އަންނަ އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އެއްކޮށް ބޭއްވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ)ގެ އިންތިޚާބަކީ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އިންތިޚާބެކެވެ. މި އިންތިޚާބަކީ މީގެ ކުރިން މީހުންގެ މެދުގައި މާ ހާއްސަކަމެއް ދެވިފައިވާ އިންތިހާބެއް ނޫނެވެ.
ފާއިތުވި އަހަރުތަކުގައި މި އިންތިޚާބަކީ ހަމަ އެކަނި އަންހެނުންނަށް ވޯޓުލެވޭ އިންތިޚާބަކަށް ވެފައިއޮތުން މިކަމުގެ ސަބަބަކަށް ވެދާނެއެވެ. އަދި މެމްބަރުންނަކީ ހަމަ އެކަނި އަންހެނުންނަށް ވެފައި، ކޮމިޓީގެ މެމްބަރުންނަކީ މުސާރައެއް ލިބޭ ބަޔަކަށް ނުވުމަކީވެސް މިކަމާ ދޭތެރޭ މާބޮޑު ސަމާލުކަމެއް އޭރު ނުއުފެދުނު ސަބަބަކަށް ވުން އެކަށީގެންވެއެވެ. ނަމަވެސް، 2019 ވަނަ އަހަރު ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު ބަދަލުތަކާއި އެއްކޮށް، ކައުންސިލް އިންތިޚާބޭކޭ ދާދި އެއްވަރަކަށް ޑަބްލިއު.ޑީ.ސީ އިންތިޚާބުގެ ފޯރިވެސް ވަނީ ވައިގެ ތެރޭގައި ހިފާފައެވެ. މި ރިޕޯޓުގައި ޑަބްލިއު.ޑީ.ސީ އަކީ ކޮންބައެއް ކަމާއި، ކޮމިޓީގެ މަސްއޫލިއްޔަތު ތަކަށް އަލި އަޅުވާލެވިގެންދާނެއެވެ.
ޑަބްލިއު.ޑީ.ސީ އަކީ ކޮބާ؟
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއު.ޑީ.ސީ) އަކީ ޤާނޫނުން މާނަ ކުރާގޮތުގައި "ކޮންމެ ރަށެއްގެ އަދި ސިޓީއެއްގެ ކައުންސިލާ އެކުގައި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަށްޓަކައި، އެ ރަށުގެ ނުވަތަ އެ ސިޓީގެ އަންހެނުންގެ ތެރެއިން، އެ ރަށެއްގެ ރައްޔިތުން އިންތިޚާބުކުރާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެކެވެ." އަދި މިކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ދިރިއުޅޭ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ހުރިހާ އަންހެނުންނާއި ފިރިހެނުންނަށްވެސް ލިބިގެންވެއެވެ. އަދި މިކޮމިޓީގެ މުއްދަތަކީ ކޮމިޓީ އިންތިޚާބު ކުރާ ތާރީޚުން ފެށިގެން 5 އަހަރު ދުވަހެވެ.
ޑަބްލިއު.ޑީ.ސީގެ މެމްބަރުން
މި ކޮމިޓީ އެކުލަވާ ލުމުގައި މެމްބަރުންގެ އަދަދު ކަނޑައެޅޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ އަދަދަށް ބިނާކޮށެވެ. އެގޮތުން، ރަށެއްގައިނަމަ، ކޮމިޓީގައި ތިބޭނީ 5 މެމްބަރުންނެވެ. އަދި ސިޓީއެއްގައި، ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ޢަދަދަކީ، 10،000 މީހުންނާއި 30،000 މީހުންނާ ދެމެދުގެ ޢަދަދެއްނަމަ ކޮމިޓީގައި ތިބޭނީ 6 މެންބަރުންނެވެ. ސިޓީގައި ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ ޢަދަދަކީ، 30،000 މީހުންނާ 60،000 މީހުންނާ ދެމެދުގެ ޢަދަދެއްނަމަ 10 މެންބަރުންނެވެ. އަދި ސިޓީގައި ރަޖިސްޓަރ ކުރެވިފައިވާ އާބާދީގެ ޢަދަދަކީ 60،000 މީހުންނަށްވުރެ އިތުރު ޢަދަދެއްނަމަ، 18 މެމްބަރުންނެވެ.
