އިދާރީ މައްސަލަތަކާއި ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ބައެއް ނިންމުން ނެތް ކަމަށް ކައުންސިލުން ބުނެފިއެވެ.
"އައްޑޫލައިވް" އިން އައްޑޫ ކައުންސިލްގެ މި ދައުރުގެ ނިންމުންތައް ހޯދުމަށް ހުށަހެޅި އާރްޓީއައި ފޯމުގެ ޖަވާބުގައި ކައުންސިލުން ބުނެފައިވަނީ އިދާރީ މައްސަލަ ތަކާއި ގުޅިގެން ބައެއް ނިންމުންތަކުގެ ނަންބަރު ކެނޑިފައިވާ ކަމަށެވެ.
ކައުންސިލުން ބުނެފައިވަނީ 2017 ވަނަ އަހަރުގެ 249،244، 242 އަދި 250 ނަންބަރު ނިންމުމާއި 2018 ވަނަ އަހަރުގެ 21 ވަނަ ނަންބަރުގެ ނަންބަރު ކެނޑިފައިވަނީ އިދާރީ ގޮތުން އެރި އޮޅުމަކުން ކަމަށެވެ. އަދި 2019 ވަނަ އަހަރުގެ 283 ވަނަ ނަންބަރުން ފެށިގެން 289 ނަންބަރުގެ ނިޔަލަށް އަދި 94، 267،266،224،223 އަދި 277 ނަންބަރުގެ ނިންމުން ނަންބަރު ކެނޑިފައިވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނެފައިވަނީ ބައެއް ނިންމުންތައް ވެބްސައިޓުގައި ޝާއިއުނުވެ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ފާހަގަކުރެވިފައިިވާ ނިންމުންތައް 7 ދުވަހުގެ ތެރޭގައި އާއްމު ކުރާނެކަމަށް ކައުންސިލުން ވަނީ އައްޑޫލައިވްއަށް ޖަވާބުދީފައެވެ. އަދި ކައުންސިލްގެ "އިދާރީ އޮޅުން" ނާރައި ހުރި ނިންމުންތައް ވަނީ ޕެންޑްރައިވަކަށް އަޅާދީފައެވެ.
ކައުންސިލުން އިދާރީ އޮޅުން އަރައި ކެނޑިފައިވާ ނަންބަރު ކަމަށް ބުނެފައިވާ ނިންމުންތަކުގެ އިތުރު ތަފްސީލު ހޯދުމަށް "އައްޑޫލައިވް"އިން ވަނީ ނިންމާފައެވެ. އެގޮތުން ކައުންސިލް ބައްދަލުވުންތައް ބޭއްވެމުން އައި ގޮތާއި، ފާހަގަ ކުރެވިފައިވާ ނަންބަރުތަކުގެ ކުރިއަދި ފަހުގެ ނިންމުންތަކާއި، އެ ދުވަސްވަރު ކައުންސިލުން ނިންމި ނިންމުންތައް ދިރާސާ ކުރުމަށް ވަނީ ނިންމާފައެވެ.
މި ނިންމުންތަކުގެ ނަންބަރު ކެނޑިފައިވާ ގޮތާއި މިކަމުގައި ޝާމިލްވާ ފަރާތްތަކުގެ އިތުރު ތަފްސީލާއި، މި ފަދަ ގޮތެއް ތަކުރާރު ނުވާނޭ ގޮތަށް ކައުންސިލްގެ އިދާރީ ކަންކަން ބެލެހެއްޓޭތޯ ބެލުމަށް އިތުރު މައުލޫމާތު ހޯދުމަށް ކުރިއަސް ހުރި ދުވަސްތަކުގައި "އައްޑޫލައިވް"އިން ކައުންސިލަށް އިތުރު އާރުޓީއައި ފޯމު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު "އައްޑޫލައިވް"އިން ހުށަހެޅި 16 ފޯމުގެ ތެރެއިން 4 ފޯމަށް ކައުންސިލުން ވަނީ ޖަވާބުދީފައެވެ. ބާކީ 12 ފޯމަށް ޖަވާބު ދިނުމަށް ކައުންސިލުން ވަނީ އިތުރު 14 ދުވަސް ބޭނުންކަމަށް އަންގާފައެެވެ.
ކައުންސިލުން ނިންމާ ނިންމުން ކައުންސިލް އިދާރާ މެދުވެރިކޮށް އާއްމު ކުރުވުމާއި ތަންފީޒު ކުރުވުމަކީ މޭޔަރގެ ޒިއްމާއެކެވެ. އަދި މޭޔަރ ނެތް ހާލަތެއްގައި ޑެޕިއުޓީ މޭޔަރގެ ޒިއްމާއެކެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ 118 ވަނަ މާއްދާގައި ކައުންސިލްގެ ނިންމުން ހާމަ ކުރުމަޖެހޭކަމަށް ބަޔާންކޮށްފައިވާ އިރު ކައުންސިލުން ފާސްކުރާ ގަރާރުތަކާއި އަމުރުތަކާއި، ކަންތައްތައް ހާމަ ކުރަންޖެހެއެވެ. އަދި މިގޮތަށް ހާމަ ނުކުރާ އަމުރު ތަކަކާއި ނިންމުންތައް ސައްހަ ނިންމުންތަކެއްގެ ގޮތުގައި ނުބެލޭނެއެވެ.
އައްޑޫ ކައުންސިލްގެ ނިންމުންތައް އާއްމު ކުރާައިރު މިހާތަނަށް އާއްމުކޮށްފައިވަނީ މުޅިންވެސް ކައުންސިލްގެ ނިންމުން އެކަނިއެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ނިންމުން އާއްމު ކުރަނީ ކައުންސިލް ޖަލްސާގެ މުޅި ޔައުމިއްޔާ އާއި އެކު ވަރަށް ތަފްސީލް ކޮށެވެ. އެގޮތުން ހދ. ކުޅުދުއްފުށީ ކައުންސިލް ފަދަ ކައުންސިލްތަކުގެ ނިންމުން އާއްމު ކުރަނީ މުޅި ބައްދަލުވުމުގެ ޔައުމިއްޔާ އާއިއެކުއެވެ. އަދި ވަކިން ނިންމުންތައް އާއްމު ކުރެއެވެ.