ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާ އިން މަރުވި މީހުންގެ އަދަދު 170 އަށް އަރައިފިއެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މަރުވި 170 މީހުންގެ ތެރެއިން 162 މީހުން މަރުވެފައިވަނީ މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސުންނެެވެ.
މި ބަލި ޗައިނާގެ ޖުމްލަ 7811 މީހުންނަށް ޖެހިފައިވާއިރު، އޭގެތެރެއިން 1370 ހާލު ސީރިއަސް ކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ހާމަކުރެއެވެ.
މިދިޔަ ހަފްތާއާ އަޅާ ބަލާއިރު މި ބަލީގައި މަރުވި މީހުން އަދި މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ބަލީގައި މިހާތަނަށް މަރުވެފައިވާ އެންމެން ވެސް ނިސްބަތްވަނީ ޗައިނާ އަށެވެ.
ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީންނެވެ. ނަމަވެސް ވޫހާންގެ އިތުރުން ޗައިނާގެ އިތުރު ސިޓީތަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު އެގައުމުގެ ބައެއް ސިޓީތަކުން މީހުން ދަތުރުކުރުމާއި އަދި އައުން ވެސް ވަނީ މަނާކޮށްފައެވެ.
މި ބަލި ޖެހިފައިވާ މީހުން އެހެން ގައުމުތަކުން ވެސް ފެންނަމުންދާއިރު، ބައެއް ގައުމުތަކުން މިހާރު އަންނަނީ ޗައިނާގައި ތިބި އެގައުމުތަކުން ރައްޔިތުން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް އެއާލައިންތަކުން ވަނީ ޗައިނާ އަށް ކުރާ ދަތުރުތައް ވެސް މެދުކަނޑާލާފައެވެ.
ނޮވެލް ކޮރޯނާ ވައިރަހަކީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށް ޗައިނާ އިން ބުނެފައިވާއިރު، މި ބައްޔަށް އަދި ވެކްސިނެއް ހޯދިފައެއް ނުވެއެވެ.