މި ކޮމިޓީގެ ރައީސާއި ނައިބު ރައީސާ ހޮވާނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން، އެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. އަދި ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވެއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގައި، އެދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިޚާބު ކުރަންވާނެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަޤާމު ހުސްވިއިރު ކޮމިޓީގެ ޢުމުރުގެ 1 އަހަރުދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިޚާބެއް ނުކުރެވޭނެއެވެ. އަދި މިގޮތަށް ބައި އިލެކްޝަނަކުން އިންތިޚާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެންނެވެ.
ޑަބްލިއު.ޑީ.ސީގެ ހުރިހާ މެމްބަރުންނަކީވެސް ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ލަފާގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން އެކަށީގެންވާ އުޖޫރައެއް ލިބެންޖެހޭ ބައެކެވެ. ނަމަވެސް އަދި މިހާތަނަށް އެ އުޖޫރައަކީ ކިހާވަރެއްކަން ހާމަވެފައެއް ނުވެއެވެ.
ޑަބްލިއު.ޑީ.ސީގެ މަސްއޫލިއްޔަތުތަކާއި ބާރުތަކަކީކޮބާ؟
ކުރިންވެސް ދެންނެވުނު ފަދައިން ޑަބްލިއު.ޑީ.ސީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވަނީ ކުރިއަށްވުރެ ފުޅާކުރެވިފައެވެ. އެގޮތުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮންމެ ކޮމިޓީއަކަށްވެސް މުދާ މިލްކު ކުރުމާއި ޒިންމާވުމުގެ ބާރުލިބިގެންވެއެވެ. މީގެ އިތުރުން އަންނަނިވި ކަންކަން ވަނީ މި ކޮމިޓީތަކުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަމުގައި ޤާނޫނުން ކަނޑައަޅާފައެވެ.
– ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ޚިދުމަތްތަކާ ބެހޭގޮތުން ކައުންސިލަށް ލަފާ ދިނުން؛
– ރަށުގެ ނުވަތަ ސިޓީގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން؛
– ރަށުގެ ނުވަތަ ސިޓީގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން؛
– ސިޔާސީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
– މަތީ ތަޢުލީމު ޙާޞިލުކުރާ އަންހެނުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތްކުރުން؛
– އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރުން؛
– އަންހެނުންނަށް ލިބޭ ވަޒީފާއާއި ވިޔަފާރީގެ ފުރުޞުތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުން؛
– އަންހެނުންނާބެހޭ މުހިންމު މަޢުލޫމާތު އެއްކުރުން.
މިއާއި އެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކޮންމެ އަހަރަކުމެ ޙާޞިލުކުރަން ކަނޑައަޅާ ލަނޑުދަނޑިތައް ކޮންމެ އަހަރެއްގެ ފުރަތަމަ މަހު އެކަށައަޅައި ޢާންމުކުރަންވާނެއެވެ. އަދި ފާއިތުވެދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ޙާޞިލުކުރެވުނު މިންވަރާ ގުޅޭ ރިޕޯޓު އެކުލަވާލައި ކައުންސިލަށް ހުށަހެޅުމާއެކު ރައްޔިތުންނަށްވެސް ފެންނާނެހެން ޢާންމުކުރަންވާނެއެވެ.
މީގެ އިތުރަށް ޑަބްލިއު.ޑީ.ސީ އިން ކަމެއް ކުރުން ލާޒިމުވާނަމަ، އެކަމެއް ލާޒިމު ވާނީ އެ ޑަބްލިއު.ޑީ.ސީއެއްގެ ހިންގާ ގަވައިދުން އެކަން ލާޒިމު ކުރާނަމައެވެ. މި ހިންގާ ގަވައިދު ހަދާނީ އެ ކޮމިޓީ ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ ލަފާގެ މަތިން އެ ކޮމިޓީންނެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ވަސީލަތްތަކާއި، ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ އިދާރީ އިންތިޒާމު، ހަމަޖައްސައިދޭނީ އެ ކޮމިޓީ ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލަކުންނެވެ.
ޑަބްލިއު.ޑީ.ސީއެއް އޮންނަން ޖެހެނީ ކީއްވެ؟
ޑަބްލިއު.ޑީ.ސީގެ ބާރުތައް އިތުރުވެ، ބަޖެޓު ބޮޑުވެ، މަސްއޫލިއްޔަތުތައް އިތުރުވުމާއެކު، އެންމެ ބާރަށް އިވެމުންދާ އެއް އަޑަކީ ފިރިހެނުންގެ ހައްޤު ގެއްލޭކަމާއި، ހަމަހަމަ ކަމުގެ ނަމުގައި މިންތީގެ ހަމަހަމަކަން ގެއްލުވާލަނީ ކަމުގެ ވާހަކައެވެ. އަދި ފިރިހެނުންގެ ހައްޤު ރައްކާތެރިކުރުމަށްވެސް ކޮމިޓީއެއް އުފައްދަން ޖެހޭވާހަކައެވެ. ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގައި ފިރިހެނުންނަށްވެސް ތިބެވެން ޖެހޭނެ ކަމުގެ ވާހަކައެވެ.
