ކުނިން ހަކަތަ އާއި ފެން އުފެއްދުމަށް އައްޑޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއަށް ބޭނުންވާ 14 މިލިއަން ޑޮލަރު (26 މިލިއަން ރުފިޔާ)ގެ ލޯނު ހަމަޖެހިއްޖެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.
އެންވައިރަމެންޓު މިނިސްޓްރީން ބުނީ ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) މެދުވެރިކޮށް އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިންނެވެ. އަދި މި ފައިސާ ހަމަޖެހުނު ކަން އިއްލާންކޮށްފައިވަނީ މިހާރު އަބޫދާބީގައި ކުރިއަށްދާ އައިރީނާގެ ދިހަވަނަ އެސެމްބްލީގައެވެ.
މި އެސެމްބްލީގައި އެންވައިރަމެންޓު މިނިސްތަރ ޑރ. ހުސެއިން ރަޝީދު ހަސަން އާއި ޔޫއޭއީގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ހުސައިން ނިޔާޒް އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ކޯޕަރޭޝަންގެ އިސްއޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫގައި ގާއިމް ކުރާ ކުނިން ހަކަތަ އުފައްދާ މަޝްރޫއަކީ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭ ގޮތަށް ކުނީގެ ތެރެއިން ނެތިފަނާވެދާ ކުނި ފިޔަވާ ކުނީގެ އެހެން ބާވަތްތައް މެނޭޖުކުރުމަށާއި އެކުނި އަންދައިގެން ކަރަންޓާއި ފެން އުފެއްދުމަށް އަމާޒުކޮށް އެކުލަވާލާފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއަށް ބޭނުންވާ ހަ ހެކްޓަރުގެ ބިން ހިތަދޫ އާރްއޭފްގައިވާ މިފްކޯ ފަސްގަނޑުން ވަނީ ދީފައެވެ.
2019 ވަނަ އަހަރު މި މަޝްރޫއުގެ ގާއިމް ކުރުމަށް ސައުތު ކޮރެއާގެ ލޮޓަސް ވެންޗާ ކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ މި މަޝްރޫއަކީ ގްރީން ޓެކްސްގެ 16 މިލިއަން ޑޮލަރުން ހިންގާ މަޝްރޫއެއް ކަމަށެވެ.