އައްޑޫ ސިޓީގެ މަގު ހެދުމުގެ ދެ މަޝްރޫއެއް ބަޔަކާއި ހަވާލު ކުރެވިފައިވާ ކަމަށާއި ފުރަތަމަ މަޝްރޫއުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިރޭ ވިދާޅުވީ ރައީސް ނަޝީދާއި އައްޑޫ ރައްޔިތުންނަށް ޖެއްސުމަށް ކޮށައި ކުދިކޮށްލި ތާރު މަގުތަކުގައި ތާރު އެޅުމުގެ ދެ މަޝްރޫއެެއް ހަވާލު ކޮށްފައިވާ ކަމަށެވެ.
"ނަރުދަމާ ހޮޅި މިނޫން ގޮތަކަށް އެޅެން އޮވެމެ، ރައީސް ނަޝީދު އަދި އައްޑޫ ރައްޔިތުންނަށް ޖެއްސުމަށް ކޮށައި ކުދިކޮށްލި މަގުތަކަށް ތާރު އަޅައި ހެދުމުގެ ދެ މަޝްރޫއު ވަނީ ހަވާލު ކުރެވިފައި"
ނިހާދު ވިދާޅުވިއެވެ.
ނިހާދު ވިދާޅުވީ މަގު ހެދުމުގެ ފުރަތަމަ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ އިރު މަގު ހެދުމުގެ ބިޔަ މަޝްރޫއުގެ ސާވޭގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ނިހާދު މިފަދައިން ވިދާޅުވި އިރު އައްޑޫގެ މަގުގެ ހާލަތު ވަރަށް ބޮޑަށް ދަށްވުމުގެ ސަބަބުން އާއްމު ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ހާއްސަކޮށް ފޭދޫ ބޮޑު މަގާއި، ރަށްދެބައި މަގުގެ މެދުން ތާރުގަނޑު ކަނޑައި މަގުގެ ބޭނުން ކުރުމަށްވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި ވިއްސާރަ ވުމުގެ ސަބަބުން ތާރުގަނޑު ކަނޑާފައިވާ ސަރަހައްދުގައި ފެންގަނޑު ހެދިފައި ވުމުގެ ސަބަބުން ބައެއް މީހުން ވެއްޓި ގިނަ އަނިޔާތަކެއް ވަނީ ލިބިފައެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ލަންކާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދާފައިވާ ފޭދޫ ބޮޑު މަގުގެ ތާރުކަޑުވަނީ ދެ ފަހަރެއްގެ މަތިން ކަނޑާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މަގުގެ ތާރުގަނޑު ފުރަތަމަ ކެނޑީ ނަރުދަމާ އަޅާށެވެ. އަދި ފަހުން ވަނީ ފޭދޫގައި ގާއިމް ކުރާ ފެން ހިއްދާ ނިޒާމު ހެދުމަށް ތާރުގަނޑުގެ އިތުރު ބައެއް ކަނޑާފައެވެ.