އައްޑޫގެ ތަރައްޤީއަކީ އެމަނިކުފާނު އެންމެ އިސްކަންދެއްކާނެ ކަންތައް ކަމަށް ބުނެ ދެއްކެވި ވާހަކަ އާއި މެދު އޭރުވެސް ސިޔާސީ ފަރާތަކުން ދިޔައީ ފާޑުކިޔަމުންނެވެ.
އައްޑޫގެ ތަރައްޤީއަށްޓަކައި ނަޝީދު ސަރުކާރުން ފައްޓަވާފައިވާ ގިނަ މަޝްރުއުތައް ހުއްޓިފައި ވަނިކޮށް އެހެން ނަމެއްގައި ކަންތައް ފަށްޓަވައިދެއްވައި އައްޑޫއަށް ތަރައްޤީ ގެނެސްދޭން ވަހީދު ދިޔައީ ވައުދު ވަމުންނެވެ.
ބައިވޯޓާ އާއި ސަދަަން ޔޫޓިލިޓީން ފެށި ސާފު ބޯފެނާއި ނަރުދަމާގެ މަޝްރޫއު ނިމި ހިތަދޫގެ ގެތަކަށް ފެން ގުޅައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ރައްޔިތުން އަސާސީ ހިދްމަތްތަކުން މަހުރޫމުފައިވާ ކަމަށް ބުނެ އެއީ އެކަން ވެގެންވާނެ ގޮތް ނޫންކަމަށް ވިދާޅުވެ ކުރީގެ ސަރުކާރު ތަކަށް ފާޑު ވިދާޅުވެ ވާހަކަފުޅުދެއްކެވިއެވެ.
އަދި އައްޑޫއަށް ފެން ދިނުމަށް އެމްޑަބްލިއުއެސްސީ އާއި ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެ އައްޑޫން ފުރާވަޑައިތް ފަހުން ދެމަސްވީ އެވެ. އަދި ވެސް އެއްވެސް ހިލަމެއް ނުވެއެވެ.
ހިތަދޫގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހެދުމަށް ރޯޑް ކޯޕަރޭޝަނާއި ހަވާލުކޮށް ، އެއްވެސް ބެލުމެއް ޕްލޭނެއް ނެތި ފެށި މަސައްކަތް މިއަދު ވީހިސާބެއް އެގޭ މީހަކު ނެތެވެ. މޭއި 9 ވަނަ ދުވަހު ހެނދުނު ޝަރައްފުއްދީނު މަގު ކަހައި މަގުގެ ދެފަރާތުގައި ދަނގަޑު ބުރި ޖަހައި މަސައްކަތް ފަށްޓާފައި ދެން ފެނުނީ މެދެއާރި މަގުންނެވެ.
ކައުންސިލް ހުއްދައެއް މަގު ހެދުމުގެ ޕްލޭނެއް ނެތި މަސައްކަތް ފަށައިގަތުމުން ކައުންސިލުން ސުވާލު ކުރުމުން އެހާ ހިސާބުން މަގުގެ އީއައިއޭ ހަދަން ބަޔަކު އަންނަ ވާހަކައިގެ އަޑު އިވުނެވެ. އަދި މިހާތަނަށް އެއިން މީހަކު ނުފެނެއެވެ.
މެދެއާރި މަގުގެ އެއްބައި މަސައްކަތް ފަށްޓައި ދެފަރާތުގެ ޕޭވްމަންޓް ހަދަމުން ގޮސް މިހާރު އެއްވެސް މަސައްކަތެއް ނުކުރެއެވެ. ހަގީގަތުގައި މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ ފައިސާގެ މައްސަލަތަކާއި މަގުގެ ޕްލޭނެއް ނެތުމާއި ހެދިއެވެ.
ސެޕްޓެމްބަރު 7 ވަނަ ދުވަހަު ބާއްވާ ރިއާސީ އިންތިހާބްގައި ވަހީދު އަމިއްލަ ގޮތުން ވާދަކުރުމަށް ނިންމަވައި މިހާރު ހުރިހާ ވަގުތެއް ވެސް ހޭދަވަނީ ކެމްޕެއިން ކުރެއްވުމުގައިއެވެ. އެހެންވެ މިމަޝްރޫއު ތަކާއި މެދު މިހާރު ހަނދާނެއް ހުރި ހެން ހީނުވެއެވެ.
ގަމުގެ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުވެސް ފައްޓަވައިދެއްވީ އެކަހަލަ ގޮތަކަށެވެ. ރަސްމީ ކެމްޕެއިން ލޯންޗްކުރެއްވުމުގެ ކުރިން އެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރުމަށް ފާޑެއްގެ ރަސްމިއްޔާތެއް ބޭއްވިއެވެ. ގަލްފު ކޮބްލާއިން ގެނައި ކޮންނަ ބޯޓު ގަމާއި ފޭދޫއާއި ދެމެދަށް ވެއްދުމަށް ތަފާތު ފަހަރުމަތިން މަސައްކަތްކޮށް އަދިވެސް ކާމިޔާބެއް ނުވެއެވެ. އެހެންވެ ހަގީގަތުގައި ރަންވޭ ދިގުކުރުމަށް ބިންހިއްކަން ފަށާނެ ދުވަހެއް ނޭގެއެވެ.
