ޑެންމާކުގައި ދާދި ފަހަކަށް ހެދި ރިސަރޗަކުންވެސް ވެކްސިންއާއި އޯޓިޒަމާއި އެއްވެސް ގުޅުމެއް ނެތްކަން ހޯދިއްޖެއެވެ. މި ރިސަރޗް ކުރިއަށް ގެންގޮސްފައިވަނީ ހިމަބިހި، ކޯފުއްޕި އަދި ރުބެއްލާ ވެކްސިން ދީފައިވާ އެޤައުމުގެ 650،000 އަށްވުރެ ގިނަ ކުދިން ހިމަނައިގެންނެވެ.
ސައިންސާއި ޕަބްލިކް ހެލްތުގެ ދާއިރާގައި ވެކްސިންއާއި އޯޓިޒަމާއި ދެމެދު އެއްވެސް ގުޅުމެއް ނެތްކަން ކަނޑައެޅިފައިވާތާ އެތައް ޒަމާނެކެވެ. ނަމަވެސް، އެތައް ހޯދުމެއްގެ މައްޗަށް ބިނާކޮށް މެޑިކަލް ލިޓަރޭޗަރއިން ބޭރުކޮށްފައިވާ، މީގެ 20 ވަރަކަށް އަހަރު ކުރިން ޝާއިރުކުރެވުނު ކުޑަ ހޯދުމަކަށް ބިނާކޮށް އަދިވެސް އެތައް ބަޔަކު ދަނީ މިދެކަން ގުޅުވަމުންނެވެ.
ނަމަވެސް، މުޅި ދިވެހި ރާއްޖޭގެ އާބާދީއަށްވުރެވެސް ބޮޑު، 1999 ވަނަ އަހަރާއި 2010 ވަނަ އަހަރާއި ދެމެދު އުފަންވެފައިވާ 657،461 ކުދިން ހިމެނޭގޮތަށް ހިންގުނު މި ހޯދުމުގެ އަލީގައި ވެކްސިންއާއި އޯޓިޒަމްއާއި ގުޅުމެއް އޮންނަކަމަށް ޤަބޫލުކުރާ ޤަބޫލުކުރުމުގެ އެއްވެސް ޖާގައެއް ނެތެވެ. ނަމަވެސް އަދިވެސް އެތައް ބަޔަކުދަނީ މިކުށްހީގެ މައްޗަށް ބިނާކޮށް ދެލޯ ނޭދޭފަދައިން އެދޭ އަމިއްލަ ކުދިން ބަލީގެ ނުރައްކަލަށް އެއްލާލަމުންނެވެ.
2019 ވަނަ އަހަރުގެ މާރޗުމަހު އެނަލްސް އޮފް އިންޓަރނަލް މެޑިސިންގައި ޝާއިރުކުރެވުނު މިހޯދުންތަކަކީ ކޯޕަންހޭގަންގެ ސްޓެޓެންސް ސެރަމް އިންސްޓިޓިއުޓްގެ ސައިންސްވެރިންގެ ހޯދުމެކެވެ. މީގެ ތެރެއިން ބައެއް ސައިންޓިސްޓުންވަނީ މީގެ ކުރިން ހަމަ މި މަޢުޟޫއަށް ނިއު އިންގްލޭންޑް ޖަރނަލް އޮފް މެޑިސިންގައި 2002 ވަނަ އަހަރު ހޯދުންތަކެއް ޝާއިރުކޮށްފައެވެ. އެހޯދުންތަކަކީ 1991 ވަނަ އަހަރާއި 1998 އާއި ދެމެދު އުފަންވެފައިވާ 537،303 ޑެންމާކު ކުދިންގެ މައުލޫމާތަށް ބިނާކޮށް ޝާއިރުކުރެވުނު ހޯދުންތަކެެކެވެ.
މިހޯދުންތައް ދެވަނަ ފަހަރަށް ޔަޤީންކުރަން ޖެހުނު ސަބަބުވެސް އެ ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޑރ. އެންޑަރސް ހްވީޑް ވިދާޅުވީ މިކަން ކުރަން ޖެހުމުގެ އެންމެ ބޮޑު ސަބަބަކީ ވެކްސިންއާއި މެދު ބިރުވެރިކަމެއް އޮންނަން ނުޖެހޭ އިރުވެސް މީހުންގެ ހިތްތަކުގައި ޝައްކުތަކެއް ހުރުމުން އެކަން ފިލުވުމެވެ.
"ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ވާހަކަ އަދިވެސް ދަނީ ފެތުރެމުން. އަދި އެންޓި-ވެކްސް މޫވްމެންޓްވަނީ މިވީ 15 ވަރަކަށް އަހަރު ތެރޭ ބޮޑުވެފަ." އޭނާ ސްޓެޓްއަށް ކިޔާދިނެވެ. "މިހާރު މިފެންނަ ޓްރެންޑަކީ ވަރަށް ފިކުރު ބޮޑުވާންޖެހޭ ކަމެއް."
މިހޯދުންތައް ތަކުރާރު ކުރަން ޖެހުމުން އެހެން ހޯދުންތައް ހޯދުމުގެ ބަދަލުގައި މިކަމަށް އިތުރު އިސްކަމެއް ދިނުމުން ފާޑުކިޔުންތައް އަމާޒުވިނަމަވެސް، ޑރ.ހްވިޑް ވިދާޅުވީ މިހާ ބޮޑު ދިރާސާއަކުން އެމްއެމްއާރު ވެކްސިންއާއި ގުޅިގެން ފެތުރޭ އިތުރު ތުހުމަތުތަކަށްވެސް ޖަވާބު ހޯދިފައިވާކަމަށެވެ.
އެގޮތުން އޯޓިޒަމް ޖެހުމުގެ ފުރުސަތު އޮންނަ ކުދިންނަށް ވެކްސިން ދިނުމުން އެކުދިންނަށް އޯޓިޒަމް ޖެހުމުގެ ފުރުސަތު އިތުރަށް ބޮޑުވާކަމަށް ކުރެވޭ ތުހުމަތަށްވަނީ މި ހޯދުންތަކުން ރައްދެއް ދީފައެވެ. މިހާލަތުގައި އޯޓިޒަމް ޖެހުމުގެ ފުރުސަތު އޮންނަ ކުދިންް ކަމުގައި ބަޔާންކުރަނީ އެއްބަނޑު އެއްބަފާ ކުއްޖަކަށް އޯޓިޒަމް ޖެހިފައި ހުންނަ ކުދިންނެވެ.
"އެމްއެމްއާރު ވެކްސިންއަށްފަހު އޯޓިޒަމް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ތާއީދުކުރެވޭ އެއްވެސް ގުޅުމެއް ނުހޯދޭ. ޙާއްސަކޮށް މާހައުލާއި އާއިލީގޮތުން އޯޓިޒަމް ޖެހިދާނެކަމަށް ބުނާ ކުދިންނަށް އެމްއެމްއާރު ވެކްސިން ދިނުމުގެ ފަހުން އޯޓިޒަމް ޖެހޭކަމަށް ނުދައްކާ؛ އަދި އެމްއެމްއާރު ވެކްސިން ޖެހުމަށްފަހު ވަކި ދުވަސްވަރެއްގައި އޯޓިޒަމް ޖެހޭކަމުގެ ހެއްކެއް ވެސް ނެތް." ހްވިޑް އާއި އޭނާގެ ޓީމުން ޝާއިރުކުރިއެވެ.
މިފަދަ ހޯދުންތަކަށް ބިނާކޮށް އެތައް ޑޮކްޓަރުންނާއި ކަމާބެހޭ ފަރާތްތަކުން ދަނީ ވެކްސިން ދިނުމުގެ މުހިންމުކަން ބަޔާންކޮށް، ވީހާވެސް އަވަހަކަށް ވެކްސިން ދިނުމަށް ގޮވާލަމުންނެވެ. ރާއްޖޭގައިވެސް ވެކްސިން ދިނުމަށް ދެކޮޅު ހަދާ މީހުން ވަނީ މިފަހަކަށްއައިސް އިތުރުވެފައެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިމި ބިހި ޖެހިފައިވާ މީހަކު ފެނިފައިނުވި ނަމަވެސް މި މަހުގެ ތެރޭގައި، ވެކްސިން ނުޖެހުމުގެ ސަބަބުން މި ބަލިިވަނި އަލުން ރާއްޖެއިން ފެނި، ފެތުރެން ފަށާފައެވެ.
މިދިޔަ އަހަރު ޤާނޫނަށް ގެނެސްފައިވާ ބަދަލުން މިހާރު ކުޑަކުދިންނަށް ވެކްސިން ނުދިނުމަކީ ޤާނޫނީ ކުށެކެވެ.
މި ހޯދުންތަކާއި ބެހޭ ގޮތުން އެނަލްސް ގައި ޝާއިރުކޮށްފައިވާ ލިޔުން ކިޔުއްވުމަށް:
https://annals.org/aim/fullarticle/2727726/measles-mumps-rubella-vaccination-autism-nationwide-cohort-study