އައްޑޫ ސިޓީ ކައުންސިލުން މިދައުރުގައި ނިންމާފައިވާ ނިންމުންތަކުގެ ކޮޕީ ދިނުމަށް އުޒުރުވެރިވަނީ ލިޔެކިއުންތަކުގެ އަސްލު އޮޅިދާނެތީ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ގާނޫނު ނަންބަރު 1/2014ގެ ދަށުން އައްޑޫ ސިޓީ ކައުންސިލުގެ މި ދައުރުގެ ނިންމުންތައް ހޯދުމަށް އައްޑޫލައިވްއިން ކައުންސިލަށް ހުށަހެޅި އާރުޓީއައި ފޯމުގެ ޖަވާބުގައި ކައުންސިލުން ފޮނުވި ސިޓީގައި ބުނެފައިވަނީ "ކައުންސިލުން މިދައުރުގައި ނިންމާފައިވާ ނިންމުންތަކުގެ ކޮޕީތައް އީމެެއިލް މެދުވެރިކޮށް އެއް ފަހަރާދޭ ހާލަތުގައި އެ ނިންމުންތަކުގެ އަސްލު ދެމެހެއްޓުމަށް ދަތިވެދާނެ ފަދަ ހާލަތެއް ނުވަތަ އަސްލު އޮޅިދާނެ ފަދަ ހާލަތެއް ދިމާވެދާނެކަމުގެ އިހްތިމާލު އެބައޮތް ކަމަށެވެ".
ކައުންސިލުން މިގޮތަށް ބުނެފައިވާ އިރު މި ނޫހުން އެދުނު ލިޔެކިއުންތަކަކީ ކައުންސިލުން ނިންމައި ގާނޫނީ ގޮތުން ހާމަކޮށް ފެންނާން ހުންނާންޖެހޭ ލިޔެކިއުންތަކެވެ. އަދި މި ލިޔުންތައް ސައްހަ ލިޔުމަކަށްވަނީ ވެސް ގާނޫނުގައި ބުނާ ގޮތުން ނިންމުންތައް އާއްމު ކުރުމުންނެވެ.
އައްޑޫ ކައުންސިލުން ބުނީ ކައުންސިލްގެ މިދައުރުގައި 800 އެއްހާ ނިންމުން ނިންމާފައިވާ ކަމަށެވެ. އަދި މި ލިޔުންތައް ދިނުމަށް ކުރާން ޖެހޭ މަސައްކަތަކީ ވަރަށް ގިނަ ވަގުތު ހޭދަވާނެ މަސައްކަތެއް ކަމަށެވެ.
ކައުންސިލުން މި ގޮތަށް ބުނި އިރު މި ލިޔެކިއުންތައް ބަރާބަރަށް ބެލެހެއްޓި، ކައުންސިލްގެ ވެބްސައިޓުގައި ނުވަތަ ކައުންސިލް އިދާރާގެ ނިންމުންތައް ވަކިން ރައްކާކޮށް ތަރުތީބު ކުރެވިފައިވާ ނަމަ މިކަމަކީ ގިނަ ވަގުތު ނަގާނެ ކަމެއް ނޫނެވެ. އަދި މި މަސައްކަތް އިތުރަށް ފަސޭހަ ކުރުމަށް މިނޫހުގެ ފަރާތުން އެދިފައިވަނީ ނިންމުންތަކުގެ ސޮފްޓް ކޮޕީ އީމެއިލް މެދުވެރިކޮށް ދިނުމަށެވެ.
ކައުންސިލުން އެކަމަށް ދިން ޖަވާބަކީ ގޫގްލް ޑްރައިވަށް މި ލިޔުންތައް ލުމުން ނެޓްވޯކް ސްޕޭސްއަށް މައްސަލަ ދިމާވާކަމަށެވެ. މިއީ މިފަދަ ޓެކް ޒަމާނެއްގައި ކައުންސިލުން ދިން ވަރަށް ތާކުންތާކު ނުޖެހޭ ޖަވާބެއް ކަމަށް މި ނޫހުން ދެކެއެވެ.
"އައްޑޫލައިވް" އިން މި ނިންމުންތައް ހޯދުމަށް ހުށަހެޅީ އައްޑޫ ކައުންސިލްގެ ނިންމުންތައް ބަރާބަރަށް އާއްމު ނުކުރާތީ ކައުންސިލް ބަރާބަރަށް މަސައްކަތް ކުރޭތޯ ބެލުމަށެވެ. އެގޮތުން މިހާތަނަށް އެންމެ ފަހުން އައްޑޫ ކައުންސިލްގެ ވެބްސައިޓުގައި ނިންމުމެއް އާއްމުކޮށްފައިވަނީ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. އެދުވަހު އާއްމުކޮށްފައިވަނީ 3 ވަނަ ކައުންސިލްގެ 119 ވަނަ ޖަލްސާގައި ނިންމާފައިވާ ނިންމުންތަކެވެ. މި ޖަލްސާ ބާއްވާފައިވަނީ 2019 ޑިސެމްބަރ މަހު 25 ވަނަ ދުވަހުއެވެ.
ލާމަރުކަޒީ ގާނޫނުގެ 49 ވަނަ މާއްދާގެ (ނ)ގައި ސިޓީ ކައުންސިލްގެ މޭޔަރގެ ވާޖިބެއްގެ ގޮތުގައި ކައުންސިލްގެ ނިންމުންތައް އާއްމު ކުރަންޖެހެއެވެ. ގާނޫނުގެ 49 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ސިޓީ ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ އިދާރާ މެދުވެރިކޮށް ޝާއިއުކުރުމާއި ތަންފީޒުކުރަން ޖެހޭނެކަމަށެވެ.
އަދި މިގާނޫނުގެ 118 ވަނަ މާއްދާގައި ބުނެފައިވަނީ ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި ކަންތައްތައް އާންމުކޮށް ހާމަކުރަންވާނެއެވެ. މިގޮތަށް ހާމަނުކުރެވޭ އަމުރުތަކަކީ ސައްހަ އަމުރެއް ކަމުގައި ނުބެލެވޭނެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ނިންމުންތައް ދިނުމަށް އުޒުރުވެރިވެ އެކަމާއި ގުޅިގެން ކައުންސިލުން ފޮނުވި ސިޓީގައި ހުރި އުޒުރަކީ ޒިއްމާދާރުކަން ކުޑަ އުޒުރަކަށް ވުމާއި އެކު އަދި ލާމަރުކަޒީ ގާނޫނުގެ 49 ވަނަ މާއްދާގެ (ނ) އަދި 118 ވަނަ މާއްދާގައިވާ ގޮތަށް އާއްމު ކުރަން ޖެހޭ މައުލޫމާތެއް ނުދިނުމުގެ ސަބަބުން މި މައްސަލަ އިންފޮމޭޝަން ކަމިޝަނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.