ސިޔާސީ ފަރާތްތަކުން ވަހީދުގެ މި މަޝްރޫއުތަކަށް ފާޑު ކިޔަމުން ދަނީ ރޭވުންތެރިކަމެއް ނެތުމުންނެވެ. އެކަން މިހިރަ ދަނީ ފެންނަމުންނެވެ.
ރިއާސީ އިންތިހާބަށް ވާދަކުރައްވާއިރު އައްޑޫގެ ތަރައްޤީގެ ކަންކަމުގައި ވަހީދުގެ ސަރުކާރުން މިހާރު އަމަލު ކުރަމުންދާ ދޯހަޅި ސިޔާސަތު ރައްޔިތުން މިތިބީ ބަލާށެވެ.
އައްޑޫގެ ސިއްޙީ ހާލަތު ގޯސްވެ ހޮސްޕިޓަލުން އެދެވޭ ފަރުވާއެއް ނުލިބިގެން އުޅޭއިރު އެތައް ފަހަރެއްގެ މަތިން އައްޑޫއަށް ޒިޔާރަތްކޮށްފައިވާ އިރު ސިއްހީ ހިދްމަތް ރަނގަޅުކޮށްދެއްވުމަށް ކުރެއްވި އެއްވެސް މަސައްކަތެއް ފެންނާކަށްނެތެވެ. ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގެ ފެންވަރު ބެލީ އެންމެ ފަހަރަކުއެވެ.
އައްޑޫގައި އަޅަން ނަޝީދު ސަރުކާރުން ނިންމި ހޮސްޕިޓަލްގެ ވާހަކަ ވަހީދުގެ ސަރުކާރުން މިއަހަރު ކުރީކޮޅު ދެއްކިއެވެ. އެފަހުން އެވާހަކައިގެ އަޑު ކެޑިފައިވަނިކޮށް ސިއްހީ މެނިފެސްޓޯއިން ހޮސްޕިޓަލެއްގެ ވާހަކަ އިވުނެވެ. ފަހަރުގައި އިންތިހާބުގެ ފަހުން ކުރަން ބޭއްވީ ކަމަށް ވެދާނެއެވެ.
ގަމުގެ ވައިގެ ބަނދަރުން ސިދާ ކޮލަމްބޯއަށް ނުވަތަ ރާއްޖޭން ބޭރަށް ދެވޭނެ ދުވަހަކީ އައްޑޫ ރައްޔިތުން އެންމެ އުފާވާނެ އެއްދުވަހެވެ. އެކަމަށް ސްރީލަންކަން އިން އެދިގެން ތިއްބާ ބަނގުރޫޓްވެދާނެ ކަމުގެ ބިރު އޮތް ގައުމީ އެއާލައިނަށް އެފުރުސަތު ދީ އައްޑޫ ރައްޔިތުން ފެލުމަށް ހިތްވަރު ދެއްވައި ދަތުރު ކުރުމުގެ ހުއްދަ ދިނީއެވެ.
ގަން / ކޮލަމްބޯއަށް މޯލްޑިވިއަނުން ހާމަ ކުރި އަގަށް ބަލާއިރު އައްޑޫ ރައްޔިތުން އަތުން ނަގާ އަދަދު މާލެ / ޗެންނާއި އާއި ދެމެދަށް ނަގާއަގަށް ވުރެވެސް ބޮޑެވެ. އަދި މާލެއިން ކޮލަމްބޯއަށް އެންމެ އަގު ހެއު ރޭޓް ކަނޑައަޅާފައިވާ އިރު ދަތުރުގެ ބަކީ އަގު ހަމަޖައްސާފައިވަނީ އައްޑޫ ރައްޔިތުން އަތުން ނަގާ 269 ޑޮލަރުންނެވެ.
އައްޑޫއަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދްމަތް ދެމުން އައި ސަދަން ޔޫޓިލިޓީ އުވާލައި ހެދި ފެނަކަ އައި ފަހުން އައްޑޫން ރައްޔިތުން ގިނަ ވަގުތު ތިބެން ޖެހުނީ ކަރަންޓް ނެތި ކަނު އަދިރީގައެވެ. މިހާރު ކުންފުނީގައި ތިބި 15 ، 20 އަހަރުވެފައި ތިބި މުވައްޒަފުން ފެނަކަ އަށް ވަގުތީ މުވްއަޒަފުންގެ ގޮތުގައި ބަދަލު ކޮށް ތިންމަސް ހަމަވީއިރަށް އަނެއްކާ ވަނީ ވަގުތީ މުއްދަތު އިތުރުކޮށްފައެވެ.
އައްޑޫ ރައްޔިތުންނަށް ވަހީދުގެ ސަރުކާރުން މުޅިން ލިބުނީ ގެއްލުމެވެ. އެއްވެސް ކުލައެއް ނެތް ހުވަފެންތަކެވެ. ފެށި މަޝްރުއުތައް އޭގެ ޒާތުގައި ހުއްޓި ނިމިއްޖެއެވެ.