Last Updated: November 28, 16:31
Thursday, November 28, 2024
ޚަބަރު

ރޯޑު އެކްސިޑެންޓުތަކަށް އައްޑޫން އެކަށީގެންވާ ފަރުވާ ދެވެން ނެތް!

އެންވައިރަމެންޓު މިނިސްޓްރީގެ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ވަނީ މަރުވެފައި،

އައްޑޫ ލިންކު ރޯޑުގައި ހިނގާ އެކްސިޑެންޓުތަކުގައި އަނިޔާވާ ފަރާތްތަކަށް އެކަށީގެންވާ ފަރުވާ އައްޑޫން ދެވެން ނެތްކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން މިހެން ބުނެފައިވަނީ އައްޑޫ ލިންކު ރޯޑުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅޭގޮތުން ހެދި ޕްރިމިލިނަރީ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ބުނެފައިވަނީ ލިންކު ރޯޑުގެ ހާލަތު ދަށްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓުތަކުގައި އަނިޔާ ލިބޭ ފަރާތްތަަކަށް ފަރުވާދޭނެ އިމަޖެންސީ ދާއިރާގެ މެޑިސިން ޑޮކްޓަރުން އައްޑޫ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ނެތް ކަމަށެވެ. މީގެ އިތުރުން އިމަޖެންސީގައި ފަރުވާ ދިނުމަށް ހާއްސަ މުވައްޒަފުން ނެތްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެކްސިޑެންޓުގައި އަނިޔާ ލިބޭ ފަރާތްތަކަށް ނިއުރޮލޮޖިސްޓުން އަދި ނިއުރޯސާރޖަންގެ ހިދްމަތް ލިބެން ނެތުމާއި ހެލްތު މިނިސްޓްރީގެ އިހުމާލުން ހިދްމަތަށް ބޭނުންވާ ބައެއް ކޮންސިއުމަބުލް ލިބެން ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ބަލި މީހާ އުފުލާނެ ޕެރަމެޑިކް މުވައްޒަފުންނާއި އުޅަނދުފަހަރު ނެތްކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ރިޕޯޓުގައިވާ ގޮތުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން އެކަށީގެންވާ ފަރުވާ ދެވެން ނެތުމުން ބަލި މީހާ މާލެ ގެންދިއުމަށްވެސް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެއެވެ. އެގޮތުން ބަލި މީހާ މާލެ ފޮނުވާލުމަށް ފްލައިޓުން ޖާގަ ނުލިބި ލަސްވެގެންދާކަން ފާހަގަކޮށްފައިވެއެވެ.

އައްޑޫ ލިންކު ރޯޑުގައި ހިނގާ އެކްސިޑެންޓު ތަކުގައި އެކަކަށް ވުރެ ގިނަ މީހުންނަށް އަނިޔާވި ކަމުގައި ވިޔަސް ހޮސްޕިޓަލްގައި ވަސީލަތް ހުރި ގޮތުން ފަހަރަކު މީހަކު ހޮސްޕިޓަލަށް ގެންދެވޭ ކަމަށާއި އޭގެ ސަބަބުން އެކްސިޑެންޓުގައި އަނިޔާ ލިބޭ އިތުރު ފަރާތްތަކަށް ފަރުވާ ލިބުން ލަސްވެގެންދާ ކަން ފާހަގަކޮށްފައިވެއެވެ. އަދި މިކަމަކީ ވީ އެންމެ އަވަހަކަށް ހައްލު ކުރަން ޖެހޭ ކަމެއް ކަމަށް ފާހަގކޮށްފައިވެއެވެ.

އައްޑޫ ލިންކު ރޯޑާއި ގުޅޭ ގޮތުން އޮޑިޓް އޮފީހުން ތައްޔާރު ކުރި ރިޕޯޓުގައި މަގުގެ ހާލަތާއި، މަގުގައި ހިނގާ އެކްސިޑެންޓުތަކާއި، އެކްސިޑެންޓުތަކުގައި ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކަށް ވަނީ ބަލާލާފައެވެ. މި ރިޕޯޓުގައިވަނީ ބައެއް މުހިއްމު ޑޭޓާތައް ބަރާބަރަށް ކަމާއި ބެހޭ އިދާރާތަކުން ބަލަހައްޓަމުން ނުދާކަން ފާހަގަކޮށްފައެވެ. އެގޮތުން ލިންކު ރޯޑުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި މަރުވެފައިވާ މީހުންގެ ފުރިހަމަ ތަފްސީލެއް އައްޑޫ ފޮލިސް އިދާރާ އަދި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ނެތްކަން ފާހަގަކުރެވެއެވެ.