ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ އިތުރު މީހަކު ނެތް ކަމަށާއި ނަމަވެސް އިތުރު ދެ މީހަކު މޮނީޓާ ކުރަމުންދާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވިދާޅުވީ އިތުރު މީހަކު ބައްޔަށް ޓެސްޓު ކުރަން ނިންމާފައި ނުވާ ކަމަށާއި އެކަމަކު ދެމީހެއްގެ ސިއްހީ ހާލަތަށް ބަލައި މޮނީޓާ ކުރަމުންދާ ކަމަށެވެ.
އެގޮތުން އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށާއި އެ ދެ މީހުން ވެސް ވަނީ ޗައިނާ އަށް ގޮސްފައި ކަމަށް އަމީން ވިދާޅުވިއެވެ. އަދި އެ ދެ މީހުން ވެސް މިހާރު ފުނަދޫގައި އެކަހެރި ކުރެވިފައިވާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
"މޮނީޓާ ކުރަމުންދާ ދެ މީހުން ވެސް ޓެސްޓް ކުރާނެ. އެކަމަކު އެއީ ކްރައިޓީރިޔާތަކަށް ފެތޭ ދެ މީހުންނެއް ނޫން" އަމީން ވިދާޅުވިއެވެ.
ރާއްޖެ އިން މި ވައިރަހަށް ޝައްކު ކުރެވޭ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ދާދިފަހުން ފެނިފައިވާއިރު އޭނާގެ ޓެސްޓުތައް ހެދުމަށް މިހާރު ވަނީ ފޮނުވާފައެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ލިބޭނީ ދެ ތިން ދުވަސް ފަހުން ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މުޅި ދުނިޔެ އަށް އިއުލާންކޮށްފައެވެ.
މި ބަލީގައި މިހާތަނަށް ޗައިނާ އިން ވަނީ 213 މީހުން މަރުވެފައެވެ. އަދި މި ބަލި މިހާތަނަށް ޗައިނާގެ 9000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޖެހިފައެވެ.