Last Updated: November 28, 15:30
Thursday, November 28, 2024
ރިޕޯޓް

މާދަމާ ސްކޫލް ހުޅުވޭއިރު އައްޑޫގެ މަގުތަކުގެ ހާލަތު ވަރަށް ދަށް!

ޝަރަފުއްދީން ސްކޫލާއި، އެމްއެންޔޫ އަށް ދާން އޮންނަ މަގު

މާދަމާ ދިރާސީ އާ އަހަރު ފެށޭއިރު އައްޑޫގެ ސްކޫލްތަކުގެ މަގު ނެހެދޭތީ ބެލެނިވެރިން ކަންބޮޑުވުން ފާޅު ކުރަން ފަށައިފިއެވެ.

ދިރާސީ އަހަރަށް ދަރިވަރުންނާއި ބެލެނިވެރިން ތައްޔާރު ވަމުން އަންނަ އިރު ގިނަ ސްކޫލްތަކަށް ވަދެ ނިކުމެ އުޅެވޭ ވަރަށް ވުރެ މަގުގެ ހާލަތުވަނީ ދަށް ވެފައެެވެ. ފާއިތުވި ދުވަސްތަކުގައި އައްޑޫއަށް ވާރޭ ވެހިފައި އޮތުމާއި އެކު މަގުގެ އެކި ހިސާބުތަކުގައި ފެންގަނޑު ހެދި ޗަކަ ހެދިފައިވާ އިރު އެކަމުގެ ސަބަބުން ކުދިންނަށް ސްކޫލަށް ވަދެ ނިކުމެ އުޅެން ވާނީ ބޮޑު ތަކުލީފަކަށެވެ،

އައްޑޫގެ ސްކޫލްތަކުގެ ތެރެއިން ކިރިޔާވެސް ފަސޭހަ މަގެއް އޮތީ ހިތަދޫ ނޫރާނީ ސްކޫލަށެވެ. އެ ސްކޫލް ލިންކު ރޯޑުގައި ހުރުމުން ސްކޫލަށް ކުދިން ދިއުމަށް ފަސޭހަ ވިޔަސް ޝަރަފުއްދީން ސްކޫލް އަދި އައްޑޫ ހައި ސްކޫލަށް ދާން އޮތް މަގުގެ ހާލަތު ވަރަށް ދަށެވެ.

މީގެ އިތުރުން ފޭދޫ ސްކޫލަށް ދާން އޮންނަ ރަށްދެބައި މަގުގެ މެދުން ތާރުގަނޑު ކަނޑާފައި އޮތުމުން އެ މަގުގެ ހާލަތުވެސް އޮތީ ވަރަށް ދަށްކޮށެވެ. މި ކަމާއި ގުޅިގެން ފޭދޫ ސްކޫލްގެ ގިނަ ބެލެނިވެރިން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އާ އަހަރަށް ކުދިން އާ ބޫޓާއި، އާ ޔުނިފޯމާއި އެކު ދާން މި ޖެހެނީ ފެންގަނޑަށް އެރި ބަކަ ތަޅަމުން" ސޯޝަލް މީޑިއާގައި ނުރުހުން ފާޅު ކުރި މީހަކު ބުނެފައިވެއެވެ.

މަގުގެ ހާލަތަށް ބަލާއިރު ހުޅުމީދޫގެ ސްކޫލްތަކަށް ދެވެން އޮތް މަގުތަކުގައިވެސް ވަނީ ފެންގަނޑު ހެދި، ހިނގާބިނގާ އުޅެވޭ ވަރަށް ވުރެ ހާލުގައެވެ. އެހެންވެ އެ ދެރަށުގެ ރައްޔިތުންވެސް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ސްކޫލް ފެށެންވާއިރަށް މަގު ނެހެދި އޮތް އިރު މިހާރުގެ ކައުންސިލް މެމްބަރުން އަންނަނީ އަންނަ އެޕްރިލް މަހު ބާއްވާ ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ހޭބޯނާރާ ކެމްޕެއިން ކުރައްވަމުންނެވެ. މަގު ހެދުމާއި މަރާމާތު ކުރުމުގެ ހުރިހާ ބާރެއް ކައުންސިލަށް ލިބިފައިވާތާ އަހަރެއް ވެއްޖެއެވެ. ނަމަވެސް މިކަންކަމަށް ހައްލެއް ހޯދައި ދެވޭ ތަނެއް ނުފެނެއެވެ.

ބާރު ލިބި މަގު ނެހެދޭތީވެސް ބެލެނިވެރިން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

އައްޑޫ މަގު ހަދަން ބޭނުންވާ ސާމާނާއި ވަސީލަތް މިހާރު ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައެވެ. ކައުންސިލުން އެ ވެހިކަލާއި މުވައްޒަފުން ބޭނުންކޮށް ރެއާއި ދުވާލު ކުރަމުން އަންނަ މަސައްކަތަކީ ހިތަދޫ ސިޓީ ސްކުއާ ޕާކު ހެދުމެވެ.