Last Updated: November 24, 05:46
Sunday, November 24, 2024
ދުނިޔެ ކޮރޯނާ ވައިރަސް

ވައިރަސް ޖެހިގެން ޗައިނާ އިން ބޭރުގައި މީހަކު މަރުވެއްޖެ

ކޮރޯނާ ވައިރަސް ޖެހިގެން ފިލިޕިންސްގައި މީހަކު މަރުވެއްޖެއެވެ. މިއީ ޗައިނާ އިން ބޭރުގައި މިވައިރަސް ޖެހި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

ފިލިޕިންސް އިދާރާތަކާ ހަވާލާދީ "ބީބީސީ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ޗައިނާ ރައްޔިތެކެވެ.

އޭނާ އަކީ ބަލި ފުރަތަމަ ފެތުރެން ފެށުނު ވޫހާން ސްޓޭޓުން ފިލިޕިންސްއަށް ދިޔަ މީހެއް ކަމަށާއި، އެ ގައުމަށް ދިޔަ އިރުވެސް ބަލީގެ އަލާމާތްތައް އޭނާގެ ފަރާތުން ފެންނަން ހުރި ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ހާމަކޮށްފައިވެއެވެ.

މިހާތަނަށް ވައިރަސް ޖެހިގެން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 14،000 އަށްވުރެ ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

މިވަގުތު ކުރަން ކޮންމެހެން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި މާސްކު އަޅައިގެން މީހުން ގިނަ ސަރަހައްދު ތަކަށް ދިއުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.