Last Updated: November 28, 13:13
Thursday, November 28, 2024
ޚަބަރު

ސީޓީ އަދި ކާޑިއޯ ހިދުމަތާއި އެކު އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހިދަމްތް ފަށައިފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުންދިޔަ ބައެއް ހިދްމަތް ހުއްޓާލައި އެ ހިދްމަތް މިއަދުން ފެށިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން (އޭއީއެޗް) ދޭން ފަށައިފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުން މިއަދުން ފެށިގެން އާ ގިނަ ހިދްމަތްތައް ދޭން ފަށާފައިވާ ކަމަށެވެ. އެގޮތުން ސީޓީ ސްކޭން ހެދުމާއި ކާޑިއޯގެ ހިދްމަތް މިއަދުން ފެށިގެން ލިބެމުންދާނެކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެެވެ.

މީގެ އިތުރުން އީއެންޓީ ހިދްމަތާއި، ދަތުގެ ފަރުވާގެ އިތުރުން މާބަނޑު މީހުންގެ ކްލިނިކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަދި ސައިކެޓްރިކް އަދި އަލްޓްރާ ސައުންޑްގެ ހިދްމަތް ދޭން ފަށާފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް އޯތޯ ސާޖަން އަދި ފިޒިއޯތެރަޕީގެ ހިދްމަތް މިއަދު ވަނީ ފެށިފައެވެ.

އާ ހޮސްޕިޓަލްގެ ބައެއް ހިދްމަތް މިއަދި ފެށި ނަމަވެސް އާއްމު ބަލިތަކާއި އޯޕީޑީގެ ބަލި މީހުން އަދި ދައްކަން ދާން ޖެހެނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށެވެ. އަދި ބަލި މީހުން އެޑްމިޓް ކުރަމުން އަންނާނީވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައެެވެ.

2012 ވަނަ އަހަރު 17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި ހެދި ކޮންވެންޝަން ސެންޓަރު 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައެވެ.

އެލިއާ އާއި ހަވާލުކޮށްގެން 171 މިލިއަން ރުފިޔާއަށް އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށް ތަނަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތް މިއަދު މި ހޮސްޕިޓަލްގައި ވަނީ ގާއިމްކޮށްފައެވެ.

ހޮސްޕިޓަލް ރަސްމީކޮށް ނުހުޅުވި އަދިވެސް ލަސްވަނީ އެތަނުގައި ގިނަ މަސައްކަތް އަދި ނުނިމި ހުރުމުންނެވެ. އެގޮތުން ޕްލޭނިން މިނިސްޓްރީން ތަން މިނިސްޓްރީ އޮފް ހެލްތާއި ހަވާލު ކުރި ފަހުންވެސް ތަނަށް ކުދި ކުދި ބަދަލުތަކެއް އަންނަނީ ކުރަމުންނެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ދެކުނުގެ 4 އަތޮޅުގެ ރައްޔިތުންނަށް ޒަމާނީ ބޭސްފަރުވާ ލިބޭނެ ފެންވަރަށް ތަރައްޤީ ކުރަމުން އަންނަ ހޮސްޕިޓަލެކެވެ.