މިގޮތަށް ވާހަކަ ދައްކާއިރު އެންމެ ފުރަތަމަވެސް މީހުން ދުއްވައިގަންނަނީ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްޤުތަކާއި މިނިވަންކަން ލިބުމުގައި ވަކި ނަސްލެއް، އުފަންވީ ޤައުމެއް، ކުލައެއް، ޖިންސެއް، އުމުރެއް، ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް، ސިޔާސީ އަދި އެނޫންވެސް ވިސްނުމެއް، މާލީ ފުދުންތެރިކަމެއް، އާއިލާ ނުވަތަ އުފަން ރަށެއް، އަދި މިނޫންވެސް އެއްވެސް ކަމަކަށް ބަލައިގެން ނުވާނެކަން ފާހަގަ ކުރުމަށެވެ.
ނަމަވެސް މިކަން ފާހަގަ ކުރަން ހަދައިގެން އެ މާއްދާގެ (ށ) ބަލާލަން ހަނދާން ހުންނަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ، "މުޖުތަމަޢުގެ ޢާންމު ޙާލަތަށްވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ އިޖްތިމާޢީ ގޮތުން ޚާއްޞަ ރައްކާތެރި ކަމެއް ލިބިދޭންޖެހޭ ބަޔަކަށް އެހީތެރި ވެދިނުމަށްޓަކައި، ނުވަތަ ރައްކާތެރިކަން ލިބިދިނުމަށްޓަކައި ކުރާ ކަންތައްތަކަކީ މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަތަފާތުކުރުމެއް ކަމުގައެއް ނުވާނެ" ކަމަށެވެ.
ދެން ކުރިމަތި ކުރުވާ ސުވާލަކީ އަންހެނުންނަކީ ހަޤީޤަތުގައިވެސް އަންހެނުންނަކީ ދިވެހި މުޖުތަމަޢުގައި ބާރުވެރި ކުރުވަން ޖެހިފައިވާ ބައެއްތޯއެވެ؟ ރާއްޖޭގެ ތަފާސް ހިސާބު ތަކަށް ބަލާލި ކަމުގައިވަނީނަމަވެސް ކަންކަން ނިންމުމުގައި އަންހެނުންގެ ބައިވެރިވުން ހަޤީޤަތުގައި އިންތިހާއަށް ކުޑަކަން އެނގިގެންދާނެއެވެ. މިސާލެއް ނަގާކަމުގައިވަނީނަމަ، ފިރިހެން މެޖޯރިޓީއެއް އޮންނަ ރައްޔިތުންގެ މަޖިލީހަކުން މައްސަރު ޓެކުހާއި ބެހޭ ކަންކަން ނިންމުނެވެ. ކުޅުދުއްފުށި ކުޅި ހިއްކާލިިއިރު އެރަށުގެ އަންހެނުން އެ ކުޅިން ލިބިގަންނަމުންދިޔަ ސަޤާފީ އަދި މާލީ މަންފާއަކަށް ބަޔަކު ނުބަލައެވެ. ސިޔާސީ ކަންކަމުގައިވެސް އަންހެނުންގެ ހިއްސާ ގިނަ ފަހަރަށް އޮންނަނީ ކެމްޕޭން ސައި ކެއްކުމާއި ދިދަފަތި ފެހުމުގައެވެ. މިކަން ރާއްޖޭގެ މަޖިލީހާއި ކައުންސިލްތަކުގައި ތިބި އަންހެނުންނާއި ފިރިހެނުންގެ އަދަދު އަޅާ ކިޔާލިއަސް އެނގިގެންދާނެއެވެ.
ތެދުތެދަށް ދަންނަވަނީނަމަ، މިހާތަނަށް އައި އިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކީވެސް އެއްގޮތަކުން ބަލާކަމުގައިވަނީ ނަމަ ފިރިހެނުންގެ ބާރުން ހިނގަމުން އައިތަނެކޭވެސް ބުނެވިދާނެއެވެ. މި ކޮމިޓީއަށް ލިބޭ ބަޖެޓު އޮންނަނީ ކައުންސިލްގެ ބެލުމުގެ ދަށުގައެވެ. ޑަބްލިއު.ޑީ.ސީއިން ހަރަކާތެއް ބާއްވަން ބޭނުން ކަމުގައިވަނީނަމަ، ކައުންސިލަށް ފައިސާއަށް އެދި، އެފައިސާ ލިބެނީ ކައުންސިލުން އެ ފައިސާ ދޭން ފާސްކުރުމުންނެވެ. ރާއްޖޭގެ ތާރީޚަށް ބަލާލައިފިކަމުގައިވަނީނަމަ، ހުރިހާ ރަށު، އަތޮޅު އަދި ސިޓީ ކައުންސިލްތަކުގެ ވެސް މެޖޯރިޓީ ހިއްސާކުރަނީ ފިރިހެނުންނެވެ. ދެންވެސް ގެއްލެނީ ފިރިހެނުންގެ ހައްޤުތޯއެވެ؟
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެއް އުފައްދަން ޖެހުނީ މިފަދަ އެތައް ކަމަކަށް ހައްލު ހޯދުމުގެ ގޮތުންނެވެ. މި ކޮމިޓީގެ ޒަރިއްޔާއިން އަންހެނުންނަށް ސިޔާސީ، ވިޔަފާރި، ތަޢުލީމީ، އަދި އިޖުތިމާއީ ކަންކަމުގެ ތެރޭގައި އެކަށީގެންވާ ފުޅާ ދާއިރާއެއްގައި މަސައްކަތް ދަސްކޮށް، މަސައްކަތްކޮށް، އަންހެނުން ބާރުވެރިވުމަށް ފުރުސަތު ހުޅުވާލައެވެ. އަދި އަންހެނުންނާއެކު މުޅި މުޖުތަމަޢުވެސް ބާރުވެރިކުރުވައެވެ. އެކަން އިސްލާހު ކުރެވިފައިވާ މަސްއޫލިއްޔަތުތަކަށް ބަލާލުމުން ހާމަވެގެންދެއެވެ.
ޑަބްލިއު.ޑީ.ސީއަށް ކުރިމަތި ލާންވީ ކޮންބައެއް؟
2020 ވަނަ އަހަރަށް އައްޑޫ ސިޓީގެ ޑަބްލިއު.ޑީ.ސީއަށް ހަމަ ޖެހިފައިވާ ބަޖެޓަކީ ކޮމިޓީގެ މެމްބަރުންގެ މުސާރަ ނުލައި، 3.6 މިލިއަން ރުފިޔާއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ، ކައުންސިލްތަކާ ޙަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި، އެ ފައިސާގެ ޖުމްލަ ޢަދަދުގެ މަދުވެގެން %5 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ތަންފީޛުކުރުމަށްޓަކައި އެ ކޮމިޓީއާ ޙަވާލުކުރެވިގެންދާނެއެވެ. މިގޮތުން ދޫކުރެވޭ ފައިސާ،
މި ޤާނޫނުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން އެ ކޮމިޓީން ކަނޑައަޅާ މަޝްރޫޢުތަކަށް ހޭދަކުރުމުގެ ބާރު އެ ކޮމިޓީއަށް އޮންނާނެވެ.
2019 ވަނަ އަހަރު އައްޑޫ ސިޓީގެ ޑަބްލިއު.ޑީ.ސީއަށް ހަމަޖެހުނު ބަޖެޓަކީ 9.3 ލައްކަ ރުފިޔާއެވެ. އަދި މިހާތަނަށް ޙަރަދު ކުރެވުނީ 3 ލައްކައެއްހާ ރުފިޔާއެވެ. ދަންނަވަން މިއުޅޭ ވާހަކައަކީ، ކުރީއަހަރުތަކަށްވުރެ މިއަހަރުގެ ބަޖެޓު ވަރަށް ބޮޑުތަންވެސް ބޮޑެވެ. މަސްއޫލިއްޔަތުތައްވެސް ހަމަ އެހާމެ ބޮޑެވެ.
