ޖެނުއަރީ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ޕްރައިމަރީގައި މޭޔަރު ކަމަށް ވާދަކުރެއްވުމަށް އައްޑޫ ސިޓީގެ މޭޔަރުކަން ކުރައްވަމުން އަންނަ އަބްދުﷲ ސޯދިގު (ސޯބެ) ފޯމު ހުށަހަޅައިފިއެވެ.
ސޯބެ އާއި އެކު މިފަހަރު އައްޑޫގެ މޭޔަރު ޕްރައިމަރީއަށް އެމްޑީޕީ އައްޑޫ ދާއިރާގެ ރައީސް އަހުމަދު އަދުހަމް އާއި ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވަނީ ފޯމު ހުށަހަޅުއްވާފައެވެ.
ސޯބެ އަކީ ފާއިތުވި 9 އަހަރު އައްޑޫގެ މޭޔަރުއެވެ. ސޯބެ ވަނީ ލާމަރުކަޒީ ގާނޫނު ވުޖޫދު ވުމުގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އައްޑޫ ކައުންސިލް ކަން ކުރައްވާފައެވެ. އަދި 2010 ވަނަ އަހަރު ލާމަރުކަޒީ ގާނޫނުގެ ދަށުން ބޭއްވި ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވައި ފާއިތު 9 އަހަރު ވަނީ އައްޑޫގެ މޭޔަރުކަން ކުރައްވާފައެވެ.
ސޯބެ އައްޑޫގެ މޭޔަރުކަމަށް މީގެ ކުރިން އިންތިހާބު ކުރަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ލާމަރުކަޒީ ގާނޫނަށް މިދިޔަ އަހަރު އަލަށް ގެނެވުނު އިސްލާހުގެ ދަށުން ސިޓީގެ މޭޔަރުންނާއި ރަށު ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކުގެ ރައީސުން އިންތިހާބު ކުރަނީ އެ އެސީޓީއެއް ނުވަތަ ރަށެއް ނުވަތަ އޮތޮޅެއްގެ ވޯޓު ލުމުގެ ހައްގު ލިބިގެންވާ ރައްޔިތުންގެ ސިއްރު ވޯޓަކުންނެވެ.
އެމްޑީޕީގެ ޓިކެޓުގައި މިފަހަރުގެ ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނީ މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އެތެރޭގެ ޕްރައިމަރީ އިންތިހާބުން ހޮވޭ ކެންޑިޑޭޓުންނަށެވެ.
އެމްޑީޕީން ބުނީ މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން މާދަމާގެ ނިޔަލަށް ޕާޓީގެ އޮފީހަށް ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.