އާ އަހަރު ފެށުނީއްސުރެ އައްޑޫން ކަރަންޓް ކެނޑި ޢާންމުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވަމުންދާ ކަމަށާއި، މިކަމުގެ ޒިންމާ ފެނަކަ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ބޭނުން ކުރާ ހަ ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވުމާ ގުޅިގެން ގުޅިފައިވާ ރަށްރަށުގެ އެކި
ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑަމުންދާ މައްސަލާގައި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކަރަންޓް ކެނޑުމުގެ މައްސަލަ ބޮޑުވެފައިވާ އިރު، ރޭގަނޑު މަގުތަކުގައި ކަރަންޓް ނެތުމުން ކުށްކުރާ މިންވަރު އިތުރުވެ، އެކި ތަންތަނުގައި ރޭގަނޑު ސެކިއުރިޓީ ބަލެހެއްޓުން ވެސް "ބިރުވެރި ކަމަކަށް" ވެފައިވާ ކަމަށެވެ.
މޭޔަރު ވިދާޅުވީ ދިރިއުޅުމުގެ ބޮޑުބައި ކަރަންޓަށް ބަރޯސާވާ އިރު ކަރަންޓް ކެނޑެމުންދާތީ ޢާންމުންގެ މުދަލަށް ގެއްލުންވަމުންދާ ކަމުގެ ޝަކުވާތައް ވެސް ކައުންސިލަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.
ސޯބެ ވިދާޅުވީ ކަރަންޓް ކެނޑެން ދިމާވީ ފެނަކައިގެ ދަށުގައި އޮތް ސަދަން ޔުލިޓިލީޒް ލިމިޓެޑް (އެސްޔޫލް) ގެ ފަރުވާ ކުޑަކަމުންކަން ފާހަގަ ކުރެވޭ ކަމަށެވެ.
މޭޔަރު އިތުރަށް ވިދާޅުވީ ޑީސެންޓްރަލައިޒްކޮށް ހިންގަމުން އައި ތަންތަން ސެންޓްރަލައިޒްކޮށް ކައުންސިލަށް ލިބިފައިވާ ބާރުތައް މާލެއަށް ގެންދިއުމުން ކައުންސިލްގެ އަތް ބަނދެވިފައިވާ ކަމަށާއި އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައިގެ ޒިންމާ، ޔުޓިލިޓީޒް ކުންފުންޏާއި ފެނަކަ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށެވެ. އަދި އެސްޔޫއެލް ފެނަކަ އަށް ބަދަލު ކުރި ފަހުން ކަރަންޓްގެ ހާލަތު ގޯސްވަމުންދާ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ ދެ ޖަނަރޭޓަރު ހަލާކުވުމާ ގުޅިގެން ކަރަންޓަށް މިހާރު ދިމާވަމުންދާ މައްސަލަ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅިން ހައްލު ކުރެވޭ ވަރު ވާނެ ކަމަށް ކަމަށް އެސްޔޫއެލް ވަނީ ބުނެފަ އެވެ