ހިތަދޫން 25،000 އަކަފޫޓުގެ ބިމެއް ހިލޭ ވިލާ އެޑިއުކޭޝަނަލް ސާވިސް ޕްރައިވެޓް ލިމިޓެޑަށް ދިން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ވިލާއަށް 25،000 އަކަ ފޫޓުގެ ބިމެއް ހަމަޖައްސާދީފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ވިލާއަށް ކައުންސިލުން ބޮޑު ބިމެއް ދިން މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ.
ކައުންސިލުން ވިލާއަށް ބޮޑު ބިމެއް ހަމަޖައްސައިދިނީ މީގެ ކުރިން 45،000 އަކަ ފޫޓުގެ ބިމެއް ވިލާއަށް ހަމަޖައްސަން އުޅުމުން އެކަމާއި ކައުންސިލްގެ ބައެއް މެމްބަރުން ހިތްހަމަނުޖެހި މައްސަލަ އުފެދުމާއި ގުޅިގެންނެވެ.
ކުރިން ވިލާ ކޮލެޖަށް ކައުންސިލުން ހަމަޖައްސަން އުޅުނު ބިމަކީ ހިތަދޫ ކްރެސްގާޑަން ރެސްޓޯރެންޓާއި ލިންކު ރޯޑާއި ދެމެދުން 45،000 އަކަފޫޓުގެ ބިމެކެވެ.
ވިލާ ކޮލެޖަށް ބޮޑު ބިމެއް އިއްލާން ކުރުމެއްނެތި ދިނުމަށް ފުރަތަމަ ކައުންސިލަށް ހުށަހެޅީ އައްޑޫގައި ވިލާ ކޮލެޖުގެ ކަންކަމާއި ދާދި ފަހަކާއި ޖެހެންދެން އިސްކޮށް ހަރަކާތްތެރިވި އައްޑޫ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ.
ޔަސްރިފު ހުށަހެޅި މައްސަލަ ބަލައި ގަނެ ކައުންސިލް މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ ފަހުން ނިންމާފައިވަނީ އިއްލާންކޮށްގެން ބިން ދޫކުރުމަށެވެ. އެނގިފައިވާ ގޮތުގައި ވިލާއަށް ބިން ދިނުމާއި ގުޅޭ ގޮތުން ފުރަތަމަ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ޔަސްރިފް ވަނީ ބައިވެރިވެ ވިލާއަށް ބިން ދިނުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. އެހެންވެ އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ކައުންސިލަރުން ވަނީ މައްސަލަ ޖައްސާފައެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ކައުންސިލަރަކު ބުނީ ވިލާ ކޮލެޖަށް ބިން ދިނުމުގެ މައްސަލަ އަކީ ޔަސްރިފުގެ މަސްލަހަތު ހިމެނޭ ކަމަކަށްވެ އެ ބައްދަލުވުމުގައި ޔަސްރިފަށް ބައިވެރިނުވެވޭނެ ކަމަށް ބުނެ ބައެއް ކައުންސިލަރުން މައްސަލަ ޖެއްސި ކަމަށެވެ.
އެގޮތުން ވިލާއަށް ބިން ދިނުމަށް ހުށަހެޅުމާއި އެ ބައްދަލުވުމުގައި ޔަސްރިފު ބައިވެރިވުމަކީ ލާމަރުކަޒީ ގާނޫނުގެ 126 ވަނަ މާއްދާ އާއި ހިލާފުކަމެއް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ލާމަރުކަޒީ ގާނޫނުގެ 126 ވަނަ މާއްދާގައި ބުނެފައިވަނީ "ކައުންސިލްގެ އެއްވެސް މެންބަރެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ނުވަތަ ދަރިއެއްގެ މަސްލަހަތު ހިމެނޭ ނުވަތަ އެމެންބަރެއްގެ އަމިއްލަ ފައިދާއެއް ނުވަތަ ދައުރެއްއޮތް ކަމަކާމެދު ކައުންސިލްގައި މަޝްވަރާކުރާނަމަ މިފަދަ މެންބަރަކު އެ ބައްދަލުވުމެއްގައި ބައިވެރިވެގެންނުވާނެ"
ކަމަށެވެ.
ގާނޫނުގައި މިގޮތަށް އޮތް އިރު ހިތަދޫގައި ހިންގާ ވިލާ ކޮލެޖުގެ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ޔަސްރިފްގެ އަންހެނުންނެވެ.
އިއްލާން ކުރުމުއް ނެތި ވަކި ބަޔަކަށް ބިން ނުދެވޭނެ ކަމަށް ބުނެ ބައެއް ކައުންސިލަރުން މައްސަލަ ޖެއްސުމުން ފަހުން ކައުންސިލުން ނިންމީ އިއްލާން ކޮށްގެން ބިން ދޫކުރުމަށެވެ. ނަމަވެސް ފަހުން ކައުންސިލުން އެ ބިމަށް އެދި އިއްލާން ކުރި އިރު ވަނީނކުރިމަތިލެވޭ ޝަރުޠު ވަރަށް ބޮޑަށް ހަނިކޮށް ވަކި ބަޔަކަށް ފުރުސަތު ލިބޭ ގޮތަށް ބަދަލު ގެނެސްފައެވެ.
ކައުންސިލުން ވިލާއަށް ބިން ދޭން އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު މިކަމުގެ ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ.