އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2019ގެ ފައިނަލް މެޗު މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުރިއަށްދާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ކޮމެޓީން ބުނެފިއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ހިތަދޫ އެފްސީ ބޭރުމަތި އަދި ފޭދޫ ސްޕޯޓްސްއެވެ. މި ދެ ޓީމު ފައިނަލުން ޖާގަ ހޯދާފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ.
ދެ ޓީމު މިއަދުގެ މެޗަށް ނިކުންނަ އިރު އަނިޔާގެ މާ ބޮޑު މައްސަލައެއްވެސް އަދި ކާޑުގެ މައްސަލައެއް ވެސް ކުރިމަތިވެފައި ނުވެއެވެ. ނަމަވެސް ސެމީ ފައިނަލް މެޗުގައި ފޭދޫ ޓީމުގެ އަރިމަތިން ފަހަތަށް ކުޅެމުން ދިޔަ ތަޖުރިބާކާރު ކުޅުންތެރިޔާ ކާލޯސްގެ ބޮލަށް ލިބުނު އަނިޔާ ތަކާއި ގުޅިގެން އޭނާ މިއަދުގެ ޓީމުން ފެނިގެންދާނެ ކަމަށް ނުބެލެވެއެވެ.
މިއަދުގެ މެޗަށް ބަލާ އިރު ބޭރުމަތީ ޓީމުން ރާއްޖޭގެ މިވަގުތު ހުރި އެންމެ ޒުވާން އުއްމީދީ ކުޅުންތެރިޔާ ހަންނާ އަދި 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ޗޯޓު ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ފޭދޫ ޓީމަށް ބަލާއިރު އެޓީމުގައި މުޅިންވެސް ހިމެނެނީ ތަޖުރިބާ ހުރި މޮޅު ކުޅުންތެރިންނެވެ. 2008 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕް ތަށި އުފުލާލި ޓީމުގައި ހިމެނުނީ އައްމަޓީ އާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ކުޅެފައިވާ ކަޅޭ އަދި ޕީޓާ އަކީ ފޭދޫ ޓީމުގެ މުހިއްމު ކުޅުންތެރިންނެވެ. މީގެ އިތުރުން އައްމަޓީގެ ދަރިފުޅު ޒުވާން ކުޅުންތެރިޔާ ސަޔަމް ސައީދުގެ މޮޅު ކުޅުން ފާހަގަކޮށްލަން ޖެހެއެވެ.
އެހެންވެ މިއަދުގެ ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދާނެ މެޗެއް ކަމަށް ބެލެވެއެވެ.
ހަމައެކަނި އައްޑޫ ކުޅުންތެރިންނަށް ކުޅެވޭ ގޮތަށް ގަވާއިދު ހަދާފައިވާ މި މުބާރާތުގައި އައްޑޫގެ އެކި ރަށްތަކުން 6 ޓީމު ވަނީ ބައިވެރިވެފައެވެ. އެއީ މީދޫ މުލިމަތި ޔުނައިޓެޑް އާއި މަރަދޫ ގޯދިއްޔާގެ އިތުރުން ހިތަދޫ އެފްސީ ޒެފިއާ އަދި ހިތަދޫ ކްލަބް ރިވަރިންނާ، އެފްސީ ބޭރުމަތި އަދި ފޭދޫ ސްޕޯޓްސްއެވެ.
ކައުންސިލްގެ ދައުރު ނިމެމުން ދަނިކޮށް އިންތިޒާމް ކުރި މި މުބާރާތަކީ ދެން ކުރިއަށް އޮތް ކޮންމެ އަހަރަކު ބާއްވާނެ މުބާރާތެއް ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ އިރު ރަނައަޕް ޓީމަށް 10،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ. މި މުބާރާތުގެ މެޗުތައް އައްޑޫލައިވް ފޭސްބުކް ޕޭޖް މެދިވެރިކޮށް އަންނަނީ ލައިވް ކުރަމުންނެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ފައިނަލް މެޗުގެ ލައިވް ވެސް ގެނެސްދެވޭނެއެވެ.