އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް އޯޕެކް ފަންޑުގެ ޑިރެކްޓަރ ޑރ. އަބްދުލް ހާމިދު އަލް ހަލީފާ ބައްލަވާލައްވައިފިއެވެ.
ޑރ. އަބްދުލް ހާމިދު އަލް ހަލީފާ ރާއްޖެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމަށް ހެލްތު މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް ވަނީ ބައްލަވާ ލައްވާފައެވެ.
މިއީ އޯޕެކްގެ މިފަދަ ވެރިއަކު އައްޑޫ ހޮސްޕިޓަލަށް ޒިޔާރަތް ކުރި ފުރަތަމަ ފަހަރެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޑރ. ހަލީފާ ވަޑައިގެންނެވި އިރު އިއްޔެ ހޮސްޕިޓަލުން ވަނީ ބައެއް ހިދްމަތް ތަކާއި އެކު ހިދްމަތްދޭން ފަށާފައެވެ.
17 ވަނަ ސާކް ސަމިޓު ބޭއްވުމަށް ހިތަދޫގައި އިމާރާތް ކުރި ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކޮށްފައިވަނީ އޯޕެކް ފަންޑުން އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ދީފައިވާ 24 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ފައިސާއިންނެވެ.
އޯޕެކް ފަންޑުން ފުރަތަމަ ނިންމާފައި އޮތީ 100 އެނދުގެ ހޮސްޕިޓަލެއް ރަނގަޅު ޑިޒައިނަކަށް ހިތަދޫގައި އެޅުމަށެވެ. އެގޮތުން އައްޑޫ ސްޓޭޑިއަމްގެ އިރުން ހޮސްޕިޓަލް އެޅުމަށް ހަމަޖެއްސި ބިމުގެ ސާމްޕަލް ނަގައި އެތަނަށް 14 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހޮސްޕިޓަލެެއް ޑިޒައިން ކުރުމަށް ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ރިޔަން އާއި ހަވާލުކުރިއެވެ. ނަމަވެސް ފަހުން އިވުނީ އޯޕެކްއިން ދީފައިވާ ލޯނަށް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ނޭޅޭނެކަމަށެވެ. އެހެންވެ ރައީސް ޔާމީންގެ ސަރުކާރުން ނިންމީ އައްޑޫ ކޮންވެންޝަން ސެންޓަރު ބަދަލުކޮށް އެތަން ހޮސްޕިޓަލަކަށް ބަދަލު ކުރުމަށެވެ.