ޒަމާނުއްސުރެ ޑަބްލިއު.ޑީ.ސީ އާންމުންގެ މެދުގައި ސިފަ ވެގެންގޮސްފައިވަނީ ރަށުތެރޭގައި އޮންނަ ހަރަކާތްތަކަށް ސައި ތައްޔާރުކޮށް، ރަށަށް އަންނަ މެހެމާނުންގެ ކަރުގައި މާފަތި އަޅުވާ، ކޭކު ކޯހެއް ނުވަތަ ހެދުން ފަހާ ކޯހެއް ހިންގާލަން ތިބޭ ބައެއްގެ ގޮތުގައެވެ. އަދި މިހާތަނަށް އައި އިރު ގިނަ ޑަބްލިއު.ޑީ.ސީގެ ހުރިހާ ހަރަކާތް ނޫނަސް ގިނަ ހަރަކާތްތައް ކުރިއަށް ގޮސްފައިވެސް ވަނީ މިފަދަ ގޮތަކަށެވެ. އަބަދުވެސް އެއްބަޔަކު ބައިވެރިވާ ކޯސްތަކެކެވެ. އަބަދުވެސް އެއްކަހަލަ ކޯސްތަކެކެވެ. ދޭތެރެއަކުން ރަނގަޅު ޕްރޮގްރާމެއް ހިންގިނަމަވެސް އެ ޕްރޮގްރާމްގެ ދެވަނަ ފިޔަވަހި ނުވަތަ ފޮލޯއަޕެއް ނޯވެއެވެ. ކޯސްތަކުން ދަސްވެނިވާ ކުދިން އެދާއިރާއިން އިތުރަށް ކުރިއަށްދާނެ މަގު ހޯދައިދެވެނީ މަދުފަހަރެއްގައެވެ. ކޯސްތައް ހިންގުމުގައިވެސް "ސްކިލް ޝޯރޓޭޖް" އަށް ބެލުމެއް ގިނަ ފަހަރަކު ނޯވެއެވެ. ސްޓްރެޓަޖައިޒްކުރުމެއް، ހަރުދަނާ ރޭވުންތެރިކަމެއް، ދުރުވިސްނުމެއް އޮތްތަން މިހާތަނަށް ފެނިފައިވަނީ ވަރަށް މަދުންނެވެ.
މިއީ ފާއިތުވި ދައުރުތަކުގައި ތިބި މެމްބަރުންނަށް ފާޑުކިޔުމުގެ ނިޔަތުގައި ދައްކާވާހަކަ ތަކެއް ނޫނެވެ. ކޮމިޓީތައް ފެށުނު އިރާ އަޅާބަލާފައި ވަރަށް ބޮޑެތި ކުރިއެރުންތައްވެސް އެބަހުއްޓެވެ. ނަމަވެސް ކަންކަން މިހާތަނަށް ހިނގާގޮސްފައިވާ ގޮތަށް ބަލާފައި، ކުރިއަށް އޮތްތަނުގައި އިންތިޚާބުކުރެވޭ މެމްބަރުން ކަންކަން ރާވައި ހިންގުމުގައި، ފާއިތުވެ ދިޔަ ދައުރުތަކުގެ މެމްބަރުންގެ މަސައްކަތުން އިބުރަތް ހާސިލުކޮށް، ކަންކަން އިސްލާހުކުރުމަކީ މުހިންމު ކަމެކެވެ. އަދި މުޅި މުޖުތަމައަށް އެކަމުން ފައިދާކުރާނެ ކަންކަމެވެ.
މިކަން ހައްލުކުރުމަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލާންޖެހެނީ ތަޢުލީމީ، ޤާބިލު އަދި ލީޑަރޝިޕާއި ހިންގުމުގެ ހުނަރު ހުރި ފަރާތްތަކެވެ. 3.6 މިލިއަން ރުފިޔާގެ ބަޖެޓަކުން ހަރަކާތްތައް ރާވައި، ހިންގުމުގެ ޤާބިލުކަން ހުރިމީހެކެވެ. މުސާރައާއި، މަޝްހޫރުކަން އެއްކިބާ ކޮއްލައި، މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން ހުރި، އެކަން ކުރާނޭ މީހެކެވެ. ޕާޓީ އެކްޓިވިސްޓަކަށް ވީތީ، ޕާޓީއަށް ގޮނޑިއެއް އިތުރުކުރުމުގެ ބަދަލުގައި މުޖުތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް ނުކުންނާނެ މީހެކެވެ. ތިމާގެ "އިގޯ" ދޫކޮށްލައި، ދެންތިބި މެމްބަރުންނާއި ގުޅިގެން އެންމެންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނެ މީހެކެވެ. އަދި ކޮމިޓީއަށް މީހުން ހޮވުމަށް ވޯޓު ދިނުމުގައިވެސް ބަލަންވީ މިކަންކަމަށެވެ.