ދިރާސީ އާ އަހަރުގެ ކިޔެވުން މާދަމާ ފެށުމާއި އެކު މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ ސްކޫލްތައް ހުޅުވުމުން މާލޭގެ ޓްރެފިކަށް އަންނާނެ ބަދަލުތަކާ އެއްގޮތަށް ފުލުހުންގެ މަސައްކަތް ތަކަށްވެސް ބަދަލު އަންނާނެ ކަމަށެވެ. އެގޮތުން ސްކޫލްތައް ހިމެނޭ ސަރަހައްދު ތަކުގައި ފުލުހުންގެ ދައުރު ފުޅާ ކުރެވޭނެކަމަށެވެ.
ގަވާއިދާއި ހިލާފަށް މާލޭގައި ޕާކް ކުރާ ވެހިކަލް ތަކުގައި ގިނަ އަދަދަކަށް ފުލުހުން ސްޓިކާ ޖަހަމުން އަންނަ ވަގުތެއްގައި ފުލުހުން ބުނީ މަގުމައްޗަކީ އެންމެނަށް ސަލާމަތްތެރި އަދި ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ފުލުހުންދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލޭގެ މަގުތަކުގައި ޕާކު ކުރުމަށްހުރި ދަތިތަކާއި ޤަވާއިދާ ޚިލާފަށް ޕާކު ކުރުމުން، ހައްލު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެެވެ.
ފަހަކަށް އައިސް މާލޭގައި ގަވާއިދާއި ހިލާފަށް ޕާކު ކުރާ ވެހިކަލް ތަކުގައި ސްޓިކާ ޖަހަނީ ޕާކް ކުރަން މީގެ ކުރިން ހަދާފައިވާ ޕާކިން ޒޯނު މާލެ ސިޓީ ކައުންސިލުން މަދު ކުރުމާއި ގުޅިގެން ކަމަށް އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ.
މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަ އިރު މާލޭގައި ވެހިކަލް ޕާކް ކުރުމާއި ހިނގައި ބިނގައި އުޅުމަށްވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެެވެ.