ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ޕާޓީތަކުން ގޮވާލައިފިއެވެ.
މާފުށީ ޖަލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މުނާޒް ދައްކަވާ ވާހަކަތަކަކީ ގަބޫލުކުރެވޭ ވާހަކަތަކެއް ނޫން ކަމަށް ބުނެ އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭތީ އޭނާއާ ހޯމް މިނިސްޓަރ އިމްރާންގެ އިސްތިއުފާ ގޮވާފައެވެ.
އިއްޔެ ކޮމިޝަނަރ މުނާޒް ދެއްވި ޕްރެސް ކޮންފަރެންސެއްގައި ޖަލުގެ ހާލަތު ހަމައަކަށް އެޅިފައިވާ ކަމަށް ބުނެފައިވެއެވެ. ހަޅުތާލުކުރީ ޖަލުގެ ވަކި ޔުނިޓެއްގައި ތިބި މަދު ގައިދީންތަކެއް ކަމަށާއި އެހެން އެއްވެސް ގައިދީއަކަށް މިކަމުގައި ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.
އަދި ހަޅުތާލު ހެދި ގައިދީން ވެސް މިހާރު ބަސް އަހާފައިވާ ކަމަށާއި، ޖަލު އޮތީ ކޮންޓްރޯލް ކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި މުނާޒްގެ ވާހަކަތައް ދޮގު ކޮށްފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ނޫސްވެރިން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވާފައިނުވާތީ އެކަން ވެސް މިބަޔާނުގައި ކުށްވެރިކޮށްފައިވެއެވެ.
އަދި ޖަލުގެ ކަންކަން ގޯހުން ގޯހަށް ގޮސް ހާލަތު ބޮއްސުން ލައިގެން ގޮސްފައިވާއިރު ވެސް، ރައީސް ސޯލިހް އެއްވެސް އެއްޗެއް ވިދާޅުނުވެ ހުންނެވީތީ ރައީސަށް ވެސް ފާޑުކިޔާފައިވެއެވެ. މިސަރުކާރަކީ އަނިޔާއާ ދެކޮޅަށް ވަކާލާތުކޮށް، ހެޔޮ ވެރިކަމެއް ކޮށްދޭން އައި ސަރުކާރަކަށް ވާއިރު އެކަން ނުކުރެވޭތީ ޒިންމާ އަދާ ކުރަން ޖެހެ ފަރާތްތަކުން އިސްތިއުފާ ދޭން ޖެހޭ ކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ.