އައްޑޫން އެކަށީގެންވާ ބޭސްފަރުވާ ނުލިބި ދިގުލައިގެން ދިއުމަކީ މިހާތަނަށް އައްޑޫ ރައްޔިތުން ކުރި އެންމެ ބޮޑު ޝަކުވާއެވެ. އެންމެ އާދައިގެ ބައްޔަށް ވެސް އެކަށީގެންވާ ބޭސް ފަރުވާ އައްޑޫން ލިބޭން ނެތުމެވެ.
ފާއިތުވި ކޮންމެ ސަރުކާރަކަށް އައްޑޫ ރައްޔިތުން ހުށަހެޅި އެންމެ ބޮޑު ހުށަހެޅުމަކީ ހަރުދަނާ ސިއްހީ ނިޒާމެއް އަތޮޅުގައި ގާއިމްކޮށް ދިނުމެވެ. މި ހުށަހެޅުން ސިޔާސީ ފަރާތްތަކުން ނެގީ އައްޑޫ ރައްޔިތުން އަތުން ވޯޓު ހޯދުމަށް އެންމެ ބޮޑު ހަތިޔާރަކަށެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު އޯޕެކް ފަންޑުން ލިބުނު 24 މިލިއަން ޑޮލަރުގެ ލޯނާއި އެކު އައްޑޫގައި 100 އެނދުގެ ހޮސްޕިޓަލެއްގެ ވާހަކަ ފެންމަތިވިއެވެ. އޭގެ ފަހުން ހޮސްޕިޓަލްގެ ޕްލޭން ތަކާއި ކުރެހުންތައް ފާއިތުވި ތިން ސަރުކާރުން އައްޑޫ ރައްޔިތުންނަށް ދެއްކިއެވެ. ހޮސްޕިޓަލް އެޅުމަށް ބިން ވެސް ސާފު ކުރިއެވެ.
އެތައް ހުވަފަނެއް އެތައް ވާހަކަތަކެއް ހޮސްޕިޓަލާއި ގުޅޭ ގޮތުން ދެއްކުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން ހިތަދޫގައި އިމާރާތްކޮށްފައި ހުރި ކޮންވެންޝަން ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިއެވެ. ދެ އަހަރެއްހާ ދުވަސް ފަހުން މިއަދު އައްޑޫގައި މިވަނީ ޒަމާނީ ވަސީލަތްތަކާއި އެކު ޓާޝަރީ ހޮސްޕިޓަލެއް ގާއިމް ކުރެވިފައެވެ. އެންމެ ޒަމާނީ ވަސީލަތްތަކާއި އެކުއެވެ.
އައްޑޫގެ ފާއިތުވި މާޒީއަށް ބަލާއިރު އެކަށީގެންވާ ވަސީލަތް ނެތުމުގެ ސަބަބުން ފަރުވާ ނުދެވި އެތައް ބަޔަކު ވަނީ މިދުނިޔެ ދޫކޮށްފައެވެ. ހާއްސަކޮށް ލިންކު ރޯޑުގައި ހިނގާފައިވާ އެކްސިޑެންޓުތަކުގައި ބޮލަށް ގެއްލުން ލިބި އެތައް ބަޔަކު ވަނީ މަރުވެފައެވެ.
އެކްސިޑެންޓުތަކުގައި ބޮލަށް ގެއްލުން ލިބުނު އެތައް ބަޔަކު އައްޑޫން ސީޓީ ސްކޭން ހެދެން ނެތުމުން ބޮޑު ހަރަދުކޮށް މާލެ ވަނީ ގެންގޮސްފައެވެ. އަދި ބައެއް މީހުންގެ ހާލު ސީރިއަސްކަމުން ސްކޭން ހެދުމަށް މާލެ ނުގެންދެވި ވީނުވީއެއް ނޭގި ވަނީ މަރުވެފައެވެ. އެހެންވެ އައްޑޫން ސީޓީ ސްކޭން ހެދޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުން ދިޔައީ ސަރުކާރުގައި އެދެމުންނެވެ.
އިއްޔެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން އައި ފަރުވާތަކުގެ ތެރެއިން ބައެއް ފަރުވާ ދިނުން މިވަނީ އާ ހޮސްޕިޓަލް، އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. އެ ބަދަލާއި އެކު މިއަދު އެ ހޮސްޕިޓަލުން އަންނަނީ ސީޓީ ސްކޭން ކުރަން ފަށާފައެވެ. މިހާތަނަށް ވިއްސަށް ވުރެ ގިނަ ސީޓީ ސްކޭން އިކުއިޓޯރިއަލް ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. މިއީ އެތައް ބަޔަކަށް ހިތަށް ފިނިކަން ލިބިގެން ދިޔަ ކަމެކެވެ.
އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ ސީޓީ ސްކޭންގެ އިތުރުން ވަރަށް އަވަހަށް އެމްއާރުއައިގެ ހިދްމަތްވެސް ދޭން ފަށާނެކަމަށެވެ. އެކަމުގެ އެންމެ ފަހުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ އިރު ފަރުވާ ދެވޭނެ ވަސީލަތް ނެތިގެން މާލެ ފުރުވުން ދެން ލަސްތަކެއް ނުވެ ހުއްޓިގެންދާނެއެވެ. މިއީ އައްޑޫ ރައްޔިތުންނާއި ދެކުނު ރައްޔިތުންނަށަް ލިބިގެން ދިޔަ ބޮޑު ހިތް ހަމަޖެހުމެކެވެ.