މިހާރު މަރަދޫގައި ކުރިއަށްދާ ކުރުގާ ގޯދިއްޔާ ފުޓްސަލް ގައި ރޭ ކުޅުނު ތިން މެޗްގެ ތެރެއިން ފުރަތަމަ މެޗް ފޯރި ގަދަ ކުޅުމަކަށް ފަހު ކްލަބް މަރަދޫ މޮޅުވެއްޖެއެވެ.
ރޭގެ މެޗްގައި ފުރަތަމަ ގޯލް ޖެހީ މާކަރީ ޔުނައިޓެޑުންނެވެ. މާކަރީ ޔުނައިޓެޑްގެ ފަތުހުއްﷲ ޖަމީލް ލަނޑެއް ޖަހައި މާކަރީއަށް ކުރި ހޯދާދީފައި ވަނިކޮށް ކްލަބް މަރަދޫގެ ހުސެއިން ސުހެއިލް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
އަދި ފުރަތަމަ ހާފް ނިމުނު އިރު ކްލަބް މަރަދޫވަނީ އިތުރު ލަނޑެއް ޖަހައި މެޗްގެ ސްކޯ 2-1 ބަދަލުކޮށްފައެވެ.
ދެވަނަ ހާފްގައި އިބްރާހިމް މުހައްމަދާއި، މޫސާ ނަޝީދު ވަނީ އިތުރު ގޯލް ޖަހައި މެޗްގެ ނަތީޖާ 5-1 ލަނޑަށް ބަދަލުކޮށްފައެވެ. މާކަރީ ޔުނައިޓެޑުން ވަނީ ފަހަތުން އަރާ އިތުރު ތިން ގޯލް ޖަހާފައެވެ. އެގޮތުން މާކަރީގެ އަބްދުﷲ ޝިޔާޒް އާއި މުހައްމަދު ވިޝާހު އަދި މުހައްމަދު އަލީ ވަނީ ސްކޯ ކޮށްދީފައެވެ. މެޗް ނިމުނީ 5-4 ލަނޑުން ކްލަބް މަރަދޫ މޮޅުވެގެންނެވެ.
ރޭގެ ދެވަނަ މެޗްގައި އެފްއާރްޓީ އާއި ބައްދަލުކޮށް އަބާނީ މޮޅުވީ 1-0 ލަނޑުންނެވެ. މެޗްގެ ހަމައެކަނި ލަނޑު އަބާނީ އަށް ޖަހައި ދިނީ އަބްދުﷲ އަފްޝީންއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އަބާނީގެ މުހައްމަދު އަހުމަދުއެވެ.
ރޭގެ ފަހު މެޗްގައި ކެންޑާ އެފްސީ އާއި ޔަންގް ވަންސް ބައްދަލު ކުރި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.
ކެންޑާ އަށް ލަނޑު ޖަހައިދިނީ ހުސެއިން އިގްބާލް އާއި އަބްދުﷲ އިމްތިޔާޒްއެވެ. ޔަންގްވަންސް އަށް ލަނޑު ޖަހައިދިނީ ހުސެއިން ރައުޝާން އާއި އަކްރަމް އަބްދުއް ރަޝީދުއެވެ. ފަހު ހާފްގައި ޔަންގްވަންސް އަށް ވަނީ ތިން ޕެނަލްޓީ ލިބިފައެވެ. ނަމަވެސް ހުރިހާ ޕެންލްޓީއެއް ކީޕަރުވަނީ މަތަކޮށްފައެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔަންގް ވަންސްގެ އަހުމަދު ސިނާން މުހައްމަދުއެވެ.
މި މުބާރާތުގައި މިރޭ ފުރަތަމަ ކުޅޭނީ ރިއަލް މަރަދޫ އާއި ފްރެންޑްސް ކްލަބެވެ. ދެވަނަ މެޗްގައި ބައްދަލުކުރާނީ ޒިލޮޓް އާއި ޔުނިއަން ސްޕޯޓްސްއެވެ. އަދި ފަހު މެޗްގައި ބައްދަލުކުރާނީ އެފްސީ ޒެފިއާ އާއި ޓިއެފްޓީ ވެރިއާސް އެވެ.