ހުޅުދޫ އަދި މީދޫގެ އިދާރީ މިނިވަންކަން ރައްޔިތުންނާއި ހަވާލުކޮށްދެއްވާނެ ކަމަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި އައްޑޫ މޭޔަރު ކަމަށް ވާދަކުރައްވަން ޓިކެޓް ކަށަވަރުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ޕްރައިމަރީއަށް ފަހު އިއްޔެ ހުޅުމީދޫއަށް ވަޑައިގެން އެ ދެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ނިޒާރު ވިދާޅުވީ ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން އިހްސާސް ކުރެވޭ ކަމަށެވެ. އަދި އައްޑޫގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ ހުޅުމީދޫ ރައްޔިތުންނަށް އެ ދެ ރަށުގެ އިދާރީ މިނިވަންކަން ހަވާލު ކުރާނެ ކަމަށެވެ.
ނިޒާރު ވިދާޅުވީ ހުޅުދޫ އަދި މީދޫ ރައްޔިތުންގެ މެދުގައި ވަކިވެގަތުމުގެ ވިސްނުން އުފެދުނީ އެ ދެރަށާއި މެދު އިހްމާލުވެފައި އޮތުމުން ކަމަށާއި، ހިތަދޫގައި ހުންނަ އޮފީހަކުން ހުޅުދޫ އަދި މީދޫގެ ކަންކަން ނިންމުމަކީ ގަބޫލް ކުރެއްވޭ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ ކަން ބަދަލުކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ނިޒާރު ތަކުރާރު ކުރެއްވިއެވެ.
ނިޒާރު ވިދާޅުވީ ހުޅުދޫ މީދޫ އާއި މެދު އޮތީ ތަފާތު ތަސައްވުރެއް ކަމަށާއި، މި ދެރަށަކީ އައްޑޫގެ ތަރައްޤީއަށް ވަރަށް މުހިއްމު ދެރަށް ކަމަށެވެ.
އެމްޑީޕީ ޕްރައިމަރީގައި ކެމްޕެއިން ކުރައްވަމުން ނިޒާރު ވަނީ މޭޔަރު ކަމަށް އިންތިހާބުވެއްޖެނަމަ މަހަކު ދެ ފަހަރު ހުޅުދޫ އަދި މީދޫގައި ކައުންސިލްގެ ރަސްމީ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން ހުޅުމީދޫ އާއި ހިތަދޫ އާއި ދެމެދު ބްރިޖް ގުޅާލުމަށް ކުރަންޖެހޭ ދިރާސާ ތަކާއި އެކަމާއި ގުޅުން ހުރި މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި މޭޔަރ ކަމުގެ ޓިކެޓު ނިޒާރު ހޯއްދެވީ މިހާރުގެ މޭޔަރ އަންދުﷲ ސޯދިގު (ސޯބެ)ގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.