަނދިރިކޮށް ނޯންނާނެ ގޮތަށް މަގު ބައްތި ޖެހުމަށް ވެސް ލަފާ ދީފައިވެއެވެ. މަގު ބައްތި ލިންކް ރޯޑުގައި ޖެހުމުގެ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ.